ads
ނޭނގި ހިތް ގެއްލުނީ - 71 ވަނަ ބައި
އެޕިސޯޑް 71
Advertisement

ހިތުގައި ފިރުމާލާފައި ނޭވާއެއް ލި އެވެ. ހަމަޖެހިލެވޭތޯ އަމިއްލަ ސިކުނޑިއަށް ވިސްނައިދެމުން، ކެބިންގެ ތެރެއަށް އޭނާ ދެމިގަތެވެ. 

އެތެރެއަށް ވަދެ، ދޮރުލެއްޕުމާއެކު ކެބިންގެ ތެރެއަށް ވަށައިގެން ބަލައިލެވުނެވެ. ކުރީގައި އަމާރާ މަސައްކަތްކުރި، ހޮސްޕިޓަލްތަކުގެ ކެބިންއާއި މި ކެބިންގެ ތަފާތު، ދެ ލޯ މަރައިގެން ހުރެވެސް ޝައްޔާންއަށް އަޅައިކިޔައިލެވޭނެ އެވެ. މިތަނުގައި އަމާރާ ފަދަ ސާދާކަމެއް ނެތެވެ. އޭނާގެ އަމިއްލަ ފޮޓޯއެއްވެސް ބަހައްޓާފައި ނެތެވެ. ވަށައިގެން ހުދުކުލަ އެވެ. މޭޒަކާއި ގޮނޑި، އަދި ދެމީހުންގެ ސޯފާއެއް ފިޔަވައި އެހެން ފަރުނީޗަރެއްވެސް ނެތެވެ. ތަން ހިތްގައިމު ކޮށްލުމަށް ތާޒާ މާބޮނޑިއެއް ޖަހައިލާނެ، މާޓުކުރިއެއްވެސް ނެތެވެ. 

ނަމަވެސް އެ ހަތަރު ފާރުގެ ތެރެއިން ޝައްޔާންއަށް އަރާމެއް އިހްސާސްވެއްޖެކަން ޔަގީނެވެ. ހިތްފުރައި ނޭވާއެއް ލާފައި ލޯ މަރައިލިއިރު، މޫނުމަތީގައިވަނީ ތަފާތު ހިނިތުންވުމެކެވެ.

"އަދިވެސް ހަމަ އެ ސެންޓުގެ ވަސް... އަލްހަމްދު ލިއްލާހި" މަޑުމަޑުން ޝައްޔާން ބުނެލި އެވެ. 

'މިސް ޑިއޯ' ފުރަތަމަ ފަހަރަށްވެސް އަމާރާއަށް ހަދިޔާކުރީ ޝައްޔާން އެވެ. އެއިގެ ފަހުން، އެ ނޫން ސެންޓެއް އަމާރާ ބޭނުން ނުކުރާނެކަމަށް ވައުދުވީ، ޝައްޔާންގެ އުފަންދުވަސް ފާހަގަކުރުމަށް، ދެމީހުން ހޭދަކުރި 'އެކަހެރި' ދަތުރުގަ އެވެ. ދުނިޔޭގެ ހުރިހައި އުފަލެއް ލިބިގަތުމަށްފަހު، ދަތުރުން އެނބުރި އައުމާއެކު ދިރިއުޅުމަށް ކުރިމަތިވި، ބާރުގަދަ ޒަލްޒަލާގައި ލޯބީގެ ހިޔަނިވެސް ފުނޑުފުނޑުވެގެން ދިޔައީ އެވެ. އެދުވަހުގެ ހާދިސާ ޝައްޔާންގެ ހިތަށް ގެންނާކަށްވެސް މިއަދު ބޭނުމެއް ނޫނެވެ. 

ނަމަވެސް، އެ ހަނދާންތަކާއި އެ ރިހުމާއި އެ ހިތްދަތި ދުވަސްތަކާއި އެ ވޭންތަކުން މިންޖުވެވުމެއް ނެތެވެ. ކުއްވެރި އެ ހާލަތުގެ، ޝަކުވާތަކަށް ނިމުމެއްވެސް ނެތެވެ. އައިނުގެ ތެރެއިން ފޭދިގަތް ކަރުނަ، ތުނިކޮށް ކޮށާލާފައިވާ ތުނބުޅި ހުރަސްކުރި އިރެއްވެސް ނޭގުނެވެ. ތެއްކަން އިހްސާސްވުމުން އަތް އުފުލާލާފައި ރަހްމެއް ނެތް ކަރުނަ ފޮހެލުން ނޫން ގޮތެއް ނެތެވެ. 

ސޯފާގައި އިށީންދެ، އިންތިޒާރުގެ ސިކުންތުތަށް ގުނަން ފެށީ ބަރު ހިތަކާއެކު އެވެ. 

'ހީލްސްގައި' ހިނގާލާފައި އަންނަ އަޑު ދޮރާއި ގާތްވުމުން އިސްއުފުލާލެވުނީ ޝައްޔާންގެ ގަސްތަކު ނޫނެވެ. ތަޅުގައި ހިފައި އަނބުރާލި އަޑާއެކު އަމާރާ އެ ހުރީ، ކެބިންގެ އެތެރޭގަ އެވެ.

އަތުގައި އޮތް ފައިލްބޮނޑީގައި  ބާރަށް ހިފަހައްޓާލި އެވެ. އަމާރާގެ ފިޔަވަޅާއި ހަރަކާތްތަކަށް ހުއްޓުން އައިގޮތް، ޝައްޔާން ދެނެގަތެވެ. ދާދި ގާތުގައި ހުރި ސޫރަ އާއި ކުރިމަތިލާން ބޭނުން ނޫނަސް، އެކަމުން ރެކެގަނެވޭކަށް މިވަގުތު ނެތްކަން އަމާރާގެ ސިކުނޑި، ސިނުގަލް ދީފި އެވެ. ދެ ލޯ މަރައި ތަގުޅިކޮށްލީ، އެކަން ހަޖަމްކުރުމަށެވެ. 

ހިތުގައި ދައުރުކޮށްލި 'ބަސްނާހާ' އިހްސާސާއިއެކު އެތެރެއަށް އަމާރާ ފިޔަވަޅު އެޅި އެވެ.

މިފަދަ ގޮތަކަށް، އެކަނިވެރި މާހައުލެއްގައި ޝައްޔާންއާއި ބައްދަލުކުރުމަށް އަމާރާ މިވަގުތު ތައްޔާރެއް ނޫނެވެ. ނަމަވެސް ކުރިމަތިލުން ނޫން ގޮތެއް ނެތެވެ.

"ޝައްޔާން..؟" މަޑުމަޑުން އަމާރާ ބުނެލި އެވެ.

"މިތަނުގައި ކީއް ތިކުރަނީ؟" ހިމޭންކަމާއެކު އަމާރާ ސުވާލުކުރި އެވެ.

ހަމަޖެހޭކަން ދައްކާލަން ކިތަންމެ ބޭނުންވިޔަސް އަމާރާގެ އަޑުގައި ހުރި ތުރުތުރު ސިއްރެއް ނުކުރެވުނެވެ. އެއްވެސް އެއްޗެއް ނުބުނެ ޝައްޔާން ބަލަމުން ދިޔައީ އަމާރާގެ މޫނަށެވެ.

ޝައްޔާންގެ މޫނުމަތީގެ އަސަރުތަކާއި، ލޮލުން ފެންނަމުންދިޔަ، ޖަޒްބާތުތަށް ދެނެގަތުމަށް އަމާރާއަށް މިއަދު ކުޅަދާނައެއް ނުވި އެވެ. ގައިން ހީބިހި ނެގީ، ޝައްޔާންގެ ދެ ލޮލުގެ އިހްސާސްތަށް ފަސޭހަކަމާއެކު މިއަދުވެސް އަމާރާއަށް ފެންނާން ހުރުމުންނެވެ.

ސޯފާމަތީގައި ބާއްވާފައި އޮތް ޝައްޔާންގެ ފޯން ރިންގުވާން ފެށީ އެވަގުތު އެވެ. ކުއްލިޔަކަށް އަމާރާއަށް ބަލައިލެވުނީ ފޯނުގެ ސްކްރީންނަށެވެ. ތޫނު ހަންޖަރަކުން ހިތް ކޮށައި ކުދިކުރިޔަސް، އެ ހިނދުކޮޅުގައި އެޅިވަރުގެ ވޭނެއް ނޭޅީހެވެ. ދިއްލެމުން ދިޔައީ ޒަޔާނާގެ ނަމެވެ. އަމާރާގެ މޫނާއި ލޮލުގެ ޖަޒްބާތުތަށް ހަރު ހިލައަށް ބަދަލުވާން ސިކުންތެއްވެސް ނުނެގި އެވެ.

ފެންނަމުންދިޔަ ކޮންމެ އިހްސާސެއް، އަންނަމުންދިޔަ ކޮންމެ ބަދަލެއް، ވަރަށް ރަގަޅަށް މިއަދު ޝައްޔާން ދިރާސާކޮށްފިކަން އަމާރާއަކަށް ނޭގެ އެވެ. ތަކުރާރުކޮށް ޒަޔާނާ ގުޅުމުންވެސް އެ ކޯލަށް، ޝައްޔާން ޖަވާބެއް ނުދިނެވެ. އަންނަމުންދިޔަ ކޯލް ކަނޑާލާފައި ފޯނު، ޖީބަށް ލީ އިރުވެސް އޭނާގެ ލޯ، އަމާރާގެ މޫނާއި ވަކިނުވެ އެވެ. އަނެއްކާވެސް ފޯނު ރިންގުވާން ފެށި އެވެ. ޖީބުން ނަގާފައި ސްކްރީނަށް ޝައްޔާން ބަލައިލި އެވެ. މިފަހަރު ގުޅަނީ، ލެބޯޓްރީ އިންނެވެ.

ބާރަށް ހިތް ތެޅެން ފެށީ، ޝައްޔާންގެ ނިއްކުރިން ދާބޮކި ހިލުވާލާފަ އެވެ.

އަމާރާގެ މޫނަށް ބަލައިލާފައި ޝައްޔާން ފުންނޭވާއެއްލީ ކަރުކެހިލާފަ އެވެ.

"ވަން މިނެޓް،" ޝައްޔާން ބުނެލި އެވެ.

ފޯނަށް ޖަވާބު ދިނުމަށްޓަކައި، މިފަހަރު ޝައްޔާން ޖެހިލީ އަމާރާއާއި ދުރަށެވެ. ނިއްކުރިއަށް ރޫ އަރުވާލާފައި އަމާރާ، ޝައްޔާންއަށް ބަލައިލީ، ހަގީގަތުގައިވެސް ވާނުވާ ނޭގުނީތީ އެވެ.

"ހެލޯ" ވަރަށް އުނދުގުލުން ޝައްޔާން ބުނެލި އެވެ

ޝައްޔާންގެ ރިޕޯޓް ތައްޔާރުކަމާއި، މެއިލްކޮށްފައި އިންނާނެކަމަށް ބުނުމުން އަވަސް އަވަހަށް ޝުކުރު އަދާކޮށްފައި ޝައްޔާން ފޯނު ކަނޑާލި އެވެ.

މެއިލް ޗެކްކުރާން، ކީބެޑްގައި އިނގިލިތަށް ހަރަކާތްކޮށްލިއިރު، ދެ އަތް ތުރުތުރު އަޅަ އެވެ.

ކެއްތެރިކަމާއެކު ލަސްލަހުން ޝައްޔާން ބަލައިލި އެވެ.

'ރެޒަލްޓް: ޕޮޒިޓިވް'

އަތުން ފޯނު ދޫވެގެން ވެއްޓުނީ ޓައިލްސް މައްޗަށެވެ. ދެ ލޯ ފުރުނީ ހޫނު ކަރުނައިންނެވެ.

ޝައްކަކާއި ނުލައި ޝައްޔާން އުއްމީދުކުރީވެސް މި ނަތީޖާއަށެވެ. ނަމަވެސް މިފަދަ ހާލަތެއްގައި، މިފަދަ ބޮޑުކަމެއް 'މެޑިކަލީ' ސާބިތުވުމުން ކުރެވޭ އިހްސާސް ހަމައެކަނި ވަޒަންކުރެވޭނީ، އެ ހާލަތު ތަޖުރިބާކޮށްފައިވާ އިންސާނަކަށެވެ.

ހަށިފުރައި ނޭވާއެއް ލެވޭތޯ އޭނާ މަސައްކަތްކުރި އެވެ. ނޭވާހޮޅިން އޮކްސިޖަން ދައުރު ނުކުރާ ފަދަ އެވެ. ނޭވާ ކުރުވެއްޖެ އެވެ.

ކިސްވާ އަކީ ޝައްޔާންގެ ދަރިއެކެވެ.

އެއީ ސައްޔާންގެ ލޯބީގެ ނިޝާނެވެ.

ކިސްވާއަކީ ޝައްޔާންގެ ދެ ލޮލުގެ ނޫރެވެ. 

ހިތް ފުރިއްޖެ އެވެ. އިހްސާސްތަކުގެ ދޮރު ބަންދުވެއްޖެ އެވެ.

ޖަޒްބާތުގެ ރާޅު ބިންދާލައިފި އެވެ.

ދެ އަތުގެ ތެރޭގައި ދަރިފުޅު ބޮނޑިކޮށްލާން ބޭނުމެވެ.

ދުނިޔޭގައި މިފަދަ އުފަލެއް ޝައްޔާންއަށްޓަކައި އިންތިޒާރު ކުރަމުންދިޔަކަމުގެ ލިސާނެއްވެސް އޭނާއަށް ނުވެ އެވެ.

ނަމަވެސް... 

ނަމަވެސް.. ހިތުގެ ރިހުމަށް މިވަގުތު ދެވޭނެ ނަމެއް ނެތެވެ.

ނޭނގި ހިތް ގެއްލިއްޖެ އެވެ! މިސްރާބު ގެއްލުނީ އުފަލުންކަމެއް ނުވަތަ ދުނިޔޭގެ ބޭއިންސާފާއި އަނިޔާއިންކަން ނިންމާނެ ހިތްވަރެއް ޝައްޔާންއަށް ކުއްލިޔަކަށް ނުލިބުނެވެ.

އެފަދަ ރިހުމެއް ދިރިހުރި ދެވަނަ އިންސާނަކު އިހްސާސްކުރުމަށް ޝައްޔާން ދުވަހަކުވެސް ނޭދޭނެ އެވެ. ކޮޅަށް ހުންނާނެ ބާރެއް ނެތެވެ. 

ފިޔަވަޅުނަގާނެ ހަކަތައެއް ނެތެވެ. ފުރަގަސްދީގެން ހުރެ، އަމާރާއާއި ކުރިމަތިލާނެ ގޮތެއް ނުވިސްނުނެވެ. 

ނިންމުނީ އެންމެ ކަމެކެވެ. 

ދެ ލޮލުގެ އެންމެ ކަރުނައެއްވެސް މިވަގުތު އަމާރާއަށް ނުދެއްކުމެވެ.

ދެ ލޮލާއި މޫނު ފޮހެލައިގެން ޝައްޔާން، އެނބުރުއިރު އަމާރާ މަސްއޫލުވެ އުޅެނީ އޭނާ ގެނައި ފައިލްތަކުގެ މަސައްކަތުގަ އެވެ.

ކެތް ނުކުރެވޭ މިންވަރަށް ހިތުގެ އުދާސްތަށް ވަނީ ކޮންޓްރޯލުން ނައްޓާފަ އެވެ.

އަމާރާއާއި ދިމާއަށް ޝައްޔާން ބަލައިލި އެވެ. 

ކިތަންމެ ވަރަކަށް، މަސައްކަތަށް ސަމާލުކަން ދޭން ހިތްވަރުކުރިޔަސް، އަމާރާގެ ދެ އަތް ތުރުތުރުއަޅާކަން ސާފުކޮށް ފެނުނެވެ. މިފަދަ ހެނދުނެއްގައި އެފަދަ ގޮތަކަށް، ޝައްޔާން އައުމާއި، ހަތަރު ފާރުތެރޭގައި ހިނގާ އެދިޔަ ކަންކަމަކީ އަދައިގެ ކަންތައްތަކެއް ނޫންކަން، ވަރަށް ރަގަޅަށް އަމާރާއަށް އެނގިއްޖެކަން ޝައްޔާން ދެނެގަތެވެ. އަމާރާއަކީ ތޫނުފިލި 'ސްމާޓް' އަންހެނެކެވެ. ވަގުތާއި ހާލަތު ދެނެގަތުމަށް އަމާރާއަށް ވަގުތުތަކެއް ބޭނުން ނުވާނެކަން އެންމެ ރަގަޅަށް އެނގޭނެ މީހަކީވެސް ޝައްޔާން އެވެ.

މަޑުމަޑު ފިޔަވަޅުތަކުގައި ޝައްޔާން އަމާރާއާއި ގާތްވަމުންދިޔަ އެވެ. ދެމީހުންގެ ހިތުގެ ތެޅުން އެކަކު އަނެކަކަށް އިވޭހެންވެސް ހީވެ އެވެ. ޝައްޔާންގެ ލޮލަށް ބެލުމަށް ސިކުންތަކަށްވެސް އަމާރާއަށް ކުޅަދާނައެއް ނުވި އެވެ. ތެޅިގަތްފައި އިސްޖަހައިލެވުނީ ބިރުވެރިކަމުގެ ރަނގަބީލް އޭނާގެ ވަށައިގެން އިވެން ފެށުމުންނެވެ.

ޝައްޔާންގެ އެސްފިޔައެއްވެސް ތަޅުވާ ނުލަ އެވެ.

އެތަށް ދުވަހެއް ވަންދެން ވަޅުލައި ފަސްއަޅައިފައި އޮތް ބޮޑު ސިއްރުގެ މަތި، ޝައްޔާން ނަގައިފިކަމުގެ ބިރު އަމާރާއަށް އިހްސާސްވެއްޖެ އެވެ. މަންޒަރުން ދުވެ،ފިލޭނެ އެއްގޮތެއްވެސް ނެތެވެ.

ޝައްޔާން ހުއްޓުނީ އަމާރާގެ ކުރިމަތީގަ އެވެ. 

ސިއްރު ފައުޅުވެއްޖެ އެވެ.

ކިސްވާއަކީ، ރެސްޓޯރެންޓެއްގެ ތެރެއިން ދިމާވާ ލޯބި ލޯބި މައުސޫމް ކުޑަކުއްޖެއްގެ އިތުރުން، ޝައްޔާންއަށް މާ މުހިއްމު ކުއްޖަކަށްވެ ނިމިއްޖެ އެވެ.

އެއީ ފޭކް ޕާޕާގެ ނަމުން، ޝައްޔާންއަށް ނަން ދީފައިވާ، އޭނާގެ ހަލާލު ދަރިފުޅެވެ. (ނުނިމޭ)

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް