ads
ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހިމް
ރިސޯޓު ހަދަން 13 ފަޅެއް ބީލަމަށް ހުޅުވާލާއިފި
ހަލާލް ޓޫރިޒަމް ހިމެނޭހެން ރިސޯޓު ހަދަން 13 ފަޅެއް ބީލަމަށް ހުޅުވާލާއިފި އެވެ.
Advertisement

ހަލާލް ޓޫރިޒަމަށް ހުޅުވާލާފައިވަނީ ލ. ފޮނަގާދޫ އާއި، ސ. ދޮންހެރައާއި، އެ ރަށުގެ ކައިރީގައި އޮންނަ 0.85 ހެކްޓަރުގެ ރަށެއްގެ އިތުރުން ހދ. މަކުނުދޫ ފަޅުން 200 ހެކްޓަރުގެ ސަރަހައްދެކެވެ.

އާންމު އުސޫލުން ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލާފައިވާ 13 ރަށަކީ ހއ. އަތޮޅުގެ މާދުނި ފަރުގެ ތިން ސަރަހައްދަކާއި، ކެލާ ފަޅުގެ ދެ ސަރަހައްދަކާއި، ހދ. އަތޮޅުގެ މަކުނުދޫ ފަރުގެ ދެ ސަރަހައްދަކާއި، މާފަރު ފަރުގެ ތިން ސަރަހައްދެއްގެ އިތުރުން ށ. އަތޮޅުގެ ގޮނާފަރުގެ ތިން ސަރަހައްދެކެވެ.

މިތަންތަނަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ކުރިއަށް އޮތް މާޗް މަހުގެ 5 ވަނަ ދުވަހެވެ.

ހަލާލު ޓޫރިޒަމަށް ރަށްތައް ތަރައްގީ ކުރާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 35،000 ޑޮލަރު ހުށަހަޅަން ޖެހޭއިރު އާންމު އުސޫލުން ރިސޯޓު ތަރައްގީ ކުރާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 40،000 ޑޮލަރު ހުށަހަޅަންޖެހެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ތެރޭގައިވެސް 32 ރަށެއް ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވާލާފަ އެވެ. އެކަމަކު ބިޑު ހުށަހެޅީ މަދު ރަށްތަކަކަށެވެ.

ޓޫރިޒަމް މިނިސްޓްރީން މި ފަހަރު ހުޅުވާލީ ރާއްޖޭގައި ޓޫރިޒަމް އެހާ ބޮޑަށް ކުރިނާރާ އަތޮޅުތަކުގެ ރަށްތަކެވެ.

މިދިޔަ އަހަރުގެ މެދުތެރޭގައި ޓޫރިޒަމް މިނިސްޓްރީން ވަނީ 32 ރަށެއް ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވާލައިފަ އެވެ. އެކަމަކު އޭގެ ތެރެއިން ބިޑަށް ހުށަހެޅީ މަދު ރަށްތަކަށެވެ.

ރިޒޯޓު ހަދަން ރަށްތަކެއް އިއުލާންކުރިއިރު، މިދިޔަ ބުރާސްފަތި ދުވަހު ރައީސް ދެއްވި ރިޔާސީ ބަޔާނުގައި ވަނީ، ކުރިއަށް އޮތް ތިން އަހަރު ތެރޭ މަދުވެގެން 10 ރިސޯޓް ސަރުކާރުން ތަރައްގީކޮށް، ދިވެހި ކޮންމެ ރައްޔިތަކު ހިއްސާދާރަކަށް ހަދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ރިސޯޓުތަކުން، ދިވެހި އައިޑީކާޑު އޮންނަ ކޮންމެ މީހެއްގެ އެކައުންޓަށް ބޭރު ފައިސާ ޖަމާކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރަކު 400 ޑޮލަރު ޖަމާކުރެވޭނެ ކަމަށް ލަފާކުރައްވައިފަ އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު ޓޫރިޒަމް ދާއިރާ އިން 5.55 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު 13.8 ޕަސެންޓްގެ ކުރިއެރުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް