އިވުނު ނަމާއިއެކު ރާފީ ދަތްކުނޑިވިކާލި އެވެ.
"ހުރިހައި ކަމެއް ގޯހުން ގޯހަށް ދިޔައީ އެ ހިސާބުން..! މައިބަދައިގައި ހިއްސެއް ނެތް، ފިރިހެނަކު ފަދައިން ޝައްޔާން އޭނާގެ މަންމަގެ ނުފޫޒަށް ތަބާވީ، ތިޔަބުނާ ޒަޔާނާގެ ސަބަބުން..! ސައިކޯ، އެ އަންހެނާގެ މަޅީގައި ޝައްޔާން ޖައްސައި، އެ ޑްރާމާގައި މުޅި ދުނިޔޭގެ ކުރިމަތީގައި ޝައްޔާން 'ރަން ކީ' ހަބަރު ފަތުރާލީ، އޭނާގެ ހަލާލު އަންބަކު ހުއްޓައި..! އޭނާގެ ސަބަބުން އަހަރެންގެ ދޮންތަ އެޅި ކަރުނައާއި އެ ހިތްދަތިކަން މި ދެދޮލުގެ ކުރިމަތީން ދުވަހަކުވެސް ފަނޑު ނުވާނެ..! އަހަރެންގެ ލޯބި ގުރުބާންކުރާން ހިތް މަޖުބޫރުކުރުވީ، މި ސަބަބަށްޓަކައި.. އަމިއްލަ އާއިލާގެ ކުރިމަތީގައި އެވަރުގެ ކަމަކަށް އެއްބަސް ވާން ނުކެރުނު ފިނޑިއެއްގެ އާއިލާއާއި ގުޅުމެއް ބާއްވަން އަހަރެންގެ ޒަމީރު އެއްބަހެއް ނުވި.." ރަތްވަމުންދިޔަ ދެ ލޮލުން ރާފީގެ ހިތްދަތިކަން ފެންނަމުންދިޔައީ ފަލަކުގެ ދެ ލޯ ފެންކަޅިކޮށްލާފަ އެވެ.
"އެއްކޮޅުން އަހަރެންގެ ދޮންތަ.. އަނެއްކޮޅުން އަހަރެންގެ ލޯބި..! މިއީ އިހްތިޔާރީ ހާލަތަށް ދިއުމަށް ދުވަހަކުވެސް، ހިތަށްވެސް އަރާފައި އޮތް ކަމެއް ނޫން.. އެފަދަ ވަގުތަކަށް އަހަރެން ހުރީ ތައްޔާރުވެގެން ނޫން.. ބައްޕަގެ ލޯތްބަށް އެދި ކުޑަކުޑަ ކިސްވާ ރުއި އަޑު މިއަދުވެސް އަހަރެންގެ ކަންފަތުގައި ހަރުލާފައި އެބަހުރި.. ރެއާއި ދުވާލު، ފިރިމީހާގެ ލޯތްބާއި އޯގާތެރިކަމަށް އެދި ސިއްރުން، ދޮންތަ އޮހޮރި ކަރުނައިގެ އަގު ޝައްޔާންގެ އުމުރު ހުސްވިޔަސް، އޭނާއަށް އަދާނުކުރެވޭނެ.. އަހަރެން އޭނާއަށް މައާފެއް ނުކުރާނަން.. އަހަރެންގެ ނިންމުން ކަމު ނުދަންޏާ، މިއަދުވެސް ފަލަކު ފަހަތަށް ޖެހެންވީ.. ފަލަކްގެ ނިންމުމަށް އަހަރެން އިހްތިރާމް ކުރާނަން.. ދޮންތައާއި ކިސްވާއަކީ އަހަރެންގެ ދުނިޔެ.. އެކަމާ ފަލަކް ޝަކުވާކުރިޔަސް އަހަރެންގެ ފަރާތުން ޖަވާބެއް ނުލިބޭނެ.." އަސަރާއެކު ރާފީ ބުނެލި އެވެ.
ރާފީގެ ނިންމުމާއި، ރާފީގެ އިހްސާސްތަކަށް އެންމެ ފުރިހަމައަށް ފަލަކް އިހްތިރާމްކޮށްފިކަން އޭނާގެ ދުލުން ހާމަކުރުން މުހިއްމެއް ނޫނެވެ. ދެލޮލުގެ ވިދުމާއި ތުރުތުރު އަޅަމުންދިޔަ ތުންފަތުގެ ހަރަކާތް ފަލަކްގެ ހާލަތު ބުނެދީފި އެވެ.
"ރާފީގެ ތިޔަ ނިންމުމުގެ ސަބަބުން އަހަރެންގެ ހިތުގެ އެންމެ ފުނުން، ކުރިއަށްވުރެން އެތަށް ގުނައެއް އިހްތިރާމާއި ލޯބި އިތުރުވެއްޖެ.." މަޑުމަޑުން ފަލަކް ބުނެލި އެވެ. ހިތްވަރުކޮށްލާފައި ފަލަކް ޖެހެލީ، ރާފީއާއި ގާތަށެވެ.
"ދޮންތަ، ކީއްވެތަ ދޮންބެ ކައިރީގައި އެވާހަކަ ނުބުނަނީ..؟" ދޮންބެއަށްޓަކައި ރާފީގެ ހިތުގައި އޮތް ނުރުހުމާއި ނަފްރަތު، ފަލަކް ފާހަގަކުރާކަށް ބޭނުމެއް ނޫނެވެ. އޭނާއަށް މުހިއްމުވީ އަމާރާއާއި ކިސްވާ އެވެ.
"ފަލަކްގެ ދޮންބެ، އަހަރެންގެ ދޮންތައަށް އެންގީ، އޭނާ ދޫކޮށް ދިއުމަށް..! ދުވަހަކުވެސް އެނބުރި ނައުމަށް...! ދޮންތަގެ މޫނުވެސް ދެކެން ބޭނުން ނޫންކަމަށް، އެ ރަހުމު ކުޑަ އިންސާނާ ބުނީ، ދޮންތައާއިމެދު އޭނާ އަމަލުކޮށްފައިވާ ގޮތާއިމެދު، ޒައްރެއްގެ މިންވަރުވެސް ރަހުމުނުކޮށް..!" ތަންކޮޅެއް ބާރަށް ރާފީ ބުނެލި އެވެ. ފަލަކް އިސްކުރީ ކެތްތެރިކަމެވެ.
"ފިސްފިސްވެ، ފަނާވެފައިވާ ހިތަކާއެކު އެ ދުވަހު ދޮންތަ ފުރަގަސްދިނީ، ކޮންމެވެސް ދުވަހަކުން އަމިއްލަ އެދުންބޮޑު އެ އިންސާނާ އަންނާނެ ކަމުގެ އިންތިޒާރުގައި.. އެކަމަކު އެ ދުވަހެއް ނައި.. އިންތިޒާރުގެ ވަގުތުތަށް ގުނި ހާލެއް، މިއަދުވެސް އަހަރެންގެ ހިތަކަށް ނުގެނެވޭ.. މާބަނޑުވެއްޖެކަން އެނގުމުން އެކަން އެހެން މީހަކަށް ނޭގެނީސް، ރާއްޖެ ދޫކޮށް ދޮންތަ މި ތަނަށް އައީ، އެހެން މީހުންގެ ތުހުމަތުތަކަށް ދޭނެ ޖަވާބެއްގެ މިންވަރުވެސް އަތުގައި ނެތީމައި.. ނުބައި އެ އިންސާނާ، ކައިވެނީގެ ހެއްކެއް ވެސް ދޮންތައާއި ހަވާލުކޮށްލާފައި ނެތް... މިއަދުވެސް ދޮންތަ ދިރި، ދުނިޔޭގައި އެ ހުންނަނީ ހަމައެކަނި ކިސްވާއަށްޓަކައި.." ރާފީގެ ދެ ލޮލުން ނަފްތަރުގެ އަލިފާންކަނި ބުރަ އެވެ.
ފަލަކްގެ ކޯތާފަތް ހުރަސްކޮށް ކަރުނައިގެ ކޯރު ދެމިގަތްފި އެވެ. އޭނާގެ ކަރުނައިގެ އަސްލަކީ ކޮބައިކަން ހުދު އޭނާއަށްވެސް ނޭގެ އެވެ. ރިހެމުންދިޔަ ހިތުގެ އަސްލަކީ، ޝައްޔާންގެ ފިނޑި ބޭވަފާތެރިކަމާއި އަމާރާގެ ހިތްދަތި ހާލަތާއި، މައުސޫމް ކިސްވާއަށްޓަކައި ހިތުގައި އޮތް ލޯބިކަން، ފަލްކައަކަށް ނޭގުނެވެ.
ގިސްލެވެމުންދިޔަ ފަލަކްގެ ހިތަށް ފުން އަސަރެއް ކޮށްފި އެވެ.
"ރާފީ، މިއިން އެއްވެސް ކަމެއް އަހަރެން ނުދެނަހުރިން.. މިކަމާއި ބެހޭގޮތުން ދޮންބެއާއި އަހަރެން ވާހަކަ ދައްކާނަން.." ކަރުނައިގެ ތެރެއިން ފަލަކް ބުނެލި އެވެ.
"ނޫން..!!!" ހަރުކަށިކަމާއެކު ރާފީ ބުނެލި އެވެ.
"ޝައްޔާން ގާތުގައި ކިސްވާގެ އެއްވެސް ވާހަކައެއް ނުދައްކާނެކަމަށް އަހަރެން ވާނީ ވައުދުވެފައި..! އެކަމަށް ދޮންތަ މިވަގުތު ތައްޔާރެއް ނޫން" އަސަރާއެކު ރާފީ ބުނެލި އެވެ.
"އޯކޭ.. ރާފީ ބޭނުން ގޮތެއް" ވަގުތާއި ހާލަތު އަދި ކުރިމަތިވާނެ ބާރުގަދަ ތޫފާން ވިސްނޭތީ، ރާފީއާއި އެއްބަސްވުން ނޫން ގޮތެއް މިވަގުތު ފަލަކްއަކަށް ނެތެވެ.
.....................
މެންދަމުން އަލިވެ ތިނެއް ޖަހައި ބޮޑުވީ އެވެ. ނިދިފައި އޮތް ކިސްވާގެ އަތް އޮތީ އަމާރާގެ އަތުގެ ތެރޭގަ އެވެ.
ލޮލުގެ ކުޑަކޮޅުން ފައިބަމުން ދިޔަ ކަރުނައަށް ނިމުމެއް ނެތެވެ.
އަމާރާގެ ހިތުގެ އެންމެ އަޑިން ޝުކުރުކުރަމުންދިޔައީ ކުރިއަށްދިޔަ ހަފްލާ ނިމުނު ވަގުތުގައި ކިސްވާ އައީތީ އެވެ. އެހެން ނޫންނަމަ، މިރެއަކީ އޭނާގެ ހަޔާތުގެ ސަފްހާތަކުގައި ނުތަނަވަސް ސުރުހީއެއް އަޅަންޖެހޭނެ ރެއަކަށް ނުވެ ނުދާނެކަން ކަށަވަރެވެ.
ހެޑްބޯޑުގައި ދެތިން ފަހަރަކު އަމާރާގެ ފުށްކިބައިން ތަންކޮޅެއް ބާރަށް ޖަހައިލި އެވެ. ލޮލާއި ސިކުނޑީގައި އެނބުރެމުން ދިޔައީ، މިރޭގެ ހަފްލާގެ ތެރޭގައި އެންމެންގެ ލޯތަކުން މިންޖުވެގެން އަމާރާގެ އަތުގައި ހިފައިގެން ޝައްޔާން ދެމިގެން ވަގުތެވެ.
ގޭތެރެއާއި ކޮޓަރީގައި ހުރި ކިސްވާގެ ހުރިހައި ފޮޓޯއެއް ފޮރުވިޔަސް، ކިޔެވުމާއި ގުޅޭ ހުރިހައި ސާމާނާއި ކުޅޭ އެއްޗެއް ފޮރުވައިފައި ހުއްޓަސް، މިރޭ އަމާރާ ސަލާމަތްވީ އޭނާގެ ކޮޓަރި ތަޅުލާފައި ބެހެއްޓުނީތީ އެވެ.
ލޯތަކަށް ސިއްރުން ރާފީގެ ކޮޓަރިތެރެއަށް އަމާރާ ދަމައިގަތުމަށް ޝައްޔާން ކިތަންމެ މަސައްކަތެއް ކުރިއަސް، އެކަން ކާމިޔާބު ނުވީ އެވެ. އެޕާޓްމަންޓުން ބޭރަށް ނެރި، ލިފްޓްގެ ތެރެއަށް އަމާރާ ދަމައިގަތީ ޝައްޔާންގެ ހުށިޔާރު ހަރަކާތަކާއެކު އެވެ.
ހަފްލާގެ ކޮންމެ ސިކުންތެއް ޝައްޔާންގެ ނަޒަރު ސީދާވެފައިވަނީ އަމާރާއަށްކަން އެނގޭއިރުވެސް، އެންމެ ފަހަރަކުވެސް ޝައްޔާންއާއި ދިމާއަށް އަމާރާ ބަލައިނުލުމުން، ޝައްޔާންގެ ކެތްތެރިކަން ކޮޅުންލީ އެވެ.
ލިފްޓުގެ ބިއްގަނޑާއި ޝައްޔާންއާއި ދެމެދު އަމާރާ ހުރީ 'ސޭންޑްވިޗެއް' ފަދައިން ތަތްކޮށްލާފަ އެވެ.
ދެމީހުންގެ ނޭވާގެ ހޫނުކަން އެކަކުއަނެކަކު ދިޔައީ އިހްސާސްކުރަމުންނެވެ. އަހަރުތަކަކަށްފަހު މިހައި ގާތުން ޝައްޔާން ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އަމާރާގެ ހިތުގައި އޮތް ނަފްރަތާއި ޝަކުވާ އެއްފަރާތްކޮށް، ޝައްޔާންގެ ކޮންމެ އިޝާރާތަކަށް ހިނިތުންވެވުނީ އޭނާގެ އިހްތިޔާރަކު ނޫނެވެ.
ގަދަ ދައްކައި، ބާރުގަދަ ދެއަތުގެ ހައްޔަރުން ނިކުންނާން އަމާރާ އެންމެ ފަހަރަކުވެސް މަސައްކަތެއް ނުކުރެ އެވެ.
"މިއީ ވަރަށް ގިނަ މީހުން ބޭނުންކުރާ ލިފްޓެއް" މަޑުމަޑުން އަމާރާ ބުނެލި އެވެ.
"އައި ޑޯންޓް ކެއަރ" ޝައްޔާން ބުނެލީ އަމާރާގެ ހިތުގައި އޮތް ޖުމުލަ އެވެ.
ލިފްޓް ގޮސް ހުއްޓުނީ، ޓެރަސް އަށެވެ. އަމާރާގެ އަތުގައި ހިފައިގެން ޝައްޔާން ލިފްޓުން ފޭބިގޮތަށް ގޮސް މަޑުކުރީ، އެތަނަށް މީހަކު އަޔަސް ކުއްލިޔަކަށް އެ ދެމީހުން ނުފެންނާނެ ފަދަ ޖާގައެއްގައި އެވެ. ރެއިލިންއާއި ޝައްޔާންއާއި ދެމެދު އަމާރާ ހައްޔަރުކޮށްލީ އެތަނުން ދުރަށް އަމާރާއަށް ގުޑައިވެސް ނުލެވޭނެކަން އަންގާލުމަށްކަން އަމާރާއަށް އެނގުނެވެ.
އަމާރާގެ މައްޗަށް އޮތް ހައްގު ދައްކާލުމުގައި ޝައްޔާންއަށް ކުޑަވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.
ފުން ނޭވާއެއް ލާފައި ވަށައިގެން ޝައްޔާން ބަލައިލި އެވެ.
ދުރާއި ގާތުން ފެންނަމުންދިޔަ ކުދި ދިއްލުންތަކުން ޓެރަސްގައި ވަނީ ފަނޑު އަލިކަމެކެވެ.
ޖެހެމުންދިޔަ ފިނި ޜޯޅީގެ އަސަރު ހިތުގެ އެންމެ ފުނަށް ފޯރަ އެވެ.
ދުރުން ފެންނަމުންދިޔަ ފެހިކަން ގަދަ ވާދީތަކާއި ފަރުބަދަތަކުގެ މަންޒަރު ކިތަންމެ ހާވެސް ހިތްގައިމެވެ.
ދެމީހުންކުރެ އެކަކުވެސް އެއްޗެއް ނުބުނެ އެވެ. އަމާރާގެ މޫނުމަތީގައި ނުތަނަވަސްކަމެއް ނެތުމުން ޝައްޔާންއަށް ލިބިފައިވާ ހައިރާންކަން ކުޑައެއްވެސް ނޫނެވެ.
މަޑުމަޑުން އަމާރާގެ ދެ އަތުގައި ހިފާލާފައި ގެނެސް ޝައްޔާންގެ މޭގެ ދެފަރާތުގައި ބާއްވާލާފައި، ދެ އަތުގެ މަތީގައި ޝައްޔާންގެ އަތް ބާއްވާލި އެވެ.
ދެ ލޯ މަރައިލުމަށްފަހު، ފުން ނޭވާއެއް އަމާރާ ދޫކޮށްލީ އެތަށް އަހަރެއް ވަންދެން އޮކްސިން ނުލިބުމުން ނޭވާއެއް ނުލެވި ހުރި މީހަކު ފަދައިންނެވެ.
"ވަރަށް ބޮޑަށް މަރުހަބާ ޝައްޔާން" ވަރަށް މަޑުމަޑުން އަމާރާ ބުނެލި އެވެ. ޝައްޔާންގެ ދެ ބުމަ ދޭތެރެއަށް ރޫ އަރުވާލުމުން، އަމާރާގެ ލުއި ހިނިތުންވުމެއް ރައްދުކޮށްލި އެވެ.
"ދެވަނަ ކައިވެންޏަކަށް ރަންކިއުމުގެ އުފަލުގައި މަރުހަބާ ކިޔާލަން ފުރުސަތު މި ލިބުނީ އަދި ކިރިޔާ" ތަފާތު އަސަރަކާއެކު އަމާރާ ބުނެލި އެވެ.
"ޑޯންޓް! ޑޯންޓް!!!" ކަނާއަތުގެ ޝަހާދަތް އިނގިލި ދިއްކޮށްފައި ޝައްޔާން އަމާރާއަށް އަމުރުކުރީ، އިތުރަށް އެންމެ ލަފްޒެއްވެސް ނުބުނުމަށެވެ. (ނުނިމޭ)