ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓާ ޝްޓައިންމަޔާގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު އެޤައުމަށް ވަޑައިގަތުމުން ރަސްމީކޮށް މަރުހަބާ ދެއްންނެވުން ކުރިއަށްގެންގޮސްފައިވަނީ އެގައުމުގެ ރިޔާސީ ގަޑުވަރު ޝްލޮސް ބެލެވިޔުގަ އެވެ.
މިއީ ރާއްޖޭގެ ރައީސަކަށް ޖަރުމަނުވިލާތުން ރަސްމީކޮށް މަރުހަބާ ދެންނެވި ފުރަތަމަ ފަހަރެވެ.
މި ރަސްމިއްޔާތުގައި ދެ ގައުމުގެ ރައީސުން ވަނީ އޮނަރ ގާޑު ބައްލަވައިލައްވާފަ އެވެ. އެއަށްފަހު، ރާއްޖޭގެ ވަފުދުގެ ބޭފުޅުންނާއި ޖަރުމަނުވިލާތުގެ އިސް އޮފިޝަލުން ދެ ބޭފުޅުންނަށް ތައާރަފުކޮށްދެއްވި އެވެ. މި ބައްދަލުކުރެއްވުމުގެ ތެރެއިން، ރައީސް ވަނީ ޝްލޮސް ބެލްވިއުގެ މެހުމާނުންގެ ފޮތުގައި ސޮއިކުރައްވައި، ޖަރުމަނުގެ ރައީސާއެކު ރަސްމީ ފޮޓޯއެއް ނަންގަވާފަ އެވެ.
ރައީސް މުއިއްޒު ޖަރުމަނުވިލާތަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ އެ ގައުމުގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު މި ކުރައްވަނީ ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށްކަން ފާހަގަކޮށްލެވެ އެވެ.