ކޮންމެ އަހަރަކު އެއްފަހަރު އެ ލިސްޓު އާކުރާއިރު، އެންމެ ފަހުން ނެރުނު ލިސްޓުން ވަނީ ދިވެހީން ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދެއްކަމަށް ސީރިއާ އޮތް އޮތުން އުނިކޮށްފަ އެވެ. ދަތުރުކުރުން މަނާ ސަރަހައްދެއްގެ ގޮތުގައި ސީރިއާ އެންމެ ފުރަތަމަ ކަނޑައެޅީ 31 އޮކްޓޯބަރު 2019ގަ އެވެ.
މީގެ އިތުރުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން، މިހާރު އެ ގައުމުގައި ވެރިކަން ކުރާ އެޗްޓީއެސް ވަނީ ނަގައިފަ އެވެ. ދިވެހި ސަރުކާރުން މި ބަދަލު ގެނައީ، އެމެރިކާ ހިމެނޭހެން ދުނިޔޭގެ ގިނަ ގައުމުތަކުން ސީރިއާގެ މިހާރުގެ ވެރިކަން ބަލައިގަންނަ ފަދަ މޭރުމަކުން ނިންމުންތައް ނިންމަމުން ދާ ދަނޑިވަޅެއްގަ އެވެ.
ރާއްޖޭގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނި ކުރިއިރު، އެމެރިކާ އާއި ގިނަ ގައުމުތަކުން ވެސް ވަނީ ހަނގުރާމަވެރި ޖަމާއަތްތަކުގެ ލިސްޓުން އެޗްޓީއެސް ނަގައިފަ އެވެ. އަދި އެޗްޓީއެސްގެ ވެރިޔާ އަދި ސީރިއާގެ ރައީސް އަހްމަދު އައް ޝަރާއާ ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ބައްދަލު ވެސް ކުރެއްވި އެވެ.
ޓެރަރިޒަމްގެ ގާނޫނު ބުނާގޮތުން އެ ލިސްޓްގައި ހިމެނޭ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމާއި އަދި ހަނގުރާމަވެރި ސަރަހައްދަކަށް ސަރުކާރުގެ ހުއްދަ ނެތި ދަތުރު ކުރުމަކީ ދިގު މުއްދަތުގެ ޖަލު ހުކުމް އަންނަ ކުށެކެވެ.