ޒަކާތު ހައުސް އިން ބުނީ "ޒަކާތު އަސްނާފު ކާޑު" އަކީ ޒަކާތުގެ ފައިސާއިން ފޯރުކޮށްދޭ އެހީގެ ޕްރޮގްރާމްތައް މިހާރަށްވުރެ ހަރުދަނާކޮށް، ލުއިފަސޭހަކަމާ އެކު އަދި އެހީ ލިބޭ ފަރާތްތަކުގެ ކަރާމާތް ހިފެހެއްޓޭނެ ފަދަ ނިޒާމެއްގެ ދަށުން ފޯރުކޮށްދިނުމަށް ޓަކައި އުފެއްދި ކާޑެއްކަމަށެވެ.
މި ކާޑު އިފްތިތާހުކޮށްދެއްވީ އެކަމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އަސްނާފު ކާޑަކީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ތައާރަފުކުރި ކާޑެއްކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. އަދި މިއީ ޒަކާތު ހައުސްގެ ހިދުމަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްކަމަށްވެސް ޒަކާތު ހައުސްއިން ބުނެއެވެ.
ޒަކާތު އަސްނާފު ކާޑު ރަސްމީކޮށް ތައާރަފުކުރުމުގެ ތެރެއިން މިނިސްޓަރު ޝަހީމް
މި ކާޑުގެ އެހީގައި، އެހީއަށް ޝަރުތުހަމަވާ ފަރާތްތަކަށް ޒަކާތު ހައުސްއިން ފޯރުކޮށްދޭ ތަފާތު ހިދުމަތްތަކާއި، ކުރިއަށް އޮތް ތަނުގައި ތައާރަފުކުރުމަށް ރޭވިފައިވާ އިތުރު ޕްރޮގްރާމްތައް ފަސޭހަކަމާ އެކު ހޯދޭނެކަމަށް ޒަކާތު ހައުސް އިން ބުނެއެވެ. އަދި މި ކާޑާ އެކު، އެހީއަށް އެދި ހުށަހަޅާ އިރު ކޮންމެ ފަހަރަކު އަސާސީ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ ޖެހުން ނިމުމަކަށް އައިސް އޭގެ ބަދަލުގައި، އަސްނާފު ކާޑު ބޭނުންކޮށްގެން އެންމެ ސްކޭނަކުން ވަގުތުން ހިދުމަތް ހޯދޭނެކަމަށްވެސް ޒަކާތު ހައުސް އިން ބުނެއެވެ. މިކަމުގެ ސަބަބުން އިދާރީ މަސައްކަތްތަކާއި ހިދުމަތް އަވަސްވެ، ހިދުމަތް ހޯދާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށްވެސް ޒަކާތު ހައުސްއިން ބުނެއެވެ.
މި ކާޑު ސިސްޓަމަކީ ޒަކާތު ހައުސްއިން ހުށަހަޅާފައިވާ "ބެނެފިޝަރީ އައިޑެންޓިފިކޭޝަން ކާޑު ސިސްޓަމް"ގެ ބައެއްކަމަށާއި މީގެ މަގްސަދަކީ ހުރިހާ އެހީގެ ޕްރޮގްރާމްތަކެއް ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން އެއް ޑިޖިޓަލް ނިޒާމެއްގެ ދަށުން ގުޅާލުންކަމަށްވެސް ޒަކާތު ހައުސްއިން ބުނެއެވެ.