ޔަޝް ރާޖް ފިލްމްސް އިން ގެނެސްދީފައިވާ މި ފިލްމު ރިލީޒްކުރިތާ 6 ދުވަސް ވެފައިވާއިރު، މިހާތަނަށް ވަނީ 25 ކްރޯޑް ރުޕީސްއާ ގާތްކުރާ އަދަދަކަށް އާމްދަނީ ހޯދާފައެވެ.
"ސެކްނިލްކް" އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ފިލްމަށް އިންޑިއާގައި މިހާތަނަށް ޖުމްލަ 24.35 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ. ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު 4 ކްރޯޑް ލިބުނުއިރު، ދެވަނަ ދުވަހު 6.25 ކްރޯޑް އަދި ތިންވަނަ ދުވަހު 7.25 ކްރޯޑް ރުޕީސް ލިބުނެވެ. ހަފްތާ ބަންދަށްފަހު އާމްދަނީ ކުޑަކޮށް ދަށްވި ނަމަވެސް، ހަ ވަނަ ދުވަހު (އަންގާރަ ދުވަހު) ވެސް ވަނީ ގާތްގަނޑަކަށް 2 ކްރޯޑް ރުޕީސް ހޯދާފައެވެ.
އަބިރާޖް މިނަވާލާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ރާނީ މުކަރްޖީ ފެނިގެންދަނީ، ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ފުލުސް އޮފިސަރު އެސްއެސްޕީ ޝިވާނީ ޝިވާޖީ ރޯއީގެ ރޯލުންނެވެ. މި ފަހަރުގެ ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ގެއްލިފައިވާ 93 އަންހެން ކުދިން ހޯދުމަށް ކުރާ ތަހުގީގުގެ މައްޗަށެވެ. މީގެ ކުރިން ނުކުތް މި ފްރެންޗައިޒްގެ ދެ ފިލްމެކޭ އެއްގޮތަށް، މި ފިލްމުގައި ވެސް އަލިއަޅުވާލާފައިވަނީ މުޖުތަމައުގައި ހުރި ނުރައްކާތެރި މައްސަލަތަކަށެވެ.
ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ރާނީ ބުނެފައިވަނީ، ސިނަމާއަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ ވަސީލަތެއް ނޫން ކަމަށާއި، އެއީ އިންސާނާގެ ޟަމީރާ ވާހަކަދައްކާ އެއްޗެއް ކަމަށެވެ.
މި ފިލްމުގައި ރާނީގެ އިތުރުން ޖާންކީ ބޯޑިވާލާ އާއި މަލިކާ ޕްރަސާދު ވެސް މުހިންމު ރޯލުތަކުން ފެނިގެންދެއެވެ.