ޝަރުއީ ދާއިރާގެ މި އަހަރުގެ "ޤަޟާއީ އަހަރު" ގެ އިފްތިތާޙީ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމަށެވެ. އެހެންވެ މި އަހަރު ޝަރުއީ ދާއިރާއިން ހާސިލު ކުރަން ބޭނުންވާ އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމާ ބެކްލޮގް ފިލުވާލުން ކަމަށް އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އަމިއްލަ ބާރު ނުފޯރާ ސަބަބުތައް ހިމެނޭ ގޮތަށް އެކި ސަބަބުތަކާ ހެދި، ޝަރުއީ ކޯޓުތަކުގައި އެކަށީގެންވާ މިންވަރަށް ވުރެ ދިގު މުއްދަތަކަށް ނުނިމި ހުރި މައްސަލަތައް އެބަހުރި ކަމަށެވެ.
މިދިޔަ އަހަރު ނިމުނުއިރު، ނުނިމި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިހުރި 13،032 މައްސަލަ ރާއްޖޭގެ ކޯޓުތަކުގެ ބެކްލޮގުގައި އެބަހުރިކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.
އުއްތަމަފަނޑިޔާރު ވިދާޅުވީ މައްސަލަތަކުގައި އިންސާފު ގާއި މުކުރުމަކީ ވަރަށް އިސްކަން ދޭން ބޭނުންވާ ކަމެއް ކަމަށާއި މައްސަލަތަކަށް އިންސާފު ގާއިމުކުރާނީ މި އަހަރު އަލަށް ރަޖިސްޓްރީވާނެ ކަމަށް ލަފާކުރެވޭ 21،000 މައްސަލަ ވެސް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދެވޭނެ ގޮތަށް ރާވައިގެން ކަމަށެވެ.
އެހެންވެ އެކަމަށް މަގުފަހި ކުރުމަށްޓަކައި ވަކި ޓާސްކު ފޯހެއް މާދަމާ އެކުލަވާލެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ޓާސްކު ފޯހުގެ ކޮންމެ މަސައްކަތެއް ވެސް ކުރިއަށް ގެންދެވޭނީ ވަރަށް ހަރުދަނާކަމާ އެކު ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަފަނޑިޔާރު ވިދާޅުވީ މި މައްސަލަތަކުގެ ތެރެއިން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ވެސް ދާއިމީ ހައްލު އަންނާނެ ކަމަށެވެ.
ޤަޟާއީ އަހަރު އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތަކީ، އާ ޤަޟާއީ އަހަރަކަށް ކުރިމަތިލާއިރު ފާއިތުވި އަހަރު ކުރެއްވިފައިވާ މަސައްކަތްތައް ފާހަގަކުރުމާއެކު، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުއީ ގޮތުންނާއި، އިދާރީގޮތުން ޝަރުއީ ދާއިރާ ހަރުދަނާކުރެއްވުމަށްޓަކައި، އާ އަހަރުގެ ލަނޑުދަނޑިތައް ކަނޑައަޅައި، ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ބާއްވާ އިހުތިފާލެކެވެ.