ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ބިލު ފާސްކުރީ އެއްވެސް ބަދަލެއް ނުގެނެސް އޮތް ގޮތަށް ތަޅުމަށް ފޮނުވާށެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ސަރުކާރުން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ.
ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ގާނޫނުއަސާސީއަށް މިދިޔަ ޖަނަވަރީ މަހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނީ އެކުގައެވެ.
މި ބިލު ފާސްކޮށް ތަސްދީގުކުރަން ފޮނުވުމުން މިކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ. ބިލު ތަސްދީގުވާނީ ރައްޔިތުންގެ އަގުލަބިއްޔަތު ލިބިގެންނެވެ.
މިހާރު އޮތް ގޮތަށް ބިލު ފާސްވެއްޖެނަމަ 2028 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އޮންނާނީ އެއްކޮށެވެ.
ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި ހިޔާލު ވަނީ ދެކަފިވެފަ އެވެ. އެގޮތުން ދެ އިންތިހާބު އެއްކޮށްލަން ނަޝީދު ތާއީދުކުރައްވާފައިވާއިރު، އެކަމަށް ފައްޔާޒްގެ ހިޔާލު ތަފާތެވެ.