ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ދެއްވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ މި އަހަރަށް ރާއްޖެ ގެނައުމަށް އަންދާޒާކޮށް ބަޖެޓުގައި ހިމަނާފައިވާ 2.4 މިލިއަން ފަތުރުވެރިންގެ އަދަދު މަތިކޮށް ސަރުކާރުގެ މިހާރުގެ އަމާޒަކީ މި އަހަރު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.5 މިލިއަނަށް އިތުރުކޮށް 11.3 ޕަސެންޓްގެ ކުރިއެރުމެއް ހޯދުން ކަމަށެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރު ފަތުރުވެރިކަމުން 5.55 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ފަތުރުވެރިކަމުން ލިބިފައިވާ ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށާއި މި އަހަރު 5.6 ބިލިއަން ޑޮލަރު އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކުރާ ކަމަށެވެ.
ރައީސް ވިދާޅުވީ މިއަހަރު އިތުރު 7 ރިސޯޓާއި ގެސްޓްހައުސްތައް އިތުރުވެގެންދާނެކަމަށެވެ. މިހާތަނަށް އެދެވޭގޮތައް ފަތުރުވެރިކަން ތަރައްގީވެފައިނުވާ 6 އަތޮޅުގައި ހަލާލް ޓޫރިޒަމް ހިމެނޭހެން ފަތުރުވެރިކަން ފުޅާކުރުމަށް ހާއްސަ އިނާޔަތްތަކާއިއެކު އިންވެސްޓްމަންޓަތަކަށް ހުޅުވާލާފައިވާކަމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
މިދިޔަ އަހަރު ނިމުނުއިރު ރާއްޖެ އައި 2.2 މިލިއަން ފަތުރުވެރިންނަކީ ސަރުކާރުން މިދިޔަ އަހަރަށް ކަނޑައެޅި 2.3 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވުރެ ލައްކައެއްހާ ފަތުރުވެރިން މަދު އަދަދެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް 200،000އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. ދުވާލެއްގެ މައްޗަށް މިހާރު 7،000އަށް ވުރެ ގިނަ ފަތުރުވެރިން އަންނަ ކަމަށް ވެސް އެ ހިސާބުތައް ދައްކަ އެވެ.