އިކޮނޮމިކް މިނިސްޓްރީން ބުނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އިތުރުކުރެވުނު ބާވަތްތަކާއެކު، ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭހެން އަސާސީ ކާބޯތަކެތީގެ 26 ބާވަތް އެސްޓީއޯގެ އައުޓްލެޓްތަކުން މި ރޯދަ މަހު ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށެވެ.
މީގެ އިތުރުން ރޯދަ މަސް ފެށުމުގެ ކުރިން ހުޅުމާލޭގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވުމަށް ތައްޔާރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީ އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އެތެރެކޮށް، ވިއްކުމަށް ސަރުކާރުން ނިންމެވީ ރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިންނެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކުރަން ނިންމީ، ރާއްޖެއިން އެންމެ ގިނައިން އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކާއި ގޭގޭގައި ކެއިން ބުއިމަށް ބޭނުންކުރާ މިންވަރު އަދި އެ ބާވަތްތަކުގެ ސިއްޙީ ފައިދާތަކަށް ބަލާފައިކަމަށް މިނިސްޓްރީން ބުންޏެވެ.