ads
ރައީސް މުއިއްޒު، އިނގިރޭސިވިލާތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޑޭވިޑް ލެމީއާ ބައްދަލުކުރެއްވުން: އިނގިރޭސިވިލާތުން ވަނީ، ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި ހިމެނެނީ ޔޫކޭއާއި މޮރިޝަސް އެކަނި ކަމަށް ބުނެފައި - ފޮޓޯ/ ރައީސް އޮފީސް
ޗާގޯސް އަކީ ޔޫކޭ އާއި މޮރިޝަސްގެ މައްސަލައެއް: ޔޫކޭ
ރާއްޖޭން ޗާގޯސް ހޯދުމަށް ވަކާލާތު ކުރަމުން އަންނަ ދަނޑިވަޅެއްގައި، އެ ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއްގެ ގޮތުގައި އިނގިރޭސިވިލާތުން ސިފަކޮށްފި އެވެ.
Advertisement

ޗާގޯސްގެ ސިޔާދަތީ ބާރު ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށާއި އެހެންވެ އެތަން މޮރިޝަސްއާ ހަވާލުކުރަން އިންކާރު ކުރާ ކަމަށް ބުނެ ރާއްޖޭން އިނގިރޭސި ސަރުކާރަށް ދެ ސިޓީއެއް ފޮނުވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބުރާސްފަތި ދުވަހު ރިޔާސީ ބަޔާނުގައި ވިދާޅުވެފަ އެވެ. 

އަދި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮންނާނެކަން ގަބޫލުކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޯގަސްޓް 22، 2022 ގައި މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަން ރައީސް މުއިއްޒު ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ.  

ދެކުނުގެ ކަނޑުން "ގެއްލުނު" ސަރަހައްދު އަނބުރާ ހޯދުމާއި ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ހޯދައިދިނުމަށް މަސައްކަތްކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. 

ނަމަވެސް ތުރުކީގެ ސަރުކާރުން ހިންގާ ނޫސް އެޖެންސީއެއް ކަމަށްވާ "އަނަދުލު އެޖެންސީ"ން އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ އިއްޔެ ލިޔެފައިވަނީ ޗާގޯސްގެ ސިޔާދަތީ މިލްކުވެރިކަމުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސީންނާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއް ކަމަށެވެ.
"ޗާގޯސް އާކިޕެލާގޯގެ ސިޔާދަތުގެ މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއްކަން އެކި ކޯޓުތަކުގެ ހުކުމްތަކާއި ބައިނަލްއަގުވާމީ މުއައްސަސާތަކުން ވަނީ ސާފުކޮށް ބަޔާންކޮށްފައި،" ރާއްޖޭގެ ސްޓޭންޑާ ގުޅޭ ގޮތުން ސުވާލުކުރުމުން ޔޫކޭގެ ފޮރިން މިިނިސްޓްރީން ޖަވާބުގައި ބުނި ކަމަށް އެ ނޫހުގައިވެ އެވެ.

ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ލިބުނީ، 2018 ވަނަ އަހަރު އިނގިރޭސިވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ ފަހުންނެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން ނެރުނު ލަފާގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށެވެ.

އެއަށްފަހު، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް މޮރިޝަސްއިން ދިޔުމުން، އިޓްލޮސްއިން ވަނީ ކަނޑުގެ އިން ކަނޑައަޅައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް