ޔައުމިއްޔާ އޭއައިގެ ނަމުން ނަންދީފައިވާ މި އޭއައި އެޕްލިކޭޝަން ތައްޔާރުކުރީ، ދިވެހި ސްޓާޓްއަޕް ޗެފްވިޝަން އޭއައިއިންނެވެ. ގިނަ ހިދުމަތްތަކެއް ލިބޭ، އަދި ދިވެހި ބަހަށް ފަރިތަ މި އޭއައި ޕްލެޓްފޯމަކީ ދިވެހި ބަހުން އިންޓަނެޓުގައި ސާޗްކޮށް، މަސްދަރުތަކާ އެއްކޮށް ސާފު ޖަވާބުތައް ދޭ ޕްލެޓްފޯމެކެވެ.
ދިވެހި ސްޓާޓްއަޕް ޗެފްވިޝަން އޭއައިގެ މި އެޕްލިކޭޝަން ވުޖޫދު ކުރުމަށް އެންމެ ބޮޑު ސަޕޯޓެއް ދިނީ، ބައިނަލްއަގުވާމީ ވެންޗާ ކެޕިޓަލް ކުންފުނި އެންޓްލާއިންނެވެ. އެއީ، ދުނިޔޭގެ 30 ސިޓީއެއްގައި މަސައްކަތްކުރާ، 1،500 އަށްވުރެ ގިނަ ސްޓާޓްއަޕްތަކަށް އެއްބާރުލުންދީފައިވާ ކުންފުންޏެކެވެ.
ޗެފްވިޝަން އޭއައިގެ ފައުންޑާ އަދި ސީއީއޯ އިސްމާޢީލް ޝުޢާއު ވިދާޅުވީ، އެ ޕްލެޓްފޯމުގެ މަގުސަދަކީ ހުރިހާ ދިވެހިންނަށް އޭއައި ފަސޭހަކޮށް، ދިވެހި ބަހުން ބޭނުންކުރެވޭ ގޮތް ހެދުން ކަމަށެވެ.
ޔައުމިއްޔާ އޭއައިގައި ތިން ބާވަތުގެ ސާޗް މޯޑްތައް ހިމެނެއެވެ. އޭގެތެރޭގައި، އަވަސް ޖަވާބުތަކަށް ޚާއްސަ, ސްޓޭންޑަޑް ސާޗް މޯޑަކާއި ވަރަށް ތަފްސީލުކޮށް ދިރާސާ ކޮށްދޭ, ޑީޕް ރިސާޗް މޯޑެއްގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ހޯދުމަށް ޚާއްސަކޮށްފައިވާ ލީގަލް ސާޗް މޯޑެވެ.
ޔައުމިއްޔާ އޭއައި އިން ލިބޭ އިތުރު ޚިދުމަތްތަކުގެ ތެރޭގައި، ދިވެހި އޯޑިއޯ ލިޔުމަށް ބަދަލުކުރުން ހިމެނެއެވެ. މި ޚިދުމަތުގައި ވާހަކަދައްކާ މީހުން ވަކި ވަކިން ވެސް އެނގޭނެއެވެ. އަދި ޔައުމިއްޔާ އޭއައިއިން އިނގިރޭސި ބަހުން ހުންނަ ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާ ކޮށްދެއެވެ.
މި އެޕްލިކޭޝަން ބޭނުން ކުރައްވަން ފަށާއިރު، ސްޓާޓަޕް ކްރެޑިޓް ހިލޭ ލިބޭނެއެވެ.