މިސްކިތް ހުޅުވުމަށްޓަަކައި މިއަދު އިހަވަންދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދުއެވެ. މިސްކިތް ހުޅުވައިދެއްވުމަށްފަހު ޝަމީމް ވަނީ މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދު ކުރައްވާފައެވެ.
މި މިސްކިތަކީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ބިނާކުރެވުނު މިސްކިތެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެއް ފަންގިލާ ހިމެނޭ މި މިސްކިތަކީ 200 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ރަމަޟާން މަހުގެ ކުރިން 8 މިސްކިތެެއް ހުޅުވުމަށް އަމާޒު ހިފާފައިވާއިރު، މީގެ ތެރެއިން ބައެއް މިސްކިތްތައް މިހާރު ވަނީ ރަސްމީކޮށް ހުޅުވާފައިކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.