މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު، ސަރުކާރުން ފައްޓަވާފައިވާ "މޯލްޑިވްސް 2.0" ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާގެ ދަށުން ކުރިއަށްގެންދާ ގައުމީ ފެންވަރުގެ މަޝްރޫއެކެވެ.
އެ ސެންޓަރު ގާއިމު ކުރުމަކީ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށާއި އާންމު ހިދުމަތްތައް ދިނުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑޭޓާގެ ބޭނުން ހިފުމަށް ސަރުކާރުގެ ތަސައްވުރު ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި އެ ސެންޓަރަކީ ދައުލަތުގެ އިދާރާތަކަށާއި އިގްތިސާދީ މުހިންމު ދާއިރާތަކަށް ރައްކާތެރި އަދި ޒިންމާދާރު ގޮތެއްގައި ޑޭޓާ އާއި އޭއައި ބޭނުން ކުރުމަށް އެހީތެރިވެދޭނެ ގައުމީ ވަސީލަތެކެވެ.
ސަރުކާރުގެ އެކި ދާއިރާތަކަށް ދިމާވާ ގޮންޖެހުންތަކަށް އަމަލީ ހައްލު ހޯދުމަށް، އޭއައި އަދި ޑޭޓާ ޓޫލްސްތައް އުފެއްދުމުގައި ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކަށް ދައުވަތު ދީ، އެ ފަރާތްތަކާ ގުޅިގެން މި ސެންޓަރުން މަސައްކަތްކުރާނެ ކަމަށް މައިންޑްކޯ އަދި ބީއެމްއެލް އިން ބުންޏެވެ.
އެ ދެ ކުންފުނިން ބުނި ގޮތުގައި، ރާއްޖޭގެ ޓެކްނޮލޮޖީ ކުންފުނިތަކާއި އަލަށް ފަށާ ވިޔަފާރިތަކާއި މި ދާއިރާގެ މާހިރުންނާ އެކު ރޭވުންތެރިކަމާ އެކު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އާ އީޖާދުތަކާއި ޓެކްނޮލޮޖީތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް މި ސެންޓަރުން މަސައްކަތްކުރާނެ އެވެ.
މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ މާލީ ދާއިރާގެ ތަޖުރިބާ އާއި ޕްރެކްޓިކަލް އިންސައިޓްސް އަދި ޑިޖިޓަލް ގޮތުން ހޯދާފައިވާ ގާބިލުކަން ބޭނުންކޮށްގެން އާންމު ހިދުމަތްތައް ދިނުމަށް ބޭނުންކުރާ ސިސްޓަމްތައް ހަރުދަނާކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ޑޭޓާގެ މައްޗަށް ބިނާކޮށް ފުރިހަމަ ނިންމުންތައް ނިންމަން ސަރުކާރުގެ އިދާރާތަކަށް ފަސޭހަވެގެންދާނެ އެވެ.