ޕޮލިސް ކޮމިޝަނަރު، އިސްމާއިލް ނަވީން ފުލުހުންގެ ހިދުމަތުން 31 އަހަރަށްފަހު ބުދަ ދުވަހު ރިޓަޔާ ކުރައްވާފައިވާއިރު، ނަވީން އަކީ 2021 ވަނަ އަހަރުގެ މާޗުގައި އަމަލުކުރަން ފެށި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހިދުމަތް ކުރަމުން އަންނަ ތިންވަނަ ކޮމިޝަނަރެވެ.
ނަވީންގެ ކުރިން އެ މަގާމުގައި ހުރީ ޝުޖާއު އެވެ. ނަމަ ވެސް ޝުޖާއު ވެސް ވަނީ މިދިއަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދީފައި އެވެ. ޝުޖާއު އަކީ މި ސަރުކާރުގެ ފުރަތަމަ ޕޮލިސް ކޮމިޝަނަރެވެ. އޭނާ ވެސް އިސްތިއުފާ ދެއްވީ މަގާމާ ހަވާލުވިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.
ހަމީދު އޭނާގެ އަމިއްލަ ބްލޮގްގައި ލިއުއްވާފައިވަނީ އަވަސްއަވަހަށް ލީޑާޝިޕް ބަދަލުވަމުންދާ ނަމަ އޭގެ ސަބަބުން ހިދުމަތުގެ މިސްރާބު އެއް ދިމާލެއްގައި ހިފަހައްޓަން އުނދަގޫވެ، ސިޔާސަތުގެ ތަރުތީބު ވެސް އަވަސްއަވަހަށް ބަދަލުވެގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މީގެ ސަބަބުން ފުލުހުންގެ މުއައްސަސާގެ ތެރޭގައި ނުތަނަވަސްކަމެއް އުފެދި، ފުލުހުންނަށް ކުރިއެރުން ލިބެނީ ޕްރޮފެޝަނަލް މިންގަނޑެއްގެ ތެރެއިންތޯ ނޫނީ ސިޔާސީ ގުޅުންތަކުގެ ތެރެއިންތޯ ސުވާލު އުފައްދަން ފަށާނެ ކަމަށެވެ.
ޕޮލިސް ކޮމިޝަނަރު އައްޔަނުކުރުމުގެ ބާރު އޮންނަނީ ޕޮލިސް ބޯޑަށެވެ. އެ ބޯޑުން އެ ބާރުތައް އަތުލައި ޕޮލިސް ބޯޑު ބަލިކަށި ކުރުމުގެ ވިސްނުމެއް މި ސަރުކާރުން ގެންގުޅެމުންދާ ކަމަށް ވެސް ހަމީދު ލިޔުއްވި އެވެ.
އެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.