އޭނާ މިހެން ގޮވާލައްވާފައިވަނީ އޭނާގެ ބްލޮގް ގައި ލިޔުއްވި އާޓިކަލްގައި އެވެ.
ރާއްޖޭގެ ޑިމޮގްރެފިކް އެންޑް ފިޒިކަލް ސާވޭ އިން ދައްކާ ގޮތުން، ރާއްޖޭގެ އާބާދީގެ އަންހެނުންގެ ތެރެއިން 15-49 އަހަރާ ދެމެދުގެ 17 ޕަސެންޓު މީހުންނަށް ގެވެށި އަނިޔާ ކުރިމަތިވެފައިވޭ ކަމަށް އޭނާ އެ ޕޯސްޓުގައި ވިދާޅުވި އެވެ.
އެ ޕޯސްޓުގައި ޝަމީމް ވިދާޅުވީ އޭގެ ތެރެއިން 11 ޕަސެންޓު މީހުންނަށް ކުރިމަތިވި އަނިޔާގައި ޖިންސީ ކުލައެއް ޖެހިފައިވާކަމަށާއި މިއީ ދިވެހިރާއްޖޭގައި އަންހެނުންނަށް ކުރިމަތިވެފައި އޮތް ކުޑަ ނޫން މައްސަލައެއްކަން އެންމެނަށްވެސް އެނގޭ ކަމުގައި އެވެ.
މިމައްސަލަ ހައްލުކުރަން ސަރުކާރުތަކުން ކުރާ މަސައްކަތުގެ ތެރެއިން، 2022 ވަނަ އަހަރު، އޭޑީބީގެ 116 މިލިއަން ރުފިޔާގެ އެހީގެ ދަށުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ބައިތިއްބަން ހުޅުމާލެ އާއި ރ. އުނގޫފާރާއި އައްޑޫގައި ހާއްސަ މަރުކަޒުތަކެއް ހަދާން ނިންމާފައިވާ ކަމަށާއި އެކަމަށްޓަކައި ހުޅުމާލެއިން ކަނޑައެޅި ބިން، އެޗްޑީސީއިން އޭރުގެ ޖެންޑާ މިނިސްޓްރީއާ ހަވާލުކުރީ 18 އޮގަސްޓު 2022 ގަކަމަށް އޭނާ ވަނީފާހަގަ ކުރައްވާފައި އެވެ.
އެ މަރުކަޒު ހަދަނީ އަނިޔާ ލިބޭ މީހާ އަށް ފަރުވާދެވޭނެ ވަސީލަތްތަކާ ވެސް އެކުގައި ކަމަށާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ގާނޫނީ އެހީތެރިކަމާ އެކު ކައުންސިލިންގެ ހިދުމަތް ވެސް އެ މަރުކަޒުން ލިބޭނެ ގޮތަށްކަމަށް އޭރު އެޗުޑީސީއިން އިއުލާނުކޮށްފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ 116 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، އަނިޔާލިބޭ މީހުންނަށް ވަގުތީ ރައްކާތެރިކަން ދިނުމަށް އަޅާ ހިޔާތަކުގެ ބަދަލުގައި، އަދި އެ ސެންޓަރުތައް ހިންގުމަށް މަހުންމަހަށް ކުރަންޖެހޭ އިތުރު އެތައް އެތައް މިލިއަން ރުފިޔާގެ ހަރަދުގެ ބަދަލުގައި، އެއަށްވުރެ ހަރަދުކުޑަ، މިރާއްޖޭގެ މާހައުލާގުޅޭ، ގާނޫނީ ގޮތުން ޓެސްޓުކުރެވިފައިވާ އެހެން ހައްލެއް އެބަ އޮތް ކަމަށާއި އެއީ އެއީ އަނިޔާކުރާ މީހާ ބަލަހައްޓާ މަރުކަޒު ހެދުން ކަމުގައި އެވެ.
މީހަކަށް އަނިޔާ ލިބުނީތީ، އަނިޔާ ކުރި މީހާ ހުރި ތަނުގައި ބަހައްޓާފައި، އަނިޔާލިބުނު މީހާ މުޅިން އެކަހެރިކުރުމަކީ ކޮން އިންސާފެއްތޯ ޝަމީމް ވަނީ ސުވާލު ކުރައްވާފައި އެވެ.
ދިވެހިރާއްޖެފަދަ ޖަޒީރާ ގައުމެއްގެ އިޖުތިމާއީ ހާލަތުތަކަށް ބަލާއިރު، "ވިކްޓިމް ޝެލްޓަރު" ހަދައިގެން، އެކަމުން ހަގީގީ ތަސައްލީއެއް ނުލިބި، އެކަމަށް ހިނގާ ހަރަދުބޮޑުވެ، އެކަންވެސް ދެމެހެއްޓެނިވި ގޮތަކަށް ނުކުރެވުމަކީ، ދިވެހިރާއްޖޭގެ މުޖްތަމައާއި އަނިޔާލިބޭ މީހާގެ ހަޔާތް އިތުރަށް ބާއްޖަވެރިވާ ކަމެއް ނާންނާކަމަށް ޝަމީމް ވަނީ ފާހަގަ ކުރައްވާފައި އެވެ.