މި ތަކެތި ގެނައުމަށް ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހަވާލުކޮށްފައިވަނީ ޗައިނާގެ އެކްސް.ސީ.އެމް.ޖީ (XCMG) އާއެވެ. އާރުޑީސީން ބުނީ މީ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ހެވީ މެޝިނަރީ އުފައްދާ ކުންފުނިކަމަށެވެ.
މިކަމުގައި އެއްބަސްވުމުގައި އާރް.ޑީ.ސީގެ ފަރާތުން ސޮިއކުރެއްވީ އެ ކުންފުނީޣެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ. އެކްސް.ސީ.އެމް.ޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސައުތު އޭޝިއާ ސަރަޙައްދުގެ ޖެނެރަލް މެނޭޖަރު ޓޫ ހުއި އެވެ.
މި އެއްބަސްވުމުގެ ދަށުން މަގު ހެދުމަށް ބޭނުންވާ އަސްފަލްޓް މެޝިނަރީ ހިމެނޭހެން ޖުމްލަ 230 މެޝިނަރީ ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާކަމަށް އާރުޑީސީން ބުނެއެވެ. މީގެ އިތުރުން، މި މެޝިނަރީ ތަކަށް ބޭނުންވާ މަރާމާތުގެ ހިދުމަތްދޭ މަރުކަޒާކާއި، ސްޕެއާ ޕާޓްސް ވިއްކާ މަރުކަޒެއް ގާއިމުކުރާނެކަމަށްވެސް އާރުޑީސީން ވަނީ ބުނެފައެވެ.
މި އަހަރަށް ރައްޔިތުން މަޖިލިސް ހުޅުވާ ދެއްވާ އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ އެއްފަހަރާ ގިނަ ރަށްތަކެއްގެ މަސައްކަތް ހަރަދު ކުޑަކޮށް އަމިއްލަ ކެޕޭސިޓީގައި ކުރެވޭ ވަރަށް، ކަމާގުޅޭ ޒަމާނީ އެންމެހާ މެޝިނަރީ އާއި އިކުއިޕްމަންޓް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް މިއަހަރު އެޕްރީލް މަސް ނިމުމުގެ ކުރީން ގެންނާނެކަަމަށެވެ. އަދި މިގޮތަށް ގެނެވޭ މެޝިނަރީގެ އެއް ސެޓަޕް ގުޅިފަޅަށް މޮބިލައިޒްކޮށް، ސަރުކާރުގެ ކަމާބެހޭ އެންމެހާ މިނިސްޓްރީތަކާއި ކުންފުނިތައް ގުޅިގެން، ގުޅިފަޅުގެ ފެނާ ނަރުދަމާ އާ ކަރަންޓު އަދި މަގު ހެދުމުގެ މަސައްކަތް މިއަހަރުގެ މެއި މަހުގެ ތެރޭގައި ފަށާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.