އައިކޮމް އިން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކުރީ އެ މިނިސްޓްރީން މައުލޫމާތު ހޯދަން އެދުނު ދެ ހުށަހެޅުމަކަށް އެއްވެސް ޖަވާބެއް ނުދިނުމުން އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކެއްކަމަށެވެ.
އައިކޮމް އިން ބުނީ މި މައްސަލާގައި އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކުރީ 700 ރުފިޔާއިން ކަމަށެވެ.
އައިކޮމް އިން ބުނީ އިސްލާމިކް މިނިސްޓްރީން މައުލޫމާތު ނުދީގެން ބާވަން ނިންމި މައްސަލައިގެ ފުރަތަމަ އަޑުއެހުމެއް ތާވަލުކުރީ މި މަހުގެ 3 ވަނަ ދުވަހަށްކަމަށެވެ. އިސްލާމިކް މިނިސްޓްރީން އެދިގެން އެ އަޑުއެހުން މިމަހުގެ 8 ވަނަ ދުވަހަށް ފަސްކުރިކަމަށެވެ. އެހެންނަމަވެސް އިއްޔެގެ އަޑުއެހުން މިއަދަށް ފަސްކޮށްދޭން މިނިސްޓްރީން އެދުމަށްފަހު މިއަދުގެ އަޑުއެހުމުގެ ވަގުތު ޖެހުނުއިރުވެސް މިނިސްޓްރީން އައިސްފައިނުވާކަމަށް އައިކޮމްއިން ބުނިއެވެ.
މިނިސްޓްރީގެ އެ އަމަލަކީ އައިކޮމްގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅުން ކަމުގައި ގަބޫލުކުރެވޭކަމަށް އައިކޮމް އިން ނެރުނު ބަޔާނުގައިވެއެވެ.