އާންމު ތަންތަނުގައި ބިކިނީގައި އުޅުން ފަދަ ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އުޅޭނަމަ ފިޔަވަޅު އަޅައިދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ އޮންލައިން ޕޯޓަލްއަށް ޕެޓިޝަނެއް ހުށައަޅައިފި އެވެ.

Advertisement
މި ޕެޓިޝަން ހުށަހަޅާފައިވަނީ، އިއްޔެ މަޖިލީހުން އިފްތިތާހުކުރި އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ-ޕެޓިޝަން ޕޯޓަލް) މެދުވެރިކޮށެވެ.
މިއަދު އެ ޕެޓިޝަން ހުށަހެޅީ ޝެއިހު ޒަމްޒަމް ފާރިޝް އިސްވެ ހުންނަވަ އެވެ.އެ ޕެޓިޝަނުގައި ބުނެފައި ވަނީ އާންމު ތަންތަނުގައި މިފަދަ ނިވައިކަން ކުޑަ ފޭރާމުގައި އުޅުމުގެ ސަބަބުން އިސްލާމީ ރިވެތި އަހުލާގާއި، ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މުއްސަނދި ސަގާފަތާއި އާދަކާދަތައް ނެތިދިއުމުގެ ބިރު އޮތް ކަމަށެވެ.
އަދި މިއީ ގިނަ އަދަދެއްގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާ އަށް އޮތް މައްސަލައެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. ޕެޓިޝަންގައި ބުނީ މިފަދަ އަމަލުތަކުގެ ސަބަބުން ދިވެހި ޅަދަރިންނަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށާއި ކުޑަކުދިން އިސްލާމީ ތަރުބިއްޔަތުގެ މަތީގައި ބޮޑުކުރުމަށް ވެސް މިއީ ކުރިމަތިވާ ބޮޑު ހުރަހެއް ކަމަށެވެ.
އެ ޕެޓިޝަން ގައި ސޮއި ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، މިހާތަނަށް 252 މީހުން ސޮއިކޮށްފައި ވެއެވެ. އީ-ޕެޓިޝަނަކަށް ސޯއި ހޯދަންޖެހޭނީ އެ ޕެޓިޝަން ޕޯޓަލްގައި އާންމުކުރާ ތާރީހުން ފެށިގެން ހަ ހަފުތާގެ މުއްދަތުގެ ތެރޭގައި ކަމަށް ގަވައިދުގައި ވެއެވެ.
މަޖިލީހަށް ހުށަހަޅާ ޕެޓިޝަންތަކުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ޕެޓިޝަންގައި، ޕެޓިޝަން ހުށަހަޅާ ފަރާތާއެކު މަދުވެގެން 500 މީހުން ސޮއިކޮށްފައި އޮތުމާއި، ސޮއިގެ ވަކި ތްރެޝްހޯލްޑެއް ހަމަނުވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ ޕެޓިޝަން ސްޕޮންސާކޮށްފައި އޮންނަން ޖެހުން ހިމެނެ އެވެ.