ads
ކުޑަކުއްޖަކު ނިދަނީ
ސައިންސްވެރިންގެ އިންޒާރު: ދަރިފުޅު ކިޔަވަން ދަށްވަނީ ނިދާ ގަޑި ގޯސްވީމަ
ދަރިފުޅު ކިޔެވުމަށް ދަށްވެ، ސްކޫލު ގްރޭޑްތައް ދަށްވަނީ ހެއްޔެވެ؟ ގިނަ މައިންބަފައިން ހީކުރަނީ މިއީ ހަމައެކަނި ފިލާވަޅު ނުހަދާތީ ނުވަތަ ސަމާލުކަން ނުދޭތީ ވާކަމެއް ކަމަށެވެ. ނަމަވެސް، ފަހުގެ ސައިންސްވެރިންގެ ހޯދުންތަކުން ދައްކާ ގޮތުގައި، ކުއްޖާ ނިދާ "ވަގުތުގެ ދިގުމިނަށް" ވުރެ ބޮޑަށް، ކުއްޖާ ނިދާ "ގަޑިތަކުގެ ގަވާއިދު" ކުއްޖާގެ ސިކުނޑީގެ ގާބިލުކަމަށް ކުރާ އަސަރު މާ ބޮޑެވެ.
Advertisement

އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވަރސިޓީ ކޮލެޖް ލަންޑަން (ޔޫސީއެލް) އިން 11,000 އަށްވުރެ ގިނަ ކުދިން ބައިވެރިކޮށްގެން ހެދި ފުޅާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި، ރޭގަނޑު ނިދާ ގަޑި ގަވާއިދުން އެއް ވަގުތެއްގައި ނުހިފެހެއްޓޭ ކުދިންގެ ވިސްނުމާއި ހަނދާން ހުންނަ މިންވަރު، ގަވާއިދުން ނިދާ ކުދިންނަށްވުރެ ދަށެވެ.

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރު ޔުވޯން ކެލީ ވިދާޅުވި ގޮތުގައި، ނިދާ ގަޑި ބަދަލުވުމަކީ ހަށިގަނޑުގެ ގުދުރަތީ ގަޑި ނުވަތަ "ސާކޭޑިއަން ރިދަމް" އަށް ލޮޅުން އަރުވާ ކަމެކެވެ.

"ކުއްޖާ އެއް ރޭ 8 ޖަހާއިރު، އަނެއް ރޭ 10 ޖަހާއިރު ނިދާނަމަ، އެ ކުއްޖާގެ ހަށިގަނޑަށް އެ ލިބެނީ 'ޖެޓް ލެގް' ވުމުން ވާކަހަލަ ގެއްލުމެއް. މީގެ ސަބަބުން ސިކުނޑީގެ ހެދިބޮޑުވުމަށާއި، އާ މައުލޫމާތު ނަގައިގަނެ ހަނދާނުގައި ބެހެއްޓުމުގެ ގާބިލުކަމަށް ބޮޑެތި ހުރަސްތަކެއް އެޅޭ،" ޕްރޮފެސަރު ކެލީ ފާހަގަކުރެއްވިއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން:

  • ގަވާއިދުން ވަކި ގަޑިއެއްގައި ނުނިދާ ކުދިންގެ ހިސާބު ނަންބަރުތަކާއި ކިޔުމުގެ ހުނަރު ހުންނަނީ އެހެން ކުދިންނާ އަޅާބަލާއިރު ފާހަގަކުރެވޭ މިންވަރަކަށް ދަށުގައެވެ.

  • މި މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ އުމުރުން 3 އަހަރާއި 7 އަހަރާ ދެމެދުގެ ކުދިންގެ ފަރާތުންނެވެ. ނަމަވެސް މިއީ ކޮންމެ އުމުރެއްގައި ވެސް ދިމާވެދާނެ ކަމެކެވެ.

"ސްލީޕް މެޑިސިން" ޖާނަލްގައި ޝާއިއުކޮށްފައިވާ އެހެން ރިޕޯޓެއްގައި ބުނާ ގޮތުން، ހަފްތާ ބަންދުގައި ނިދާ ގަޑި މާ ބޮޑަށް ބަދަލުކޮށްލުމަކީ ވެސް "ސޯޝަލް ޖެޓްލެގް" މެދުވެރިވެ، ސްކޫލް ދުވަސްތަކުގައި ސަމާލުކަން ދިނުމަށް އުނދަގޫވާ ކަމެކެވެ.

މާހިރުންގެ ލަފަޔަކީ، ކުއްޖާ ކިޔެވުމަށް މޮޅުކުރަން ބޭނުންނަމަ، ހަމައެކަނި ޓިއުޝަން ދިނުމުގެ ބަދަލުގައި، ނިދާ ގަޑި "ރޫޓިން" އެއްގެ ގޮތުގައި ހިފެހެއްޓުމެވެ. ކޮންމެ ރެޔަކު ވެސް އެއް ގަޑިއެއްގައި ނިދައި، އެއް ގަޑިއެއްގައި ހޭލުމަކީ ސިކުނޑި ތަރައްގީކުރުމަށް ދެވޭނެ އެންމެ ބޮޑު އެހީއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް