ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ނިންމައި އެކަން އިއުލާނު ކުރައްވާ ކަމަށެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގެ ރަށްތަކާ ގުޅޭ މައްސަލައިގައި ކުރީގެ ރައީސް ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާއަށް ސިޓީއެއް ފޮނުވީ 22 އޮގަސްޓު 2022ގަ އެވެ.
އެ ސިޓީ އާންމުކުރަން އެމްޑީޕީ ސަރުކާރުން ދެކޮޅު ހަދަމުންދަނިކޮށް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި (ސެޕްޓެމްބަރު 2023ގައި) އެ ސިޓީ ވަނީ ލީކުކޮށްލާފަ އެވެ.
ނަމަވެސް އެ ސިޓީ ރަސްމީ ސިފައެއްގައި އާންމުކުރީ މި ސަރުކާރުންނެވެ. އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމާ ބެހޭ ގޮތުން ކުރަމުން އަންނަ މަސައްކަތްތައް ހާމަކޮށް 19 ޑިސެމްބަރު 2023ގައި ނެރުނު ބަޔާނާ އެކީގަ އެވެ.
އެ ސިޓީގައި، ރާއްޖޭގެ ކަނޑުން ބައެއް މޮރިޝަސްއަށް ދޫކޮށްލުމާ ގުޅޭ ވާހަކައެއް ނެތް އިރު، އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނަސް، އިޓްލޮސްގައި ރާއްޖޭން ވަކާލާތުކުރި ކުރުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އެ ސިޓީގައި ބުނެފައިވަނީ:
އިނގިރޭސިވިލާތުގެ ދަށުގައި ޗާގޯސް އޮތީ މޮރިޝަސް ވެސް ހިމެނޭ ގޮތަށް ހުރިހާ ރަށެއް އިނގިރޭސިން އިސްތިއުމާރުކޮށްގެން ތިބުމަށް ފަހު މޮރިޝަސްއަށް މިނިވަންކަން ދިނުމުން އޭގެ ބަދަލުގައި ޗާގޯސްގެ ރަށްތަކަށް އިނގިރޭސިންގެ ބާރު ހިނގާ ގޮތަށް 1970ގެ އަހަރުތަކުގެ ތެރޭގައި ބަދަލުކުރުމުންނެވެ. އޭގެ ފަހުން ޗާގޯސްގެ ރަށްތަކުން ގަދަކަމުން މީހުން ބޭލުވީ އެވެ. އޭރު އެތަނުގެ އާބާދީއަކީ ގާތްގަނޑަކަށް 2،000 އެވެ.
ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލާގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސިވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ގެންގޮސްފަ އެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން އިސްތިޝާރީ ލަފައެއް ނެރެފައިވާއިރު، އޭގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށެވެ.
އެ ނިންމުމުގެ މައްޗަށް ބުރަވެ މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މައްސަލަ ހުށަހެޅި އެވެ. އެއީ ޗާގޯސްއަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް ވާތީ ރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ހިސާބުގެ އިން ވަކިކޮށްދިނުމަށް އެދި އެވެ. އެ ޓްރައިބިއުނަލް އިން ވެސް ނިންމީ ޗާގޮސްގެ މައްޗަށް އިނގިރޭސިވިލާތުގެ ބާރު ނުހިނގާނެ ކަމަށެވެ. އެހެންވެ މޮރިޝަސް އިން ހުށަހެޅި ގޮތަށް ކަނޑުގެ ސަރަހައްދު އިން މިހާރު ވަނީ ވަކިކޮށްފަ އެވެ.
ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކުރަހާއިރު، 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެތަން ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯމީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ. މޮރިޝަސްއަށް ލިބުނީ ރާއްޖެއަށް ލިބުނު ކޮންމެ އަކަކިލޯމީޓަރަކަށް 0.960 އަކަކިލޯމީޓަރެވެ.