އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގިރާވަރުފަޅުގެ ބިން ހިއްކުން އެއްފަހަރާ ދެ ޑްރެޖަރާއެކު ކުރިއަށްދާކަން ހާމަކުރައްވާފަ އެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން ފެށީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްއޭސީއެލްއާ އެވެ.
ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ގިރާވަރުފަޅު ހިއްކައި ނިމޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައިވެ އެވެ.
ނިމުނު ސަރުކާރުގައި ގިރާވަރު ފަޅުން ގޯތި ދޫކޮށްފައިވަނީ، އެތަނުގެ އެކަށީގެންވާ ލޭންޑް ޔޫސް ޕްލޭނެއް ހެދުމެއް ނެތި އެވެ. އެގޮތުން އެތަނުގައި އާބާދުވާނެ އާބާދީއަށް ބޭނުންވާ އަސާސީ ހިދުމަތްތަކަށް ބޭނުންވާ ޖާގަ އެކަށީގެންވާ ގޮތުގައި ކަނޑައަޅާފައެއް ނުވެ އެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއަށް އިތުރު 113 ހެކްޓަރު އިތުރު ކުރުމަށް ނިންމައި، ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށީ މި ސަރުކާރުންނެވެ.