ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލައި މުޅިން ހިލޭ ކުރިއަށްގެންދާ އެ ކްލާސްތަކުގައި ބައިވެރިވުމަށް މިދިޔަ ބުދަ ދުވަހު ހުޅުވާލުމާއެކު، 24 ގަޑިއިރުގެ ތެރޭގައި ވަނީ ހުރިހާ ސްލޮޓްތައް ފުރިފަ ކަމަށް އެ ކޯޕަރޭޝަން އިން ބުނެ އެވެ.
އެގޮތުން، 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖުމްލަ 103 ކުދިން އެ ކްލާސްތަކުގައި ވަނީ ބައިވެރިވެފައި ވާ ކަމަށާއި މިހާރު ވަނީ ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ބަންދުކޮށްފައި ކަމަށް އެޗްޑީސީން ބުނެ އެވެ.
މިއީ، ހުޅުމާލޭގައި ގުރުއާން ކްލާސްތައް ކުރިއަށްގެންދިއުމާއެކު ދީނީ ދަރުސް ދިނުމަށް، އަލް އަސްރު ޖަމިއްޔާއާއި އެޗްޑީސީއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ) ގެ ދަށުން ކުރިއަށްގެންދާ ކްލާސްތަކެއް ކަމަށް އެ ކޯޕަރޭޝަނުން ފާހަގަ ކޮށްފައިވެ އެވެ.
އެއް އަހަރު ދުވަހުގެ މި އެމްއޯޔޫގެ ދަށުން ހުޅުމާލޭގެ އެކި މިސްކިތްތަކުގައި، ހަފްތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު ހަތަރު ގުރުއާން ސެޝަން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެ ކްލާސްތައް ކުރިއަށްގެންދާނީ ހެނދުނާއި ހަވީރަށް ބަހާލައިގެން، އަންހެން އަދި ފިރިހެން ކުދިން ވަކިންނެވެ.
ކްލާސްތަކުގައި ގުރުއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި، ޓްރެއިން ކުރުން ކުރިއަށްގެންދާނީ އަލް އަސްރު ޖަމިއްޔާގެ ފަރާތުންނެވެ.
އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން އަލް އަސްރާއެކު ސޮއިކުރެވުނު އެ އެއްބަސްވުމުގެ މަގްސަދަކީ، ދީނަށް ލޯބިކުރާ މުޖްތަމައުއެއް ބިނާކުރުމެވެ.