ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ގޭތެރޭގެ މާހައުލު ވެސް ނާމާންވާން ފެށިއެވެ. ބޭރުން އިވޭ ހަމައެކަނި އަޑަކީ އެމްބިއުލާންސްގެ އަޑެވެ. ފޫހިފިލުވުމަށްޓަކައި ޒައިދު އާއި ނަބީލް އެންމެ ގިނަ ވަގުތު ހޭދަކުރީ ސޯޝަލް މީޑިއާ ގައެވެ. އެކި ކަހަލަ ވީޑިއޯތައް ބަލަމުން ދަނިކޮށް، އެމީހުންނަށް ފެނުނީ ސަހަރާއެއްގައި ކުރާ ރޫހާނީ ކުޅިވަރެއްގެ ވީޑިއޯއެކެވެ. މިއީ އާ ކަމަކަށް ވުމުން އެމީހުންގެ ސަމާލުކަން އެއަށް ހުއްޓުނެވެ.
މި ކުޅިވަރަކީ މަރުވެފައިވާ މީހުންނާ މުއާމަލާތް ކުރުމަށް އިންޓަނެޓުގައި މަޝްހޫރުވެފައިވާ ފޭކު ކުޅިވަރެކެވެ. ރޭގަނޑުގެ ދަންވަރު ވަގުތު، ފޫހިފިލުވާލުމުގެ ބޭނުމުގައި، މަނާކޮށްފައި އޮތް ނަމަވެސް އެމީހުން ނިންމީ ގެއާ ކައިރީގައި އޮތް ސަހަރާއަށް ވަނުމަށެވެ. މަގުމަތީގައި ފުލުހަކު ނެތް ވަގުތެއް ބަލާފައި، ސިއްރުން ގޮސް ސަހަރާގެ ފާރުމަތިން ފުންމާލި އެވެ. ސަހަރާ ތެރެ އޮތީ އަނދިރިކޮށް އަދި ބިރުވެރިކޮށެވެ.
މަހާނަތަކުގެ މެދުގައި އިށީނދެ، އެމީހުން އެ ނުރައްކާތެރި ކުޅިވަރު ފެށިއެވެ. ސޯޝަލް މީޑިއާ އިން ފެނުނު ގޮތަށް ބައެއް ބަސްތައް ކިޔަމުން، މަހާނަތަކަށް ޖޯކު ޖަހައި ހީސަމާސާ ކުރިއެވެ. ނަބީލް ވަރަށް ބާރަށް ހޭން ފެށުމާއެކު، ޒައިދު ގާތު މިއީ ހުސް ދޮގު ވާހަކަތަކެއް ކަމަށް ބުންޏެވެ. އެވަގުތު ކުއްލިއަކަށް ފިނި ވައިރޯޅިއެއް އެމީހުންގެ ގައިގައި ޖެހުނެވެ. އެހެންނަމަވެސް، އެއްވެސް އާދަޔާ ހިލާފު ކަމެއް ނުފެނުމުން އެމީހުން އަނބުރާ ގެއަށް އައީއެވެ.
ޖެހިގެން އައި ދުވަހު ގޭތެރެއިން ފާހަގަވީ އާ އިހުސާސެކެވެ. ފިނިކަން ގަދަވެފައި، ކޮންމެވެސް މީހަކު ގޭތެރޭގައި އުޅޭ ކަމުގެ އިހުސާސް ޒައިދު އަށް ކުރެވެން ފެށިއެވެ. ރޭގަނޑު ނިދަން އޮއްވައި، ސިޓިންގރޫމް ތެރެއިން ވަރަށް މަޑުމަޑުން މީހަކު ކެއްސާ އަޑު އިވުނެވެ. އެއީ މުސްކުޅި ފިރިހެނަކު ވަރަށް އުނދަގުލުން ކެއްސާ އަޑާ އެއްގޮތް އަޑެކެވެ. ޒައިދު ހީކުރީ އެއީ މަގުމަތިން އިވުނު އަޑެއް ކަމަށެވެ.
ނަމަވެސް ދެވަނަ ރޭ ވެސް ހަމަ އެ ގަޑީގައި އެ އަޑު އިވުނެވެ. މިފަހަރު ނަބީލް އަށް ވެސް އެ އަޑު ވަރަށް ސާފުކޮށް އިވުނެވެ. ދެމީހުން އެކީގައި ގޮސް ބެލިއިރު ސިޓިންގރޫމް ގައި އެއްވެސް މީހަކު ނެތެވެ. ދޮރުތައް ހުރީ ތަޅުލާފަ އެވެ. ކެއްސުމުގެ އަޑު އިވެނީ ހަމަ ގޭތެރެއިންނެވެ. އެ އަޑުގައި ވަނީ ވަރަށް ބޮޑު ވޭނަކާއި ހިތްދަތިކަމެކެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ދެ ހަފުތާވީއެވެ. ކޮންމެ ރެޔަކު މެންދަމު އެ ކެއްސުމުގެ އަޑު ގޭތެރެއިން ގުގުމާލައެވެ. މަހާނަތަކުގެ މެދުގައި ކުޅެވުނު އެ ކުޅިވަރުގެ ސަބަބުން ސަހަރާއިން ކޮންމެވެސް ނުބައި އެއްޗެއް އެމީހުންނާ އެކު ގެއަށް އައީކަން އެމީހުންނަށް ޔަގީންވިއެވެ. ބިރުން ގޮސް ރޭގަނޑު ނިދުމަކީ ދެމީހުންނަށް ވެސް މުސްތަހީލު ކަމަކަށް ވިއެވެ. އެ އަޑު ދިޔައީ ރެއިން ރެއަށް ބާރުވަމުންނެވެ.
އެންމެ ބިރުވެރި ކަމަކާ ކުރިމަތިވީ ސާދަވަނަ ރެޔެވެ. ކުއްލިއަކަށް ގޭގެ ކަރަންޓު ކެނޑުނެވެ. މުޅިތަން އަނދިރިވުމާއެކު، އެ ކެއްސުމުގެ އަޑު އިވެން ފެށީ ސީދާ އެމީހުން ތިބި ކޮޓަރީގެ ތެރެއިންނެވެ. ޒައިދު ތުރުތުރުއަޅާ ހާލު، ފޯނުގެ އަލި ދިއްލާލައި ކޮޓަރި ތެރެއަށް އަލިކޮށްލިއެވެ. ކޮޓަރީގެ ކަނުގައި ހުރީ ވަރަށް ހިކިކޮށް، ގުދުވެފައި ހުރި މުސްކުޅިއެއްގެ ހިޔަންޏެކެވެ. އެ ސިފަ ފެނުމާއެކު ދެމީހުންގެ ނޭވާ ވެސް ހުއްޓުނު ފަދަ އެވެ.
އެ މުސްކުޅިޔާ އެމީހުންނާ ދިމާއަށް އެނބުރި، ވަރަށް ބާރަށް ކެއްސަން ފެށިއެވެ. ޒައިދު ބިރުން ހަޅޭއްލަވައިގަނެ، ހިތުން ދަސްކޮށްފައި ހުރި ބައެއް ސޫރަތްތައް ކިޔަވަން ފެށިއެވެ. ނަބީލް އަށް ހުރެވުނީ ބިރުން ގޮސް ގުޑިލަން ވެސް ނުކެރިފައެވެ. ޒައިދު ކިޔަވަމުން ދިޔަ ވަރަކަށް، އެ މުސްކުޅިޔާގެ ހިޔަނި މަޑުމަޑުން ފަނޑުވަމުން ގޮސް، ވައިގެ ތެރެއަށް ގެއްލިއްޖެ އެވެ. ނަމަވެސް އެ ކެއްސުމުގެ އަޑު އެތައް އިރެއް ވަންދެން ކޮޓަރި ތެރޭގައި ހަރުލާފައި ހުއްޓެވެ.
ކަރަންޓު އައުމާއެކު ދެމީހުންނަށް ވެސް ތިބެވުނީ ދާހިތްލާ ފޯވެފައެވެ. މަރުވެފައިވާ މީހުންނަށް އިހުތިރާމު ކުޑަކޮށް، ސަހަރާ ތެރޭގައި އެ ކުރެވުނު ކަންތައްތަކަކީ ކިހާ ބޮޑު ގޯހެއްކަން އެމީހުންނަށް އިހުސާސްވި އެވެ. އެރޭގެ ބާކީ އޮތް ބައި އެމީހުން ހޭދަކުރީ ރޯން ތިބެ، الله ގެ ހަޒުރަތުން ފާފަ ފުއްސެވުމަށް އެދި ދުއާކުރުމުގަ އެވެ.
އޭގެ ފަހުން އެ ނާމާން ކެއްސުމުގެ އަޑެއް ގޭތެރެއިން ނީވެ އެވެ. ނަމަވެސް އެ ދެ ހަފުތާގެ ތެރޭގައި ލިބުނު ނަފްސާނީ ބިރުވެރިކަން ދުވަހަކުވެސް ފިލައިގެން ނުދާނެ އެވެ. ޒައިދު ބުނީ "އެއީ އަހަރެމެންނަށް ދެވުނު ވަރަށް ބޮޑު އިންޒާރެއް. ނުފެންނަ މަހުލޫގުންނާ ބެހި، މަހާނަތަކަށް ފުރައްސާރަ ކުރުމަކީ ދުވަހަކުވެސް ކޮށްގެންވާނެ ކަމެއް ނޫން،" ކަމަށެވެ. އެ ނުރައްކާތެރި ކުޅިވަރުގެ ސަބަބުން އެމީހުންނަށް ދަސްވީ ދުވަހަކުވެސް ހަނދާން ނުނެތޭނެ ފަދަ ބިރުވެރި ފިލާވަޅެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;