"އެ ދުވަހު އަހަރެން، އަމާރާގެ އެޕާޓްމެންޓަށް ދިޔައީވެސް ކިސްވާގެ ހަގީގަތް އެނގެން ބޭނުންވާތީ.. އަމާރާގެ މަންމައާއި ސުވާލުކުރަން ވަރަށް ތައްޔާރުވެގެން އަހަރެން ދިޔައީ.. އެކަމަކު ތަގްދީރުގެ ސްކްރިޕްޓްގައި އަހަންނަށްޓަކައި އޮތް ބާބު، އެހައި ކާމިޔާބު ވެދާނެކަމަށް އަހަރެން އަންދާޒާކުރާނީވެސް ކިހިނެއް؟ އަހަރެންގެ ކުރިމަތީގައި ކިސްވާ ހުއްޓުނު ވަގުތު، މުޅި ދުނިޔެ އަހަންނަށް ކާމިޔާބު ވެއްޖެކަން ޔަގީންކުރެވުނު.. ބޮޑެތި އެތަށް ހަފްލާތަކެއް ދެ އާއިލާގެ މެދުގައި ބޭއްވި ނިމުނުއިރުވެސް ކުޑަކުއްޖަކު ތި އާއިލާގައި ހުންނަކަމުގެ ލިސާނެއްވެސް އަހަރެންގެ އާއިލާގެ އެކަކަށްވެސް ނުވޭ.." ފުން ނޭވާއެއްލާފައި ހަމަޖެހިލެވޭތޯ ޝައްޔާން ހިތްވަރުކުރި އެވެ.
ބުނާނެ އެއްޗެއް ނޭގިފައި އަމާރާ ހުއްޓަސް، ޝައްޔާންގެ ވާހަކައަށް ނިމުމެއް ނެތެވެ.
"އެކަމަކު، ގުދުރަތުގެ ނިންމުން އަމާރާ ދެކިބަލަ! އަހަރެންގެ ސުވާލަކާއި ނުލައި، އަމާރާ މަންމަގެ އެންމެ ބުނެލުމަކުން އަހަރެންގެ އަންހެނުންގެ ސިއްރު ހާމަވެގެން ދިޔައީ، ހަޔާތުގެ އެންމެ ބޮޑު ޝޮކްގެ ގޮތުގައި.. އަހަރެންގެ ދަރިފުޅު އަހަރެންނާއި އެ ބައްދަލުކުރީ އޭނާގެ ގެއިން..! އަހަރުމެން ދެމީހުންގެ ބައްދަލުވުން ހުއްޓުވޭނެ އެއްވެސް ބާރެއް އެދުވަހު ނެތް.. ހަތް އަހަރަށްވުރެން ދިގު މުއްދަތަށް އަމާރާ އަހަންނަށް ސިއްރުކުރި ބޮޑު ހަގީގަތް، ފާޅުވާންވީ ވަގުތު އައިސް ޖެހުމުން އެ ހުއްޓުނީ އަހަރެންގެ ކުރިމަތީގައި..! އެއީ އަމާރާގެ ދަރިއެކޭ ބުނި ވަގުތު އަހަންނަށް ވާނެ ގޮތް އަމާރާއަށް އަންދާޒާ ކުރެވޭތަ..؟" އަސަރާއެކު ޝައްޔާން ސުވާލުކުރިއިރު އޭނާގެ ކޯތާފަތުން ފައިބަމުންދިޔަ ކަރުނައަށް ހުއްޓުމެއް ނެތެވެ.
އަމާރާގެ ގިސްލުމުގެ އަޑު ކިތަންމެ ސިއްރުކުރިއަސް، އޭނާގެ ދެ ތުންފަތުގެ ތުރުތުރުލުން ނުހުއްޓެ އެވެ.
"އަހަރެންގެ ހިތާއި ސިކުނޑި އައްސިވީ، އެވަރުގެ ބޭވަފާތެރިކަމެއް އަހަރެންގެ އަންހެނުން އަހަންނަށް ދިނީމައި.." ޝައްޔާންގެ ތުހުމަތުތަކުން އަމާރާގެ ހިތަށް ވަމުންދިޔަ އަނިޔާ އޭނާއަށް އިހްސާސްވެސް ނުވެ އެވެ.
"ކިތައް ކުޑަކުދިންނާއި އަހަންނާއި ދިމާވެފައިވާނެ..؟ އެކަމަކު ކިސްވާއާއި ދިމާވެގެން ކުރެވުނު އިހްސާސް، އެ ނޫނީ ދުވަހަކުވެސް ނުކުރެވޭ..! އަހަރެންގެ ޝައިނިންގ ސްޓާރ އަށް އެވަރުގެ ލޯބި ހަދިޔާއެއް ދިނީވެސް، އަހަރެންގެ ހިތުގައި އެ ދަރިފުޅާމެދު އުފެދުނު ބާރުގަދަ އިހްސާސްގެ ސަބަބުން.." ކިސްވާގެ ވާހަކަ ނިންމާން ޝައްޔާން ބޭނުންވެސް ނުވި އެވެ. ދަރިފުޅަށް ދެވުނު ހިތްގައިމު ކެވެލިކޮޅު ޝައްޔާންގެ ކުރިމަތީން ފެނުނު ފަދަ އެވެ.
"ޑީއެންއޭ ޓެސްޓް އަހަރެން ހެދީ އަހަރެންގެ ހިތަށް ތަސައްލީއަކަށްޓަކައި، އެއީ އަހަރެންނާއި އަމާރާއާއި ކިސްވާއަށްޓަކައި އަހަރެން ކުރި ކަމެއް.. ހެއްކެއް ނެތި އަހަރެންގެ އަންހެނުން އިއުތިރާފު ނުވާނެކަން އެންމެ ރަގަޅަށް އެނގޭނީވެސް އަހަންނަށް ދޯ.. އެކަމަށް އަމާރާ ދެކޮޅު ހަދަން އިތުރު ފުރުސަތެއް އަހަރެން ދޭނީ ކިހިނެއް..؟" އަމާރާގެ ދެ އަތުގައި މަޑުމަޑުން ހިފަހައްޓާލާފައި ޝައްޔާންގެ ދެއަތުގެ ތެރޭގައި އެ ހިމަހިމަ އިނގިލިތަށް ބޮނޑިކޮށްލި އެވެ.
"ހައު ކުޑް ޔޫ؟ މި ހުރިހައި އަހަރު، އަހަރެންގެ ލޯބިލޯބި ދަރިފުޅު އަހަންނަށް ފޮރުވީ ކީއްވެ؟" މަޑުމަޑުން އަދި ލޯތްބާއެކު މިފަހަރު ޝައްޔާން ސުވާލުކުރީ އޭނާއާއި ގާތަށް އަމާރާ ދަމާލާފަ އެވެ.
އިހްތިޔާރެއް ނެތި ޝައްޔާންގެ ލޮލަށް އަމާރާއަށް ބަލައިލެވުނެވެ. ކަރުހިކިފައި ވުމުން، އަޑު ބޭރެއް ނުވި އެވެ. މި ވަގުތަށް އަމާރާކުރި އިންތިޒާރު ދެގެވޮޑިގެންވާނީ ﷲތައާލާ އެވެ. ނަމަވެސް ހިތުގައި އޮތް ބިރުވެރިކަން، އޭނާގެ ނަފުސު ބަލިކަށިކުރީ ދުނިޔެ އޭނާއަށް ދިން ކެހިވެރިކަމުގެ ސަބަބުންނެވެ.
"އެ އުފާވެރިކަން ޝައްޔާންއަށް ސިއްރުކުރާކަށް އަހަރެން ބޭނުމެއް ނޫން.. ނާޒުކު އެ ވަގުތުގައިވެސް ބުނެވޭތޯ ވަރަށް މަސައްކަތްކުރީން..!" މަޑުމަޑުން އަމާރާ ބުނެލި އެވެ.
"ބުނެވޭތޯ މަސައްކަތްކުރީމޭ..؟" މަލާމާތުގެ ގޮތަކަށް ޝައްޔާން ހީނލުމުން އަމާރާ އިސްޖަހައިލި އެވެ.
"އަމާރާއަށް އަންދާޒާކުރެވޭތަ އަހަރެން ހަޔާތުން ގެއްލިގެން މިދިޔައީ ކިހައިވަރެއްގެ އެއްޗެއްކަން..؟ އަހަރެންގެ ދަރިފުޅުގެ ފުރަތަމަ ހިނިތުންވުން، ފިރުކިލާފައި އައިސް އަހަރެންގެ އަތުގެ ތެރޭގައި ބޮނޑިކޮށްލާން ބޭނުންވި ވަގުތު ކޮބާ؟ އެ ދަރިފުޅުގެ ފުރަތަމަ ލަފްޒު، އުނދަގުލުން އަރިއަޅަމުން އެދަރިފުޅު ފުރަތަމަ ނެގި ފިޔަވަޅު، ދަރިފުޅާއޭ ކިޔާފައި އަހަރެން ގޮވައިލީމައި ދުވެފައި އައިސް އަހަރެންގެ މި ދެއަތުގެ ތެރޭގައި އެދަރިފުޅު ބޮނޑިކޮށްލާނެ އެންމެ ސިކުންތެއްވެސް އަމާރާއަހަންނަށް ނުދިން..! އަންދާޒާކުރެވޭތަ އަހަރެންގެ ރިހުން..؟" ޝައްޔާންއަށް ގިސްލެވޭ އިރުވެސް އޭނާގެ ވާހަކަ ނުހުއްޓި އެވެ.
ދެމީހުންގެ ހާލު މިނެކިރޭނީ އެއް ތިލަފަތަކުންކަން އެވަގުތު ގަބޫލުކުރާން ޝައްޔާން އިންކާރު ކުރިއަސް، އަމާރާގެ ރިހުމުގެ ތިލަފަތަށް ބަރުވާނެކަން މުޅި ދުނިޔެ ހެކިވާނެ އެވެ. އަމިއްލަ ރިހުން އެއްފަރާތްކޮށް، އަމާރާ ހިތްވަރުކުރީ ހަގީގަތް ޝައްޔާންއަށް ވިސްނައިދެވޭތޯ އެވެ.
"ހަގީގަތުގައިވެސް އަހަރެން ވަރަށް މަސައްކަތްކުރިން.. އަހަރެން ޝައްޔާންއަށް ދޮގެއް ނުހަދާނެކަން ގަބޫލުކުރާނެކަމަށް އުއްމީދުކުރަން.. އަހަރެން އެކަމަށް މަސައްކަތްކުރި މިންވަރު ދެނެވޮޑިގެންވާނީ މާތް ﷲ.. އެކަމަކު އަހަރެންނާއި އަހަރެންގެ ބަނޑުގައި އޮތް އަހަރުމެންގެ ލޯބީގެ ނިޝާން އެއްފަރާތް ކުރުމަށްފަހު ޝައްޔާންގެ ހަޔާތުން އޭރު ޖާގަ ދިނީ މުޅިން އެހެން މީހަކަށް.. މުޅި ދުނިޔޭގެ ކުރިމަތީގައި ޝައްޔާން ޒަޔާނާއާއި ރަން ކިޔާނެ ތާރީހް ކަނޑައެޅީ އެވަގުތު ..! އެއީ އަހަރެން މާ ބަނޑުކަން އެނގުނު ރޭގެ ހަމަ އެވަގުތު ...!" އަމާރާގެ ޖުމުލައާއެކު ޝައްޔާންގެ ހަތަރެސްފައި ތުރުތުރުއަޅައިގަތެވެ. ދެ ބުމަ ގެނެސް ގޮށްޖަހައިލެވުނީ އިވުނު އަޑު ޔަގީން ނުވުމުންނެވެ.
"އެ ހާލަތުގައިވެސް އަހަރެންގެ ދަރިފުޅުގެ ހައްގު ހޯދައިދެވޭތޯ މަސައްކަތްކުރިން.." އަމާރާގެ އަޑު ބެދިއްޖެ އެވެ. ހުރި ފިޔަވަޅު މަތީގައި ޝައްޔާން ގަނޑުވީ އިވުނު އަޑުން އޭނާގެ ދުނިޔޭ ފުނޑުފުނޑުވީ އަޑު ކަންފަތުގައި ގުގުމާން ފެށުމުންނެވެ.
"ވަޓް..؟ ވަޓް އާ ޔޫ ސެއިންގ..؟ އަމާރާ ކީކޭ ކިޔަން ތިއުޅެނީ..؟" ޝައްޔާންގެ ސުވާލުގައި ހައިރާންކަމާއެކު އެތަށް އިހްސާސެއް ވި އެވެ.
އަމާރާގެ ދެ ލޯ މަރައި ތަގުޅިކޮށްލި އެވެ. އޭނާގެ ދުނިޔެ ފުނޑުފުނޑުވެ ބޭވަފާތެރިކަމުން ހިތް ވީދާ ކުދިކުރި ހިތްދަތި ހާދިސާގެ ހުރިހައި މަންޒަރެއް ލޯ ކުރިމަތީގައި ސިފަވާން ފެށި އެވެ.
މާޒީގެ އެ ހިތި ހަނދާންތައް...
ހަގީގަތެއް ނެތް ބޭވަފާތެރި އިލްޒާމްތަކާއި ހަލަބޮލި ތުހުމަތުތަކާއި ރެއާއި ދުވާލު ސްކްރީންތަކުން ފެންނަމުންދާ މަންޒަރުތަކަށް ކެތްނުވުމުން އަމާރާ ގަސްތުކުރީ، އޭނާގެ މާހައުލު ބަދަލުކުރުން ނޫން އެހެން އިހްތިޔާރެއް އޭނާގެ ކުރިމަތީގައި ނެއްކަމަށެވެ. އަމިއްލަ އެޕާޓްމެންޓް ދިގު މުއްދަތަކަށް ކުއްޔަށްދީފައި މަންމައާއި ކޮއްކޮ ކައިރިއަށް ދިއްލީއަށް ބަދަލުވީ، އޭނާއަށްޓަކައި ތަގުދީރުގައި އޮތް ނިޔާ އެނގިގެން ނޫނެވެ.
ޝައްޔާންގެ ހިތި ބަސްތަކާއި ބޭވަފާތެރި މާޒީގެ ހުރިހާ ހަނދާންތަކެއް ދޫކޮށް، މުޅިން އައު މާހައުލަކަށް ދިރިއުޅުން ބަދަލުކުރިޔަސް އޭނާގެ ހިތްދަތި މާޒީ، ނަފްސާނީގޮތުން އަމާރާ ބަލިކަށިކުރުމަށް އެންމެ ތަންފުކެއްވެސް ފަހަތަށް ނުޖެހުނެވެ.
ބުރަ ހޮސްޕިޓަލަކުން ފަސޭހައިން ވަޒިފާ ލިބުނީ އަމާރާގެ އިލްމާއި ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާއާއި ކުޅަދާނަ ހުނަރުގެ ސަބަބުންނެވެ. ރެއާއި ދުވާލުގެ ހަތަރުދަމު މަސައްކަތުގައި ހޭދަކުރުމަށްފަހު ނިދިން މަހުރޫމްވަނީ ގަސްތަކު ނޫނެވެ. އޭނާގެ ލޮލާއި ނިދި ރުޅިވީ އެވެ. ސިކުނޑީގެ ބަލިކަށިކަމަށް ނަފުސުގެ ޝަކުވާގެ ބާރުގަދަކުރީ އެވެ. ނަފްސާނީ ދުޅަހެޔޮކަމަށް ހުޅުވެން ހުރި ހުރިހައި ދޮރެއް އަމާރާ ހުޅުވި އެވެ. ތަގުދީރުގައި ކަނޑައަޅާފައިވަނީ އަމާރާއަށް ނާކާމިޔާބު ކަމުގައި ނިންމުނެވެ. އަމިއްލަ ހަށިގަނޑާއި ސިކުނޑިއާއި ނަފުސަށް އަންނަމުންދިޔަ ބަދަލު ވަކިކޮށް، އަޅާކިޔާން ނޭގުނީ އޭނާގެ ސިއްހަތު، އަމިއްލަ ނަފުސަށްވެސް ފޮރުވާން އަމާރާ ކުރަމުންދިޔަ މަސައްކަތުގެ ސަބަބުންކަން ވިސްނުނުއިރު ވަގުތު ފާއިތުވެއްޖެ އެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;