ހަރުކަށި ފިކުރު ފަތުރާ ބަޔަކު ރ. މަޑުއްވަރީގައި އުޅޭކަމަށް ބުނެ އެރަށުގައި ސަލާމަތީ ހިދުމަތްތަކުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

Advertisement
ހަރުކަށި ފިކުރު ފަތުރާ ބަޔަކު ރ. މަޑުއްވަރީގައި އުޅޭކަމަށް ބުނެ އެރަށުގައި ސަލާމަތީ ހިދުމަތްތަކުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ހައްޔަރު ކުރި ތިން މީހުންނަކީ ވެސް މަޑުއްވަރީއަށް ނިސްބަތްވާ ތިން މީހުންކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނެފައިވަނީ، މިރޭ 21:56 ހާއިރު ތިންވަނަ މީހަކު ހައްޔަރުކޮށްފައިވާކަމަށާއި، ހައްޔަރު ކޮށްފައިވަނީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މި އޮޕަރޭޝަންގައި މިހާތަނަށް ފުލުހުން ވަނީ އިތުރު ދެ މީހަކުވެސް ހައްޔަރު ކޮށްފައެވެ. އެގޮތުން ހައްޔަރު ކޮށްފައިވަނީ، 34 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން މަޑުއްވަރީގައި ހިންގާ އޮޕަރޭޝަނަށް ފުލުހުން މަޑުއްވަރީ އަށް އެރީ މިއަދު ހެނދުނު އެވެ.
ފުލުހުން މަޑުއްވަރީގައި ހަރަކާތްތެރިވަމުންދާއިރު އެރަށުގެ ބޭރުގައި ކޯސްޓްގާޑު އުޅަނދެއް އެބައޮތެވެ.
މިއޮޕަރޭޝަނާ ގުޅިގެން ފުލުހުންގެ އިދާރާއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިން، ހައްގުތަކުން މަހްރޫމްކޮށް އެފަރާތްތަކުގެ ނާޖާއިޒް ފާއިދާ ނަގަމުންދާ ކަމަށެވެ.