ads
ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިޔާގެ ދަރިކަލުން ތާރިގް ރަހުމާން
ބީއެންޕީން ބަންގްލާދޭޝްގެ އިންތިހާބު ކާމިޔާބުކޮށްފި
ބަންގްލަދޭޝްގައި އިއްޔެ ބޭއްވި ތާރީހީ އާންމު އިންތިހަބު މިދިޔަ އަހަރު އަވަހާރަވި ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިޔާގެ ދަރިކަލުން ތާރިގް ރަހުމާންގެ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ކާމިޔާބުކޮށްފި އެވެ.
Advertisement

ޕާޓީގެ ޗެއާަމަން، ހާލިދާގެ ދަރިކަލުން ތާރިގް ރަހްމާން ވެސް އޭނާ ވާދަކުރެއްވި ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައި ވާއިރު އެއީ އާ ބޮޑުވަޒީރަށް ވާނެ އެވެ.  

އިއްޔެ އެގައުމުގައި ބޭއްވި އާންމު އިންތިހާބަކީ އެގައުމުގެ ކުރީގެ ބޮޑުވަޒީރު، ޝެއިޚް ހަސީނާގެ 15 އަހަރުގެ ދިގު ވެރިކަން ނިމުމަކަށް ގެނައުމަށް 2024 ގައި ދަރިވަރުންތަކެއް އިސްވެ ހިންގި މުޒާހަރާތަކަށް ފަހު އެ ގައުމުގައި ބޭއްވި ފުރަތަމަ އިންތިހާބެވެ. މި އިންތިހާބުގެ ވޯޓުލުން އިއްޔެ ބޭއްވި ނަމަވެސް މި އިންތިހާބުގައި ހަސީނާގެ އަވާމީ ލީގު ޕާޓީ ނުހިމެނެ އެވެ. އެ ޕާޓީ ވަނީ އިންތިހާބުގައި ވާދަކުރުން މަނާކޮށްފަ އެވެ.  

ބަންގްލާދޭޝްގެ ޖުމްނާ އެންޑް ސޮމޯއީ ޓީވީން ރިޕޯޓްކުރި ގޮތުގައި ބީއެންޕީއަށް ވަނީ 197 ގޮނޑި ލިބިފަ އެވެ. 

ޖަމާއަތު އިސްލާމީ އިސްވެ އޮތް، ދީނީ ޕާޓީތަކުގެ އިއްތިހާދު ދެ ވަނައަށް އޮތް އިރު މިހާތަނަށް ލިބިފައިވަނީ 63 ގޮނޑި އެވެ. މިއީ އެ އިއްތިހާދަށް ލިބޭނެ ކަމަށް ކުރިން ލަފާކުރި އަދަދަށް ވުރެ މާ މަދު އަދަދެކެވެ. 

މެންބަރުން އިންތިހާބުކުރާ 300 ދާއިރާގެ ތެރެއިން އިއްޔެ ވޯޓުލުން ބޭއްވި 299 ދާއިރާގެ ވޯޓު ގުނުން އަދިވެސް ކުރިއަށްދާއިރު، ރަސްމީކޮށް ނަތީޖާ އިއުލާނެއް ނުކުރެ އެވެ.

ބަންގްލަދޭޝްގެ އިލެކްޝަން ކޮމިޝަނުން ހާމަކުރި ގޮތުގައި މި އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތަކީ 60.69 ޕަސެންޓެވެ. މިއީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ބަންގްލަދޭޝްގައި އެންމެ އަމާންކޮށް އަދި ގިނަ ބަޔަކު ބައިވެރިވެގެން ބޭއްވުނު އިންތިހާބު ކަމަށް އޮބްޒާވަރުން ބުނެއެވެ.

ހަސީނާގެ ވެރިކަން ވެއްޓުމަށް ފަހު އުފެއްދި ވަގުތީ ސަރުކާރުގެ ވެރިޔާ، ނޯބެލް އިނާމު ހާސިލުކުރައްވާފައިވާ މުހައްމަދު ޔޫނުސް ވިދާޅުވީ، މިއީ އާދައިގެ އިންތިހާބެއް ނޫން ކަމަށާއި މިއީ ގައުމުގެ މިސްރާބު ބަދަލުކޮށްލާނެ މުހިންމު ދަނޑިވަޅެއް ކަމަށެވެ. އަނިޔާވެރިކަމާއި ބޭއިންސާފާއި ތަފާތުކުރުންތަކާ ދެކޮޅަށް ރައްޔިތުންގެ މެދުގައި އުފެދުނު ހޭލުންތެރިކަން މި ވޯޓުގެ ޒަރީއާއިން ގާނޫނީ ގޮތުން ރަމްޒުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސީނާގެ ވެރިކަމާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި މީހުން މެރި މައްސަލާގައި ހަސީނާގެ ގައިރު ހާޒިރުގައި އޭނާގެ މައްޗަށް ވަނީ ދަންޖައްސައި މެރުމުގެ ހުކުމުގެ އިތުރުން ވެސް އެހެން ބޮޑެތި ހުކުމްތައް އިއްވައިފަ އެވެ. ޝައިހް ހަސީނާގެ އަވާމީ ލީގު މިހާރު އޮތީ މަނާކޮށްފަ އެވެ. އޭނާ މިވަގުތު ހުންނެވީ އިންޑިއާގައި ހިމާޔަތް ހޯއްދަވައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް