އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކުއީންސްލޭންޑްގެ ދިރާސާ ޓީމަކުން ހެދި މި ދިރާސާގައި ވަނީ، ކަސްރަތު ކުރުމުން ލޭގެ ތެރޭގައި އިތުރުވާ ވަކި ހާއްސަ މާއްދާތަކެއް ފާހަގަކޮށްފަ އެވެ. ސައިންސްވެރިން ބުނާ ގޮތުގައި މި މާއްދާތައް ބޭނުންކޮށްގެން، ކަސްރަތު ނުކުރި ނަމަވެސް ސިކުނޑީގެ ސެލްތައް އާކޮށްދީ، ވިސްނުމާއި ހަނދާން ވަރުގަދަ ކޮށްދެ އެވެ. މި ދިރާސާ ޝާއިއުކޮށްފައިވަނީ މަޝްހޫރު ސައިންސް ޖާނަލްތަކުގައެވެ.
މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޑރ. ޓާރާ ވޯކާ ވިދާޅުވި ގޮތުގައި، އެމީހުންގެ ހޯދުންތަކުން ދައްކާ ގޮތުގައި ލޭގެ ތެރޭގައި ހުންނަ "ޕްލޭޓްލެޓްސް" އިން ދޫކުރާ މާއްދާއެއް ކަމަށްވާ "ޕީއެފް4" އަކީ ސިކުނޑި ޒުވާންކޮށް ބެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ކަސްރަތު ކުރުމުން މި މާއްދާ ހަށިގަނޑުގައި އިތުރުވެއެވެ. ނަމަވެސް މިހާރު ހޯދިފައިވާ ގޮތުން، ބޭހެއްގެ ގޮތުގައި މި މާއްދާ ހަށިގަނޑަށް ފޯރުކޮށްދީގެން ވެސް ހަމަ އެ ނަތީޖާ ނެެރެވިދާނެ އެވެ.
ނަމަވެސް ސައިންސްވެރިން އިންޒާރު ދެނީ މިއީ ކަސްރަތު ކުރުން ހުއްޓާލަންވީ ސަބަބެއް ނޫން ކަމަށެވެ. ކަސްރަތު ކުރުމުން ހިތާއި ލޭހޮޅިތަކަށް ލިބޭ ފައިދާ މި ބޭހުން ނުލިބޭނެތީއެވެ. މި ހޯދުމުގެ މައިގަނޑު ބޭނުމަކީ ޖިސްމާނީ ގޮތުން ހަރަކާތްތެރިވެ ނޫޅެވޭ މީހުންނަށް، ސިކުނޑީގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދިނުމެވެ. ކުރިއަށް އޮތް ތަނުގައި އިންސާނުން ބޭނުންކޮށްގެން މިފަދަ ބޭހެއްގެ ޓެސްޓުތައް ހެދުމަށް ސައިންސްވެރިން ދަނީ ތައްޔާރުވަމުންނެވެ.