މިނިސްޓަރު މިހެން ވިދާޅުވީ، ސްރީލަންކާގެ 78ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރުގެ އިތުރުން، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި، ރާއްޖޭގައި މަސައްކަތްކުރާ ސްރީލަންކާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ހަފްލާގައި ވާހަކަދައްކަވަމުން ހަލީލް ވިދާޅުވީ، ސްރީލަންކާއަކީ ގިނަ ދިވެހީންގެ "ދެވަނަ ގެ" ފަދަ ތަނެއް ކަމަށެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް، އާއިލީ ގުޅުމެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ދާދިފަހުން ލަންކާއަށް ކުރިމަތިވި "ޑިޓްވާ" ތޫފާނުގެ ހާދިސާއަށްވެސް އަލިއަޅުއްވާލެއްވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތީ ތާރީހީ އަދި އެކަކު އަނެކަކަށް އިހުތިރާމްކުރާ ހާއްސަ ގުޅުމެއް ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް އަޚުވަންތަ ގުޅުމާއި، ހާއްސަކޮށް ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުން "ޑިޓްވާ" ތޫފާނާ ގުޅިގެން ދިވެހިން ދެއްކި އެހީތެރިކަމުން އަނެއްކާވެސް ހާމަވެގެން ގޮސްފައިވާ ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 4 ވަނަ ދުވަސް ސްރީލަންކާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 1948 ވަނަ އަހަރު، އިނގިރޭސި އިސްތިއުމާރުން މިނިވަންކަން ލިބުން ފާހަގަކުރުމަށްޓަކަ އެވެ.
ސްރީލަންކާގެ 78 ވަނަ މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު، މިއަހަރުގެ މިނިވަން ދުވަހުގެ ޝިއާރަކީ "ބިލްޑް ސްރީލަންކާ" ނުވަތަ "ސްރީލަންކާ ބިނާކުރަމާ" އެވެ.