ސައިފުލް އިސްލާމްގެ ވަކީލް މާސެލް ސެކަލްޑީ އޭއެފްޕީއަށް ވިދާޅުވި ގޮތުގައި، ސައިފުލް އިސްލާމް އަވަހާރަކޮށްލީ ޒިންތާންގައި ހުންނަ އޭނާގެ ގެޔަށް އިއްޔެ މެންދުރު ފަހު ހަތިޔާރާ އެކު ބަޔަކު ވަދެ ހަމަލާދީގެންނެވެ.
ސައިފް އިސްލާމަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ ތުހުމަތުގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ހާޒިރުކުރުމަށް އަމުރެއް އޮތް ބޭފުޅެކެވެ. އެކަމަކު އޭނާ އަކީ ލީބިޔާގެ ވެރިކަމަށް އައުން ގާތް ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ލީޑަރެވެ.
އޭނާ 2021 ވަނަ އަހަރު ވަނީ ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފަ އެވެ. އެކަމަކު އެ އިންތިހާބު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.
ސައިފަކީ އެގައުމުގައި ސިޔާސީ އެއްވެސް މަގާމެއް ފުރުއްވި ބޭފުޅެއް ނޫނެވެ. ނަމަވެސް ގައްޒާފީގެ 40 އަހަރަށްވުރެ ދިގު ވެރިކަން ނިމުމަކަށް ގެނައި އިންގިލާބުގެ ކުރިން އޭނާ ވަނީ އެގައުމުގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރައްވާފަ އެވެ.