މި މައްސަލަ ހައި ކޯޓަށް ހުށަހެޅީ ޕީއެންއެފްގެ ފަރާތުން އެ ޕާޓީގެ ސެނެޓް މެމްބަރު އަދި ގާނޫނީ ވަކީލު އާދަމް އާސިފްއެވެ. އޭނާ ކޯޓަށް މައްސަލަ ހުށައަޅާފައިވަނިކޮށް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތުވެސް ވަނީ ހަމަވެފައެވެ.
ރާއިސް ޔާމިން އިސްވެ ހުންނަވާ އުފައްދަވާފައިވާ ޕީއެންއެފުން ހުށައެޅި މި މައްސަލާގައި އެދިފައި އޮތީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް 50 މީހުންގެ ތާއީދު އޮތްކަން ހާމަކޮށްދޭން އީފާސް މެދުވެރިކޮށް ތާއީދު ފޯމު ފުރުމާއި ޖެހުމަކީ އިންތިހާބުތަކާ ބެހޭ އާންމު ގާާނޫނާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. މީގެއިތުރުން އިންތިހާބަށް ކުރިމަތިލުމަށް ބޭނުންވާ ލިޔެކިއުންތަކާއި އިދާރީ ފީ އީފާސް މެދުވެރިކޮށް ދައްކަން އެނގުންވެސް ގާނޫނާއި ހިލާފުކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.
އެހެންނަމަވެސް އެ މައްސަލަ ހައިކޯޓުން ބަލައި ނުގަނެ ވަނީ ބޭރުކޮށްލާފައެވެ. އެ ކޯޓުގެ ރެޖިސްޓްރާގެ ނިންމެވުމުގައި ވަނީ އިންތިހާބަށް ކުރިމަތިލުމަށް ބޭނުންވާ ލިޔެކިއުންތަކާއި އިދާރީ ފީ އީފާސް މެދުވެރިކޮށް ދެއްކުމަށް ޝަރުތުކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް މައްސަލާގައި ބުނެފައިވާއިރު، ގާނޫނާ ހިލާފުވާ ގޮތް ގާނޫނީ އުސޫލުތަކުގެ އަލީގައި ބަޔާންކޮށްދީފައި ނުވާކަމަށެވެ.
ޔާމީންގެ އިތުރަށް، އިންތިހާބަށް ކުރިމަތިލުމުގައި އީފާސް ބޭނުންކުރަން ޖެހޭތީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަން އެގޮތަށް ކުރުމަކީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަށް އުނިކަން ލިބޭ ކަމެއް ކަމަށް ދެކޭ ކަމަށް ވިދާޅުވެފައެވެ.