ބަރިބަރިއަށް އެލާމްތަކަށް ފޯނު 'ސެޓް' ނުކުރިޔަސް، ފަތިހުގެ ބަންގީގެ ވަގުތަށް ހޭލުމަކީ އޭނާގެ ތަބީއަތުގައި ހަރުލާފައިވާ އާދައެކެވެ. ނަމަވެސް އަމާރާގެ ތާރީހް ބަދަލުކޮށްލީ މަޑުމަޑުން ލަސްލަހުންނެވެ. ބާލީހުން ބޯ ހިއްލާލުން އުނދަގޫކަމަކަށްވެ، ހޭލާގޮތަށް ދަތް އުނގުޅުމާއި ހުސް ބަނޑާހުރެ އަމާރާ ބޯލާ، ފެންތައްޓަކީ އޭނާއާއި ރުޅި އާދަތަކަށް ބަދަލުވެއްޖެ އެވެ. ހެނދުނު ސައިގެ ކުރީން ތިންހަތަރު ފަހަރު ހޮޑު ލުމަކީ އޭނާގެ ނުތަނަވަސް ކަމަކަށްވެ ނިމިއްޖެ އެވެ.
ހުރިހައި ކަމެއްގެ އިލްޒާމް އަޅުވަމުންދިޔައީ ލިބެމުންދިޔަ ނަފްސާނީ އަނިޔާތަކާ އެވެ. ތާރީހް ދުށް، އެންމެ ކާމިޔާބު އުމުރުން އެންމެ ހަގު ގައިނެކޮލޮޖިސްޓުންގެ ތެރޭގައި ނަން ކިޔާލެވޭ ޑޮކްޓަރ އަމާރާ އާރިޒް ފަހުމީއަށް، ހަޔާތުގެ އެންމެ ހާއްސަ އިހްސާސް ދެނެގަންނާން ނޭގުމަކީ އެތަށް ބަޔަކު ހައިރާންކުރުވާނެ ހަގީގަތެއްކަން އޭނާއަށް ވިސްނުނުއިރު އަމިއްލަ ސިކުނޑިއާއި އަމިއްލަ ހިތް އޭނާއަށް ދޯކާ ދީފި އެވެ. ކުރިމަތިވަމުންދިޔަ ހުރިހައި އުނދަގުލެއް އެއްފަރާތްކުރީ، މާޒީގެ ހިތި ވޭންތަކާއި އަޅުވާފަ އެވެ.
ނަމަވެސް ތަގުދީރުގެ ރޭވުން މާ ފުރިހަމަ އެވެ.
އޭނާގެ ޑޮކްޓަރ ސިކުނޑި، ހިތުގެ މައްޗަށް ކާމިޔާބު ހޯދައިފި އެވެ. ވިސްނާ ފިކުރުކުރާން ބޭނުން ނުވިޔަސް، އަމާރާގެ ތަޖްރިބާ އޭނާގެ ހާލަތަށް ފިކުރު ހިންގައިފި އެވެ.
"ނޫން.. ނޫން.. މިއީ ހަގީގަތެއް ނޫން.. މި ކުރެވެނީ ރަގަޅު އިހްސާސެއް ނޫން.." އަމިއްލަ ނަފުސަށްވެސް އަޑު އިއްވާން ބޭނުން ނުވާ މިންވަރަށް މަޑުމަޑު އަމާރާ ބުނެލި އެވެ.
ކިތަންމެ ބޭނުން ނުވިޔަސް ޓެސްޓް ކިޓް، އޭނާގެ ސިކުނޑިއަށް ތަސައްލީ ހޯދައިފި އެވެ. ފާއިތުވީ މިނެޓްކޮޅެކެވެ. ސްޓްރިޕްގެ ނަތީޖާ އެއޮތީ އޭނާގެ ލޯ ކުރިމަތީގަ އެވެ.
ލިބެމުންދިޔަ ހުރިހައި ސިގުނަލަކަށް، އިންކާރު ކުރިޔަސް 'ޕޮޒިޓިވް' ނަތީޖާ ދޮގުކުރާނެ ކޯޓެއް އަމާރާ އުފައްދާނީ ކިހިނެއް ހެއްޔެވެ؟ ކިޔެވި އެއްޗަކާއި ދުނިޔޭގެ ތަޖުރިބާ ދޮގުކުރާނެ ފޯމިއުލާއެއް އޭނާއަށް ނުވިސްނުނެވެ.
ހަށިގަނޑުގައި އުފެދި ތާޒާވަމުން އެދަނީ ޝައްޔާންއާއި އޭނާގެ ލޯބީގެ ނިޝާނެވެ. އެއް އަތުން ބަނޑުގައި، އަނެއް އަތުން ހިތުގައި ފިރުމާލެވުނެވެ.
މިއީ އެންމެ ގާތުން ޝައްޔާންގެ ދެ އަތުގެ ހިމާޔަތް އިހްސާސްކުރާން ބޭނުންވި ހިނދުކޮޅެކެވެ. ނަމަވެސް ދެ ލޯ ފެންކަޅިވެ، ތުންފަތް ތުރުތުރު ލައިފި އެވެ. ހޫނު ކަރުނައާއިއެކު ދެ ލޮލުން ނިކުންނާންފެށީ އަލިފާން ފަދަ ހޫނު އާތްވެކެވެ. ވަށައިގެންވަނީ އެކަނިވެރިކަމާއި ނިކަމެތިކަމެވެ.
ޓެސްޓް ސްޓްރިޕް، އަތުން ދޫކޮށް ނުލަ އެވެ. އޭގައި ފިރުމާލެވުނު އަދަދެއް ނޭގެ އެވެ. ކަރުނައިގެ ތެރެއިން ހިނިތުންވެވުނު މިންވަރެއް އަންދާޒާ ކުރާނެ ތިލަފަތެއް ނެތެވެ.
"އައި ހޭވް ޓު ޓެލް ހިމް.." ބަނޑުގައި ފިރުމަމުން އަމާރާ ބުންމުންދިޔައީ އެ އުފާވެރި ހަބަރު ޝައްޔާންއާއި ހިއްސާކުރާން ބޭނުންވާކެމެވެ.
އުއްމީދުގެ ރޮދި ފަށަކާއެކު ހިތް ފުރާލަން ބޭނުންވި ވަގުތު، އެ ހިތް ސުންނާފަތި ވުމަށް ހިނދުކޮޅެއްވެސް ނުނެގި އެވެ. ފޯނު އުފުލާލަށް ހަރަކާތް ކޮށްލި އަތުން ނެގުނީ ޓީވީ ރިމޯޓެވެ. ފިއްތާލެވުނު ހިނދުގައި ހުޅުވިގެން ދިޔައީ ޓީވީ އެވެ. ރަތް ކުލައިން 'ބްރޭކިން ނިއުސް'، ފަވާލާފައިވޭ އެވެ. މުޅި ސްކްރީން ފުރިފައިވަނީ ޝައްޔާންއާއި ޒަޔާނާގެ ފޮޓޯއިންނެވެ.
ކުރިއަށް އޮތް ހަފްތާގައި ރަން ކިޔަނީ އެވެ. މުޅި ދުނިޔެއަށް ހަބަރު އިއުލާންކުރީ ޝައްޔާން އެވެ. އިންޑިޔާގެ ހަބަރުތަކުގައި ވާގޮތުން ދެ ސްޓާރުންގެ ލޯބި މުޅިން އައު ހަރުފަތަކަށް ގެންދާން ނިންމީ، ދެ އާއިލާއާއި ދެ ސްޓާރުންގެ އެންމެ ބޮޑު އުފަލުގެ ގޮތުގައި އެވެ. ފިލްމުގައި ޝޫޓްކޮށްފައިވާ ގައިގޯޅި އެތަށް މައްޒަރެއް އެކި އެންގަލްތަކުން ސްކްރީނުން ދައްކަމުން ދިޔައީ ދެ ސްޓާރުންގެ ލޯބީގެ ހާދިސާތަށް ރިޕޯޓްކުރަމުންނެވެ.
އަމާރާގެ އުއްމީދުގެ ހިމަހިމަ ރޮދިފަށް ކެނޑެން ވަގުތުތަކެއް ބޭނުމެއް ނުވި އެވެ. ހިތް ކުދިކުދިވެ، ދިރިއުޅުން ފުނޑުފުނޑުވެގެން ބިއްލޫރިކޮޅުތަކެއް ފަދައިން ބިމަށް ފައިބާފި އެވެ. އޭނާ އާއި ދަރިފުޅު ދޫކޮށް، ދެވަނަ ކައިވެންޏަކަށް ޝައްޔާން އެނބުރުނީ އެވެ.
އަމާރާއާއިމެދު ވިސްނާލުމެއް ނުވަތަ ޒައްރެއްގެ މިންވަރުގެ ރަހުމެއްވެސް ނެތި އެވެ.
ބާރަށް ބަނޑުގައި ހިފެހެއްޓުނުކަން އެނގުނެވެ. މޫނުމައްޗަށް އަނދިރިވުމަށްފަހު، ޓީވީގެ އަޑު ފަނޑުވެގެން ދިޔައިރެއްވެސް ނޭގުނެވެ.
ހޭ އެރީކަމެއް ނުވަތަ ނިދިން ހޭލެވުނީކަމެއް ނޭގެ އެވެ. ދެ ލޮލުގެ ވަރުބަލި އެސްފިޔަތަށް ތަޅުވާލެވުނުކަން އެނގުނީ ޖެހިގެން އައި ދުވަހުގެ މެންދުރުކުރީގެ ކޮންމެވެސް ވަގުތެއްގަ އެވެ. ހިއްސުތަށް މަސައްކަތްކުރާކަން އިހްސާސްވުމާއެކު ބަނޑުގައި ފިރުމާލެވުނެވެ. ދެ ލޯ ކަރުނުން ފުރުނީ، އިހްތިޔާރަކު ނޫނެވެ. ކޮޅަށް ތެދުވާން މަސައްކަތްކުރިޔަސް އެކަން ފަސޭހައެއް ނުވި އެވެ. ނަމަވެސް ދުނިޔެއާއި ކުރިމަތިލުން ނޫން އެހެން ގޮތެއް ނެތްކަން ވިސްނުމުން ނެތް ހިތްވަރުގައި އޭނާ ކޮޅަށް ތެދުވެ، އެނދުގައި އިށީނެވެ. ބިންމައްޗަށް ވެއްޓުނުލެއް ބާރުކަމުން، ނޫފައިގަތްފައި ހުރި ތަންތަން ފާހަގަކުރެވެން އަމާރާއަށް ވަގުތުނެގި އެވެ.
ދުނިޔެއިން ލިބުނު ފިލާވަޅާއެކު ޝައްޔާން ދިން 'ހަދިޔާ' ހަނދާންވުމުން އަމާރާއަށް މިފަހަރު ލިބުނީ އިތުރު ހިތްވަރެކެވެ. ހިތާއި ސިކުނޑީގައި އަޒުމެއް ކަނޑައެޅި އެވެ. ފިރިހެނެއްގެ ލޯތްބާއި އޭނާގެ އިހްތިރާމާއި ގަދަރަށް ސަލާމްޖަހާ އަންހެނަކަށް ދުވަހަކުވެސް އަމާރާ ނުވާނެކަމެވެ. ނެތް ޖާގައެއްގެ ތެރޭގައި އޭނާއަށް ހާއްސަ މަގާމެއް ބިނާކުރުމަށް ދުވަހަކުވެސް އަމާރާ މަސައްކަތެއް ނުކުރާނެ އެވެ. ދެމީހުންގެ ލޯބި ހެދިބޮޑުވުމަށް ގަރުބަގަތީ އަމާރާގެ ހަށީގަ އެވެ. އެއީ އަމާރާގެ އަމާނާތެކެވެ. ﷲތައާލާގެ ދީލަތިވަންތަ ނިއުމަތެކެވެ. އެއީ އަމާރާގެ އިމްތިހާނެކެވެ. އެންމެ ފަހު ވިންދަށްވެސް އެ އަމާނާތަށް އަމާރާ ވަފާތެރިވާނެ އެވެ.
(މާޒީގެ ހަނދާންތަށް ނިމުނީ)
................
ކުރިމަތީގައި ހުރި ޝައްޔާންގެ ލޮލަށް އަމާރާ ބަލައިލީ ރިހުމުން ފުރިގެންވީ ބެލުމަކުންނެވެ.
"ބުނަން ބޭނުންވި.. އެ އުފާވެރި ހަބަރު ޝައްޔާންއާއި ހިއްސާކުރަން އިންތިހާއަށް ބޭނުންވި.. އެކަމަކު ޝައްޔާންގެ ރަންކިއުމުގެ ނުވަތަ އެނގޭޖްމެންޓްގެ ހަބަރާއެކު އަހަރެންގެ މުޅި ދުނިޔެ ފުނޑުފުނޑުކޮށްލި.. އަލުން އިޔާދަ ނުކުރެވޭނެ މިންވަރަށް އަހަރެންގެ ހިތާއި ނަފުސު ބަލިކަށިވެ، ނާއުއްމީދުވީ އެކަން ޝައްޔާން ދޮގު ނުކުރީތީވެ..! އަހަރެން ހީކުރީ އެ ކައިވެންޏަށް ޝައްޔާން އެއްބަސްވީ، ހިތުން ރުހިގެންކަމަށް! ބޭނުމެއް ނުވި ޝައްޔާންގެ އުފަލަށް އެޅޭ ހުރަހަކަށް ވާކަން.. ޝައްޔާންގެ އުފަލާއި ހިތްހަމަޖެހުން ނެތިކޮށްލާނެ ހިތްވަރެއް އަހަރެން ހިތަށް ލިބިގެންނުވޭ..!" އަމާރާއަށް ގިސްލެވި އަޑު ބެދެމުންދިއަޔަސް ވާހަކަ ހުއްޓާކަށް މަސައްކަތެއް ނުކުރި އެވެ. އޭނާ ހުއްޓުވާކަށްވެސް ޝައްޔާން ބޭނުމެއް ނުވި އެވެ.
"ބައްޕައަކާއި ނުލައި، ނޫނީ ބައްޕައެއްގެ ލޯތްބާއި ނުލައި ކިސްވާ ދުނިޔެއަށް އުފަންކުރުމުގެ އެއްވެސް ވިސްނުމެއް އަހަރެން ނުގެންގުޅެން.. އެކަމަކު އަހަރެމެން ދެމައިން އެކަނިވެރިކޮށްލީ ތަގުދީރުގެ އިމްތިހާނެއްގެ ގޮތުގައި..! ހިތް ބުނަމުންދިޔައީ، އަހަރެންގެ ލޯތްބާއި އަހަރެންގެ ދަރިފުޅު ޝައްޔާންގެ ދުނިޔެއިން ބޭރުކޮށްލީކަމަށް.. މިންވަރު ފުޅުގައި ނެތް ލޯތްބެއް ހާސިލްކުރަން ގަދަބާރުން އުޅުމުގެ ކޮން ހައްގެއް އަހަންނަށް އޮތީ..؟ ހިތަށް އެރީ ކިސްވާގެ ހަބަރު ދިނަސް އެކަން ޝައްޔާން ގަބޫލެއް ނުކުރާނެޔޭ..! ކައިވެނީގެ ހެއްކެއް އަހަރެން އަތަކު ނެއް..! މިކައިވެންޏަށް ޝައްޔާން އިންކާރުކޮށް އަހަރެންގެ ދަރިފުޅު އެއީ ޝައްޔާންގެ ހިއްސާއެއްކަމަށް އެއްބަސްނުވެއްޖިއްޔާ އަހަންނާއި އަހަރެންގެ އާއިލާ ދުނިޔެއާއި ކުރިމަތިލާނީ ކިހިނެއް؟ ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް އޮތް މި ކައިވެނީގެ ސައްހަކަމުގެ ހެކި އަހަރެންގެ އަތަކު ނެތް.. ބިރުވެރި އެތަށް ހިޔާލްތަކަކުން އަހަރެންގެ ނިދި ރުޅިވެ، ހިތުގެ އަމާންކަން ނެތިކޮށްލީ އަނދިރި ވަސްވާސްތަކުން..! ޝައްޔާންގެ ދުނިޔެއާއި ކިސްވާ ދުރުން މި ގެންގުޅުނީ އެސަބަބަށްޓަކައި.. ހަގީގަތުގައިވެސް އަހަރެން ބިރުގަތީ..!" އެންމެ ފަހުގެ ބުނެލުން އަމާރާ ބުނެލިއިރު އޭނާގެ އަޑުވެސް ބޭރުނުވެ އެވެ. ހިތްދަތިކަމުން ގިސްލެވެމުންދިޔައީ އެތަށް އަހަރެއްގެ ގަދަ ރިހުން އާވުމުންނެވެ.
ކުރިއަށް ވުރެންވެސް އަމާރާއާއި ގާތަށް ޝައްޔާން ޖެހިލި އެވެ. ރިހުމުން ފުރިފައިވާ އަމާރާގެ މޫނަށް ބަލަން ޝައްޔާންއަށްވެސް ފަސޭހައެއް ނޫނެވެ.
"ތިޔަބުނި ކަންކަމުގެ ގޮތްނިންމާން އަހަރެންގެ އިހްތިޔާރަށް އަމާރާ ދޫކޮށްނުލީ ކީއްވެ؟" ޝައްޔާންގެ އަޑު ކިތަންމެ ފަނޑުވިޔަސް، އެ ސުވާލުގެ ބަރުދަން އަމާރާއަށް އުފުލޭވަރަށްވުރެން މާ ބަރެވެ. ކަރުނައާއެކު އިސްޖަހާލަން މަޖުބޫރުވީ އެ ސަބަބަށްޓަކަ އެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;