މި ހިދުމަތް ރަސްމީކޮށް ފައްޓަވާދެއްވީ އެކަމަށްޓަކައި ދ. މީދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން އެވެ. މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރުއާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ(ރޓ) އަހުމަދު ސައުދީއާއި، އެކުންފުނީގެ އިސްވެރިންގެ އިތުރުން، އެ އަތޮޅުގެ ރައްޔިތުންވެސް ވަނީ ބައިވެރިވެފަ އެވެ.
މި އަތޮޅުގައި ހިދުމަތް ފެށުމުގެ ގޮތުން ފުރަތަމަ ހަފުތާގައި ދަތުރުތައް ހިލޭ ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
އާރްޓީއެލްގެ ފެރީގެ ހިދުމަތް މިހާރު ފަށާފައިވާ އަތޮޅުތަކުގެ ތެރޭގައި ހއ، ހދ، ށ، ނ، ރ، ބ، ޅ، ތ، ގއ، ގދ ފުވައްމުލައް އަދި އައްޑޫ ހިމެނެ އެވެ.
މި ރަސްމިޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ހައި ސްޕީޑް ފެރީގެ ނިޒާމަކުން ރާއްޖެ އެއްކޮށް ގުޅާލައި ނިމޭނެ ކަމަށެވެ.
މި ސަރުކާރުން މަސައްކަތް ކުރަނީ ހަމައެކަނި ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރަން ނޫން ކަމަށާއި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ރައްކާތެރި އިތުބާރުހުރި ދަތުރުފަތުރުގެ ސަގާފަތެއް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް އަމީން ވިދާޅުވި އެވެ.
ރާއްޖޭގެ ޖަޒީރާ ކަނޑުތަކަކީ އެއް ބަަޔަކު އަނެއް ބަޔަކާ ވަކިކުރާ ހުރަހަކަށް ވެގެންނުވާނެ ކަމަށާއި ވާންޖެހޭނީ ގުޅުވައިދޭ މަގުތަކަކަށް ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ 12 ޖޫން 2022 ގައެވެ.