މިއީ ހޮޓެލިއާ މޯލްޑިވްސްގެ ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ބައިވެރިވާ ދެވަނަ އަހަރެވެ.
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރާއި މަސައްކަތްތެރިކަން ފާހަގަކުރުމަށް ބާއްވާ މި ސިލްސިލާގެ ތިންވަނަ އެވޯޑް ހަފުލާ އެވެ.
މިއީ މި ދާއިރާގައި ހަރަކާތްތެރިވާ ވަކިވަކި މުވައްޒަފުންނާއި ޓީމުތަކުގެ އަގުވަޒަންކުރުމަށް ރާއްޖޭގައި ބާއްވާ ހަމައެކަނި ގައުމީ ފެންވަރުގެ އެވޯޑް ޕްރޮގްރާމެވެ.
ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު އެއް ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުން ބިނާވެފައިވަނީ އެ ދާއިރާގެ ފަހަތުގައި ތިބި ހީވާގީ މަވައްޒަފުންގެ މައްޗަށް ކަމަށެވެ.
"ހޮޓެލިއާ މޯލްޑިވްސް" އާއެކު އަޅުގަނޑުމެންގެ މި ގުޅުން ދެމެހެއްޓުމަކީ، މި ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއްބާރުލުން ދިނުމަށާއި، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ދިރާގުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ހޯޓެލިއާ މޯލްޑިވްސްގެ އެޑިޓަރު، އަލީ ނާފިޒް ވިދާޅުވީ، ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި ދިރާގާއެކު އޮތް ގުޅުން ދެވަނަ އަހަރަކަށް އާ ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކމަށާއި ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް އަދި ޖީއެމް ފޯރަމް އިތުރަށް ހަރުދަނާކުރުމުގައި ދިރާގުން ދޭ އެއްބާރުލުމަކީ ނުހަނު މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ.
މި ފޯރަމްގައި ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ލީޑަޝިޕް ހުނަރުތައް ތަރައްގީކުރުމުގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެ އެވެ.