ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސިފައިން ހިންގާ މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންތަކާއި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ތިން އުޅަނދު ހިދުމަތަށް ނެރެފައިވާ ކަމަށާއި އިތުރު 17 އުޅަނދު މި އަހަރު ހިދުމަތަށް ނެރެވޭނެ ކަމަށެވެ.
މީގެ އިތުރުން ހާބަކްރާފްޓް ޕެޓްރޯލް ދެ އުޅަނދު ހޯދުމަށް ޖަޕާން ސަރުކާރުން ފައިސާގެ އެހީ ދިނުމަށް ނިންމާފައިވާ ކަމަށާއި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ހޯދާ މަނަވަރު މި އަހަރު ހިދުމަތަށް ނެރެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާލޭގައި ހުންނަ ސިފައިންގެ މަރުކަޒު ކަމަށްވާ ކަޅުތުއްކަލާ ކޮށީގެ އުމްރާނީ ބިނާގެ މުހިންމު މަސައްކަތްތަކެއް މި އަހަރު ފަށާނެ ކަމަށެވެ. މީގެ އިތުރުން އެމްއެންޑީއެފް މެރިންކޯ އަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަން ރައްޔިތުންގެ މަޖިލިހަށް މިއަދު ވަޑައިގެން މަޖިލިހުގެ ރައީސް އަބްދުއްރަހީމާ އެކު.
ސިފައިންގެ ފަޔަ އެންޑް ރެސްކިއު ހިދުމަތާއި އިމަޖެންސީ އޮޕަރޭޝަންގެ ހިދުމަތާއި ސިފައިންގެ އޮޕަރޭޝަނަލް ލޮޖިސްޓިކްސް އާއި އެކޮމޮޑޭޝަން އާއި އިދާރީ ހިންގުމުގެ ކަންކަން ހަރުދަނާކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ގެންނަން ޖެހިފައިވާ ކަމަށާއި އެ މަސައްކަތްތައް ވެސް މި އަހަރު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.