ads
މީހަކު މިއުޒިކް އަޑުއަހަނީ
ސްޓްރެސް ފިލުވަން، މިއުޒިކް އަޑުއެހުމަށްވުރެ ރަނގަޅުގޮތެއް
ސްޓްރެސް ނުވަތަ ހާސްކަމުން ދުރުވުމަށް ގިނަ ބަޔަކު މިއުޒިކް އަޑުއެހުން ހިޔާރުކުރި ނަމަވެސް، އެއަށްވުރެ މާ ފައިދާހުރި އަދި މާ އަވަސް ނަތީޖާއެއް ލިބޭ ގުދުރަތީ އަޑެއް ވާކަން ސައިންސްވެރިންގެ އާ ދިރާސާއަކުން ހާމަކޮށްފިއެވެ.
Advertisement

 ޖަރުމަނުގެ މެކްސް ޕްލޭންކް އިންސްޓިޓިއުޓް ފޯ ހިއުމަން ޑިވެލޮޕްމަންޓްގެ ދިރާސާވެރިން މި ފެބްރުއަރީ މަހު "ލޭންޑްސްކޭޕް އެންޑް އާބަން ޕްލޭނިންގ" ޖާނަލްގައި ޝާއިއުކުރި ދިރާސާއެއްގައި ބުނާގޮތުން، ދޫނިތައް ގޮވާ އަޑު އަޑުއެހުމަކީ ހާސްކަން ކަނޑުވާލައި، ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމުގައި މިއުޒިކަށްވުރެ ވެސް ނުފޫޒުގަދަ ކަމެކެވެ. މި ދިރާސާއިން ދައްކާގޮތުގައި ހަމައެކަނި އެ އަޑު އިވުމުން ނުފުދެއެވެ؛ މުހިންމީ އެ އަޑަށް ސަމާލުކަން ދީގެން އަޑުއެހުމެވެ.

މި ދިރާސާގައި ބައިވެރިވި މީހުންގެ ހިތުގެ ވިންދާއި، ލޭގެ ޕްރެޝަރު އަދި ހަށިގަނޑުގައި ހުންނަ ސްޓްރެސް ހޯމޯން ކަމަށްވާ "ކޯޓިޒޯލް" ގެ މިންވަރު ވަނީ ބަލާފައެވެ. ނަތީޖާއިން ދެއްކި ގޮތުގައި ޕާކެއްގެ ތެރޭގައި ހިނގާލުމުން ލިބޭ ހިތްހަމަޖެހުމަށްވުރެ، އެ ވަގުތު އިވޭ ދޫނިތަކުގެ އަޑަށް ސަމާލުކަން ދީގެން އުޅުނު މީހުންގެ ސްޓްރެސް ލެވެލް މާ ބޮޑަށް ދަށަށް ގޮސްފައިވެއެވެ. ސައިންސްވެރިން ފާހަގަކުރާ ގޮތުގައި ގުދުރަތީ މާހައުލެއްގައި، ދޫނިތަކުގެ އަޑު އިވުމަކީ އިންސާނާގެ ސިކުނޑިއަށް "ރައްކާތެރިކަމުގެ" ސިގްނަލެއް ލިބޭ ކަމެކެވެ. މިއީ ޒަމާނުއްސުރެ އިންސާނުންގެ ތަބީއަތުގައި ހަރުލާފައިވާ ކަމަކަށް ވުމުން، މި އަޑުތަކުން ސިކުނޑި ހަމައަކަށް އަޅުވައިދެނީ މިއުޒިކަށްވުރެ މާ ފުންކޮށެވެ.

ބައެއް އެހެން ދިރާސާތަކާ ހަވާލާދީ މާހިރުން ބުނާގޮތުގައި، މިއުޒިކް އަޑުއަހާއިރު އޭގެ ޅެންތަކާއި ރާގުތަކާމެދު ވިސްނަން ޖެހުމަކީ ބައެއް ފަހަރު ސިކުނޑިއަށް އިތުރު ބުރައަކަށް ވެއެވެ. ނަމަވެސް ދޫނި ގޮވާ އަޑަކީ "ސޮފްޓް ފެސިނޭޝަން" ނުވަތަ ލުއި ޝައުގުވެރިކަމެއް އުފައްދާ އަޑަކަށް ވާތީ، ސިކުނޑީގެ ވަރުބަލިކަން ފިލުވާލައި، ސަމާލުކަން ދިނުމުގެ ބާރު އާކޮށްދެއެވެ. އެހެންކަމުން، ދެން ފަހަރަކުން ސްޓްރެސް ބޮޑުވެއްޖެނަމަ، ހެޑްފޯނު އަޅައިގެން ލަވަ ޖެހުމުގެ ބަދަލުގައި، ކުޑަ ވަގުތުކޮޅަކަށް ބޭރަށް ނުކުމެ، ގުދުރަތީ މި އަޑުތަކަށް ކަންފަތް ދިނުމަކީ މާ ރަނގަޅު ފަރުވާއަކަށް ވެދާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް