ads
ފިނޭންސް މިނިސްޓްރީ
ސަބްސިޑީ އަށް މި އަހަރުގެ މިހާތަނަށް 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފި
މިއަހަރުގެ މިހާތަނަށް، ސަރުކާރުންދޭ ސަބްސިޑީއަށް 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
Advertisement

މިއީ މިދިޔަަ އަހަރުގެ މިހާ ހިސާބަށް ސަބްސިޑީގެ ގޮތުގައި ހޭދަކުރީ 766 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 594 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 

އެހެންކަމުން މިއަހަރު ސަރުކާރުން އެކި ކަންކަމަށް ދޭ ސަބްސިޑީ އާއި އާސަންދަ އިން ހޭދަކުރި އަދަދު ވަނީ މިއަހަރުގެ މިހާތަނަށް 56 އިންސައްތަ އިތުރުވެފަ އެވެ.

ސަރުކާރުން ވަނީ މިއަހަރުގެ މިހާތަނަށް ސަބްސިޑީގެ ގޮތުގައި އާސަންދައަށް 415 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މިދިޔަ އަހަރުގެ މިހާތަނަށް އާސަންދައަށް ހަރަދުކޮށްފައި ވަނީ 239 މިލިއަން ރުފިޔާ އެވެ. އާސަންދައަށް ސަރުކާރުން ހޭދަކޮށްފައިވާ ވަރު އިތުރުވެފައި ވާއިރު، ކޮވިޑް-19 އާއި ގެ ގުޅިގެން ރާއްޖެ އިން ބޭރުގައި ތިބި ދިވެހިންނަށް ސަރުކާރުން ދަނީ އާސަންދަ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 

މި އަހަރުގެ ބަޖެޓުން އާސަންދަ އަށް ހޭދަ ކުރަން ހުށަހަޅާފައިވަނީ 950.8 މިލިއަން ރުފިޔާ އެވެ. 

ސަބްސިޑީތަކާއި އެހެނިހެން ގޮތްގޮތުން ދޭ އެހީތަކަށް މިއަހަރު މިހާތަނަށް ސަރުކާރުން ވަނީ 945 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ފާއިތުވި އަހަރު އެހެނިހެން އެހީތަކާއި ސަބްސިޑީގެ ގޮތުގައި ސަރުކާރުން ހަރަދުކޮށްދީފައި ވަނީ 528 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ މިހާތަނަށް ސަރުކާރުން ސަބްސިޑީގެ ގޮތުގައި ކޮށްފައިވާ ހަރަދު އެހާ ބޮޑުތަނުން އިތުރުވެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ގިނަ ހަރަދުތަކެއް ކުރަމުން ދާތީ އެވެ. 

މި އަހަރުގެ ދައުލަތުގެ ބަޖެޓުން ސަބްސިޑީއަށް 4.6 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވާއިރު ސަރުކާރުން ދަނީ ކޮވިޑް-19 އާ ގުޅިގެން ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ މީހުންގެ ހަރަދާއި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ބޭސްފަރުވާ ގެ ހަރަދުތައް ވެސް ބަލަހައްޓަމުންނެވެ. 

ދައުލަތުން މިއަހަރުގެ ބަޖެޓުގައި ސަބްސިޑީއަށް އެހާ ބޮޑު އަދަދެއް ކަނޑައެޅީ ކައުންސިލްތަކަށް ދޭ މާލީ އެހީ އާއި ސްކޫލު ކުދިންގެ ނާސްތާ ޕްރޮގްރާމަށާއި އެކަނިވެރި މައިންނަށް ދޭ އެހީ ބޮޑުވުމުގެ ސަބަބުން ނެވެ. އެހެންނަމަވެސް މިހާރު ސަރުކާރުން ވަނީ ކައުންސިލްތަކަށް ދޭން ކަނޑައެޅި ފައިސާ ނުދީ މަޑު ޖައްސާލަން ނިންމައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް