ރައީސް އޮފީހުން މިއަދު ބުނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ރައީސް ޖަރުމަނަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ފަސް ދުވަހުގެ މި ދަތުރުފުޅުގައި ރައީސް މުއިއްޒު ޖަރުމަނުގެ ރައީސް ސްޓައިންމަޔާއާ ބައްދަލުކުރައްވާނެ އެވެ.
ރައީސް އޮފީހުން ބުނީ, މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ދިވެހިރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މި ދަތުރުފުޅުގައި ޖަރުމަނުވިލާތުގައި ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބިޒްނަސް ފޯރަމުގައި ދެ ގައުމުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެން، ދިވެހިރާއްޖޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތަކުގެ ތަފްސީލު މަޢުލޫމާތު ދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅު ދިމާވަނީ ރާއްޖެ އާއި ޖަރުމަނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާއާ ކަމަށެވެ. ދެ ގައުމުގެ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ 5 ޖުލައި 1966ގަ އެވެ.