ގަލަމާއި ފޮތުގެ ބޭނުން ކެނޑި، އަތުން ލިޔުމަކީ "ބޯދާ" ކަމެއްގެ ގޮތުގައި ދެކޭ މީހުން ގިނައެވެ. ނަމަވެސް، ނޯވޭގެ ސައިންސްވެރިން ހެދި އާ ދިރާސާއަކުން ދައްކާ ގޮތުގައި، ޓައިޕްކުރުމަށްވުރެ އަތުން ލިޔުމުން ސިކުނޑީގެ މަސައްކަތް މާ ބޮޑަށް ރަނގަޅުވެ، ކަންކަން ހަނދާން ހުންނަ މިންވަރު އިތުރުވެއެވެ.
ނޯވޭގެ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (އެންޓީއެންޔޫ) އިން ކުރިއަށް ގެންދިޔަ މި ދިރާސާގައި، ބައިވެރިންގެ ސިކުނޑީގެ ރާޅުތައް ނުވަތަ "ބްރެއިން ވޭވްސް" ވަނީ ބަލާފައެވެ. ނަތީޖާއިން ދެއްކީ ޓައިޕްކުރާއިރު ސިކުނޑި ހުންނަނީ ވަރަށް އާދައިގެ ހާލަތެއްގައި ކަމަށެވެ. ނަމަވެސް ގަލަމުން އަކުރުތައް ކުރަހައިގެން ލިޔާއިރު، ސިކުނޑީގެ މެމޮރީއާއި ދަސްކުރުމާ ގުޅޭ ބައިތައް ވަރަށް ބާރަށް މަސައްކަތްކުރާ ކަމަށެވެ.
މި ދިރާސާގައި އިސްކޮށް އުޅުއްވި ނިއުރޯސައިންސް ޕްރޮފެސަރު އޯޑްރީ ވެން ޑަ މީއާ ވިދާޅުވީ، އަތުން ލިޔާއިރު އިނގިލިތަކުގެ ހަރަކާތްތަކުން ސިކުނޑިއަށް ވަރަށް މުހިންމު މެސެޖުތަކެއް ލިބޭ ކަމަށެވެ.
ސައިންސްވެރިން ފާހަގަކުރާ ގޮތުގައި ޓައިޕްކުރުމަކީ ހަމައެކަނި "ރިޕީޓް" ވާ ނުވަތަ ތަކުރާރުވާ ހަރަކާތެކެވެ. ކޮންމެ އަކުރަކަށް ފިތާލަނީ އެއް ގޮތަކަށެވެ. ނަމަވެސް 'އަލިފު' ލިޔުމާއި 'ބާ' ލިޔުމުގައި އަތް ހަރަކާތްކުރާ ގޮތް ތަފާތެވެ. މި ތަފާތުގެ ސަބަބުން ސިކުނޑިއަށް އެއީ މުހިންމު އެއްޗެއްކަން އަންގައިދެއެވެ.
މި ހޯދުންތަކާއެކު މާހިރުން ލަފާދެނީ، ކިޔަވާ ކުދިން ޓެބްލެޓް ބޭނުންކުރިޔަސް، ނޯޓު ނެގުމަށް ފޮތާއި ގަލަން ބޭނުންކުރުން ހުއްޓާނުލުމަށެވެ. އަދި ބޮޑެތި މީހުންވެސް ބާޒާރު ލިސްޓު ހެދުން ނުވަތަ ޑައިރީ ލިޔުން ފަދަ ކަންކަން ފޯނުން ކުރުމުގެ ބަދަލުގައި ނޯޓު ފޮތެއްގައި ލިޔުމުން، އުމުރުން ދުވަސްވީމާ ދިމާވާ ހަނދާން ނެތުމުގެ ބަލިތަކުން ދުރުވުމަށް އެހީއަކަށް ވާނެއެވެ.