ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ބުނީ މީ އިންޓާނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން ހިންގަމުންގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)' ގެ ދަށުން ކުރިޔަށް ގެންދާ ޕްރޮގްރާމެއްކަމަށެވެ.
މި ތަމްރީނުތައް ކުރިޔަށް ދާނީ މިއަދުން ފެށީގެން މިމަހުގެ 13 ނިޔަލަށް ކަމަށް މިނިސްޓްރީން ބުނެއެވެ. މި ތަމްރީނު ތަކުގެ ތެރޭގައި އެންމެ ޒަމާނީ ގްރީން ހައުސްގައި ދަނޑުވެރިކަން ކުރާގޮތުގެ މައުލޫމާތު އަދި އަމަލީ ގޮތުން މަސައްކަތްކުރުމުގެ ފުރުސަތު ދިވެހި ދަނޑުވެރިންނަށް ލިބިގެންދާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މި ތަމްރީނުގެ ޕްރޮގްރާމްގައި ބައިވެރިންގެ ގޮތުގައި ހޮވާފައިވަނީ މެޕް ގެ ފަރާތުން ކުރިއަށް ގެންދެވުނު ލީޑް ފާމާ ތަމްރީނު ނުވަތަ އިސްދަނޑުވެރިންގެ ތަމްރީނު ތައް ފުރިހަމަ ކޮށްފައިވާ ބައިވެރިންނާއި އަދި މެޕްގެ ފަރާތުން ދަނޑުވެރިންނަށް ހުޅުވާލެވުނު ގްރާންޓް، ދަނޑުވެރި މަންފާގެ ދަށުން ގްރާންޓް ލިބި އަމިއްލަ ގްރީން ހައުސް ގައި ދަނޑުވެރިކަން ކުރަންފަށައިވާ ދަނޑުވެރިންކަމަށް ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ބުނެއެވެ.
މެޕް ޕްރޮޖެކްޓްގެ ތެރެއިން ތަމްރީނުތައް ދަނޑުވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވިފައިވާކަމަށާއި 12 ރަށެއްގައި ގްރީން ހައުސް އިންސްޓޯލްކޮށްގެން ކްލައިމެޓް ސްމާޓް ނުވަތަ ތިމާވެއްޓާ ރަށްޓެހި ދަނޑުވެރިކަންވަނީ ތައާރަފް ކުރެވިފައިވާކަމަަށް މިނިސްޓްރީން ބުނެއެވެ. އަދި މީގެ އިތުރުން ދަނޑުވެރިކަމުގެ ގެންގުޅެންޖެހޭ ރަނގަޅު އާދަތައް އަދި މިންގަޑުތައް ދަސްކޮށްދީ ދަނޑުވެރިންނާއި އޮންނަ ގުޅުން ބަދަހި ކުރުމަށްޓަކައި ގިނަގުނަ އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދިޔަކަމަށްވެސް މިނިސްޓްރީން ބުނެއެވެ. .