ads
ރޯދަ ވީއްލުން
ރޯދައަށް ހުރުމަކީ ހަށިގަނޑު ޒުވާންކޮށްދޭ ކަމެއްކަން ދިރާސާތަކުން ސާބިތުވެއްޖެ
ރޯދަ މަހަކީ މުސްލިމުންނަށް އޮތް މުހިންމު އަޅުކަމަކަށް ވާއިރު، ރޯދައަށް ހުރުމަކީ ހަށިގަނޑު ޒުވާންކޮށްދޭ ކަމެއްކަން މިހާރު ސައިންސްގެ އަލީގައި މިވަނީ ސާބިތުވެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރެވިފައިވާ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ގިނަ ވަގުތު ކެއިންބުއިމާ ދުރުގައި ހުރުމަކީ އުމުރު ދިގުކޮށްދީ، ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް އާކޮށްދޭ ކަމެކެވެ. މިއީ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
Advertisement

މިކަން އެންމެ ބޮޑަށް ގުޅިފައިވަނީ ހަށިގަނޑުގައި ހިނގާ "އޮޓޯފޭޖީ" ކިޔާ ނިޒާމަކާއެވެ. މިއީ ސެލްތައް އަމިއްލައަށް ސާފުވާ މަރުހަލާއެވެ. މި މަރުހަލާ ހިނގާ ގޮތް ހޯދައިގެން 2016 ވަނަ އަހަރު ޖަޕާނުގެ ސައިންސްވެރިޔާ ޔޮޝިނޯރީ އޮސޫމީ ވަނީ ނޯބެލް އިނާމު ވެސް ހާސިލުކޮށްފައެވެ. އޭނާގެ ދިރާސާއިން ސާބިތުވި ގޮތުގައި، ހަށިގަނޑަށް ކާނާ ނުލިބި ގިނަ އިރުވުމުން، ސެލްތަކުގައި ހުންނަ ބޭނުންނުވާ ވިހަ މާއްދާތައް އަމިއްލައަށް ނައްތާލަން ފަށައެވެ.

އޮޓޯފޭޖީގެ ސަބަބުން ހަށިގަނޑުގެ ސެލްތައް މުސްކުޅިވުން ލަސްކޮށްދެއެވެ. ހަށިގަނޑުގައި ހުންނަ ހަލާކުވެފައިވާ ޕްރޮޓީންތަކާއި ބަލިކަށިވެފައިވާ ބައިތައް ނައްތާލުމަށްފަހު، މުޅިން އާ ސެލްތަކެއް އުފެއްދުމަށް ރޯދަ އެހީތެރިވެދެއެވެ. މީގެ ނަތީޖާއަކީ ހަންގަނޑު ރީތިވުމާއި، އެތެރެހަށީގެ ގުނަވަންތަކުގެ ބާރުގަދަވެ، މީހާ ޒުވާންކޮށް ފެނުމެވެ.

އެމެރިކާގެ ޔުނިވަސިޓީ އޮފް ސަދަން ކެލިފޯނިއާ (ޔޫއެސްސީ) އިން ކޮށްފައިވާ ދިރާސާއަކީ ވެސް މިކަމަށް ބާރުދޭ ވަރަށް މުހިންމު ހޯދުމެކެވެ. އެ ޔުނިވަސިޓީގެ ސައިންސްވެރިން ހޯދި ގޮތުގައި ތިން ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަހު އިންޓަމިޓެންޓްކޮށް ރޯދައަށް ހުރުމުން، ހަށިގަނޑުގެ ދިފާއީ ނިޒާމު މުޅިން އާވެގެންދެއެވެ. މިއީ ސްޓެމް ސެލްތައް އުފެދުން އިތުރުކޮށްދޭ ކަމެކެވެ.

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޔޫއެސްސީގެ ލޮންޖެވިޓީ އިންސްޓިޓިއުޓްގެ ޑިރެކްޓަރު ވޯލްޓާ ލޮންގޯ ބުނި ގޮތުގައި، ރޯދައަށް ހުރުމަކީ ހަށިގަނޑު މަރާމާތުވުމަށް ދެވޭ ވަރަށް ބޮޑު ސިގްނަލެކެވެ. 

ލޮންގޯ ބުނީ "ކެއުމާ ދުރުގައި ހުންނަ ވަގުތު ހަށިގަނޑު ބަލަނީ ބޭނުންނުވާ އަދި ހަލާކުވެފައިވާ ސެލްތައް ނައްތާލައި، ދިފާއީ ނިޒާމު އަލުން ބިނާކުރަން. މިއީ މުސްކުޅިވުން ލަސްކޮށްދޭ އެންމެ މުހިންމު އެއް ސަބަބު" ކަމަށެވެ.

ސިކުނޑި ޒުވާންކޮށް ބެހެއްޓުމަށް ވެސް ރޯދައަކީ އާދަޔާ ހިލާފު ފަރުވާއެކެވެ. އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވަސިޓީން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، ރޯދައަށް ހުންނަ ވަގުތު ސިކުނޑީގައި ބީޑީއެންއެފް ކިޔާ ޕްރޮޓީނެއް އުފެދޭ މިންވަރު އެތައް ގުނައެއް އިތުރުވެއެވެ. މި ޕްރޮޓީނަކީ ސިކުނޑީގެ ސެލްތައް އާކޮށްދީ، ހަނދާން ބަލިވުމާއި އަލްޒައިމާސް ފަދަ ބަލިތަކުން ދުރުކޮށްދޭ މާއްދާއެކެވެ.

ޖޯންސް ހޮޕްކިންސްގެ މަޝްހޫރު ނިއުރޯސައިންޓިސްޓް މާކް މެޓްސަން ބުނި ގޮތުގައި، ރޯދައަށް ހުރުމަކީ ސިކުނޑީގެ ނެޓްވޯކްތައް ވަރުގަދަކޮށްދޭ ކަމެކެވެ. 

މެޓްސަން ބުނީ "ކަސްރަތު ކުރުމުން މަސްތަކަށް ލިބޭ ފައިދާ ފަދައިން، ރޯދައަށް ހުރުމަކީ ސިކުނޑިއަށް ދެވޭ ވަރަށް ފުރިހަމަ ކަސްރަތެއް. މީގެ ސަބަބުން ސިކުނޑީގެ ސެލްތައް ސްޓްރެސްއާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ވަރުގަދަވެ، މުސްކުޅިވުން ލަސްކޮށްދޭ،" ކަމަށެވެ.

މީގެ އިތުރުން "ސެލް މެޓަބޮލިޒަމް" ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން އެނގޭ ގޮތުގައި، ރޯދަ ހިފުމުން ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުވެއެވެ. މާނައަކީ، ލޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރަން ފަސޭހަވުމެވެ. މިއީ އުމުރުން ދުވަސްވުމުން އާންމުކޮށް ޖެހޭ ހަކުރު ބަލި ފަދަ ބޮޑެތި ބަލިތަކުން މީހާ ސަލާމަތްކޮށް، ހަށިގަނޑުގެ އެތެރޭގެ އުމުރު ހަގުކޮށްދޭ ކަމެކެވެ.

ސޯލްކް އިންސްޓިޓިއުޓްގެ ސައިންސްވެރިޔާ ސަޗިޑާނަންދާ ޕަންޑާ ގެ ހޯދުންތަކުން ދައްކާ ގޮތުގައި ރޯދަ ހިފުމަކީ ހަށިގަނޑުގެ ގުދުރަތީ ގަޑި ނުވަތަ "ސާކޭޑިއަން ރިދަމް" ބަރާބަރުކޮށްދޭ ކަމެކެވެ. އޭނާ ބުނީ "އިންސާނާގެ ހަށިގަނޑު ފަރުމާކުރެވިފައިވަނީ އަބަދު ކާގޮތަކަށް ނޫން. ކެއުން ވަކި ވަގުތުތަކަކަށް ހާއްސަކޮށް ދުރުގައި ހުރުމުން، ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް އަރާމުކުރަން ވަގުތު ލިބި، އެތެރެހަށީގެ ޒުވާންކަން ދެމެހެއްޓޭ،" ކަމަށެވެ.

މި ހުރިހާ ސައިންޓިފިކް ހެކިތަކަށް ބަލާއިރު، ރޯދަ މަހަކީ ހަށިގަނޑަށް ލިބޭ ވަރަށް ބޮޑު ރަހުމަތެކެވެ. ރޯދަ މަހުގެ މި ފައިދާތައް ހޯދުމަށްޓަކައި، ރޯދަ ވީއްލާ ގަޑީގައި ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށާއި ހަކުރު ގިނަ ބުއިންތަކާ ދުރުވާންޖެހެއެވެ. ހަގީގަތުގައި ވެސް ރޯދައަކީ މީހާގެ ރޫހާނީ ކަންކަން ރަނގަޅުކޮށްދިނުމުގެ އިތުރުން، ހަށިގަނޑު ޒުވާންކޮށް ބެހެއްޓުމަށް އޮތް އެންމެ ވަރުގަދަ އެއް ފަރުވާކަން މިއަދު މިވަނީ ފުރިހަމައަށް ސާބިތުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;