އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔާގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި، ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި ރައީސް އާއި ރައީސް ޝްޓައިންމަޔާ ވަނީ ރަސްމީ ވާހަކަފުޅުތައް އިތުރަށް ފުޅާކުރައްވައި ދެމެހެއްޓެވުމަށް އެއްބަސްވެވަޑައިގަންނަވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، ބައިނަލްއަޤުވާމީ މައިދާންތަކުގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުމާއި، ދެ ޤައުމުގެ މަސްލަހަތު އެކުލެވޭ ކަންކަމުގައި، މަތީ ފަންތީގެ މަޝްވަރާތަކާއި، ރަސްމީ އެއްބަސްވުންތަކުގެ އެހީގައި ގުޅުން ސިންދަފާތުކޮށް، އެގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށްކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
މިދަތުރުފުޅުގައި ކުރިއަށްގެންދެވި މޯލްޑިވްސް- ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރާއްޖޭގައި ޖަރުމަނު ކުންފުނިތަކަށް ހުރި ފުރުސަތުތަކާއި ބެހޭގޮތުން މައުލޫމާތު ދިންކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ރައުންޑްޓޭބަލްގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވަނީ، ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ބައްލަވާލައްވައި، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، އިގްތިސާދީ ފުރުސަތުތައް ފުޅާވެގެންދާ މި ދަނޑިވަޅުގައި ރާއްޖޭގައި އިންވެސްޓްކުރުމަށް އެޤައުމުގެ ކުންފުނިތަކަށް ގޮވާލައްވާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ. މޯލްޑިވްސް- ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ވަނީ، ވިލާތުގެ އެންމެ އިސް އެއް ޓްރެވަލް އެންޑް ޓޫރިޒަމް ގުރޫޕުކަމުގައިވާ ޑިއާޓުއާ ޑޮއިޝްލަންޑް ޖީ.އެމް.ބީ.އެޗް އާއި ވިޒިޓް މޯލްޑިވްސް އާ ދެމެދު، ޑެސްޓިނޭޝަން ޕްރޮމޯޝަނާއި މާކެޓިންގައި އެއްބާރުލުންދިނުމާ ގުޅޭ ފަހުމުނާމާއެއްގައިވެސް ސޮއިކޮށްފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.
މިދަތުރުފުޅުގައި ރައީސް ވަނީ ބާލިންގެ ހުމްބޯލްޑްޓް ޔުނިވާސިޓީއަށް ޒިޔާރާތްކުރައްވައި، މޫސުމީ ބަދަލުތަކަށް ވިލުންވެރިވުމުގައި ރާއްޖޭގެ ތަޖުރިބާތަކަށް ބައްލަވާލައްވައި ހާއްސަ ތަގުރީރެއްކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ، ހާރިޖީ ސިޔާސަތުގައި ކަނޑުތައް އަދާކުރާ ދައުރާ ބެހޭގޮތުން، ޖަރމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް، ޑޮއިޝް ގެޒޭލްޝާފްޓް ފުއާ އައުސްވެއާޓީގަ ޕޮލިޓީކް (ޑީ.ޖީ.އޭ.ޕީ)ގައި ވެސް ތަގުރީރު ކުރައްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އެޤައުމުގައި ބޭއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންނެވިކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ދަތުރުގައި ރައީސް ވަނީ ޖަރުމަނުވިލާތުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ވަކިން ބައްދަލުކޮށް، އެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރުސަތު ދެއްވާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ. .