ފުލުހުން ބުނީ މި މަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައި ޓީޖެޓީގައި އޮތް ބޯޓެއްގެ ކެޕްޓަނާ ހަވާލުކުރި 94000 ދިވެހި ރުފިޔާ ލާފައިވާ ސިޓީ އުރައެއް ލިބެންވާ ފަރާތަށް ނުލިބި ގެއްލިފައިވާ މައްސަލަ އޭގެ ދެ ދުވަސްފަހުން އެ އިދާރާއަށް ހުށަހަޅާފައިވާކަމަށެވެ.
މާފަންނު ޕޮލިހަށް މި މައްސަލަ ހުށަހެޅުމުން ސީސީޓީ ފުޓޭޖު ބަލާފައިވާކަމަށާއި އެހެން ނަމަވެސް ފުޓޭޖުން ބޯޓު ދެނެގަނެވިފައިނުވާތީ، ބޯޓު އޮތް ސަރަހައްދަށް ފުލުހުން ގޮސް އެ ސަރަހައްދުން އެކި މީހުންނާ ސުވާލުކޮށް މައުލޫމާތު ހޯދައި، ކުރެވުނު މަސައްކަތުން ބޯޓު ދެނެގަނެވި ކެޕްޓަނާ ގުޅިކަމަށް ފުލުހުން ބުނެއެވެ.
ބޯޓުގެ ކެޕްޓަނާ ގުޅުމުން ބޯޓު އޮތީ ވ. އަތޮޅުގައި ކަމަށާއި މީހަކު ގެނެސްދިން ސިޓީ އުރައެއް ބޯޓުގައި ހުރި ލޮކަރުގައި އޮތްކަމަށް ކެޕްޓަން މައުލޫމާތުދިން ކަމަށާއި އެ ފައިސާތައް މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ކެޕްޓަން ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
މި ފައިސާއަކީ ދ. އަތޮޅުގައި ތަރައްގީކުރާ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަކަން ތަހުގީގަށް އެނގިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. އަދި ރިސޯޓަށް ފޮނުވުމަށްޓަކައި ފައިސާ ހަވާލުކުރެވިފައިވަނީ ހަވާލުކުރަންޖެހޭ ބޯޓުގެ ކެޕްޓަން ނޫން އެހެން ބޯޓެއްގެ ކެޕްޓަނާކަން ވެސް އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;