ads
ނޭނގި ހިތް ގެއްލުނީ - 77 ވަނަ ބައި
އެޕިސޯޑް 77
Advertisement

(ތިން ދުވަސް ފަހެވެ)

އަމާރާގެ އެޕާޓްމެންޓްގެ އޮޅިގަނޑުން އެތެރެވުމަށް ކިތަންމެ ބޭނުންވިޔަސް އެކަމުގެ ހުއްދަ ޝައްޔާންއަށް ނުލިބުނެވެ. އަމާރާގެ ރުޅިމަޑުކުރެވޭތޯ ތިން ދުވަސްވަންދެން ކުރެވުނު މަސައްކަތުން ކުރި ނުލިބުމުން މިއަދު ގެއަށް އައީ އަމާންދިނުމުގެ އަޒުމެއްގައި ނޫނެވެ. 

ނަމަވެސް ގެއަށް ވަނުމުގެ ހުއްދައެއް ނުލިބުނެވެ. ވާހަކަ ދެއްކުމުގެ އިޒުނައެއްވެސް ނުލިބުނެވެ. ދެއްކި އެއްވެސް ވާހަކައެއް އަޑުއެހިކަމުގެ އަސަރެއްވެސް އަމާރާގެ މޫނުމަތީން ނުފެނުނެވެ. 

"މިވަގުތު މިތަނުގައި އަހަރެން މިހުރީ ޝައްޔާންގެ އިސްތިގްބާލުގައި ކަމަށް ހީނުކުރައްޗޭ.. ވީ އެންމެ އަވަހަކަށް މިތަނުން ދިއުން، ވަރަށް ބޮޑަށް އެދެން" ގޭތެރެއަށް ނުވަދެ ދޮރުމަތީގައި އަމާރާ އެހުރި ސަބަބެއް ޝައްޔާންގެ ސިކުނޑިއަށް ވިސްނައިގަންނާކަށް ނޭގުނެވެ. 

އަމާރާ އެތަނުގައި އެހުރީ ސްކޫލުން ނިމިގެން ކިސްވާ އަންނާނެ ވަގުތެއްގެ އިންތިޒާރުގަ އެވެ. ތިއޭޓަރގައި ލަސްވުމުން، ގަޑިއަށް ބަލައި ނުދެވޭނެތީ މިއަދު ކިސްވާ ގެއަށް ގެނައުން އަމާރާ ހަވާލުކުރީ ސަބާ އާއި އެވެ. ޓެކްސީއެއްގައި ސްކޫލުން ނައްޓައިލައިފިކަން އެނގުމުން، އަމާރާ އެ މަޑުކުރަނީ ކިސްވާގެ އިންތިޒާރުގަ އެވެ. 

"ހެޔޮނުވާނެ އަމާރާ، އެންމެ ފަހަރަކު އަހަރެންގެ މޫނަށް ބަލާލަބަލަ.." އަމާރާގެ ކުރިމައްޗަށް ހުއްޓިފައި ޝައްޔާން ބުނެލީ އަސަރާއެކު އެވެ.

"އަހަރެން ބުނެފިން ދޯ މިތަނުން ދާ...

"ފޭކް ޕާޕާ...!!!" ލޯބި އަޑަކުން ނުހަނު ބާރަށް ގޮވައިލިއަޑަށް އަމާރާއާއި ޝައްޔާންއަށް އެދިމާއަށް ބަލައިލެވުނީ އެއްފަހަރާ އެވެ. 

ބޮލަށް ގަނޑުފެން އެއްޗެއް އަޅައިލުމުން ހަރަކާތް ހުއްޓޭފަދައިން އަމާރާ އާއި ޝައްޔާން ތިބީ  ހުއްޓިފަ އެވެ. ޓެކްސީއިން ފޭބުމާއެކު ސަބާގެ އަތުގެ ތެރެއިން ވީއްލިގަނެގެން، އެއް ކޮނޑުގައި ދަބަސް އަޅުވައިގެން ކިސްވާ ދުއްވައިގަތީ ޝައްޔާންއާއި ދިމާއަށެވެ. ކުޑަކުޑަ ދަރިފުޅު ހުއްޓުވާނެ ބާރެއް އަމާރާގެ ނެތެވެ. ބާރަށް ދުވެފައި އައިސް ކިސްވާ ފުންމައިލީ ޝައްޔާންގެ ދެއަތުގެ ތެރެއަށެވެ. ލޯބިވާ ދަރިފުޅަށްޓަކައި ދެ އަތް ހުޅުވައިލެވުނު ވަގުތެއް ޝައްޔާންއަށް ރެއަކާވެސް ނުލަ އެވެ. ފިކުރެއް ހިޔާލެއް ނެތި ދެ އަތުގެ ތެރޭގައި ކިސްވާ ބޮނޑިކޮށްލީ، އިހުނަށް ވުރެން އެތަށް ގުނައަކުން އެދަރިފުޅުގެ ސަލާމަތާއި ރައްކާތެރިކަމަށް ޝައްޔާން ވިސްނާފައި އެވެ. ފެންނަމުންދިޔައީ ދުނިޔޭގެ އެންމެ ހިތްގައިމު ލޮބުވެތި މަންޒަރުތަކުގެ ރީތި، ނަލަ މަންޒަރެކެވެ. ގުދުރަތުގެ މާތްގުޅުންތަކުގެ ތެރެއިން،  އެއަށްވުރެން ފުރިހަމަ މަންޒަރެއް އަމާރާގެ ލޯކުރިމަތީން އަލުން ފެނިދާނެކަމާއިމެދު ޝައްކުކުރާނެ ޖާގަވެސް އެބައޮތެވެ. އެކަނިވެރި ހިތި މާޒީގެ ހަތް އަހަރުގެ ރިހުމާއި ވޭނަކީ ހަގީގަތަކަށް ވާތީ އެވެ.

ހަތް އަހަރަށްވުރެން ގިނަދުވަހު ފޮރުވައިގެން ގެންގުޅު ދަރިފުޅު ދުވެލާފައި އައިސް އެވަނީ އެ ދަރިފުޅުގެ ބައްޕަގެ އަތު ތެރެއަށެވެ. ދެހިތުގެ ތެޅުމުގެ މިއުޒިކީ އަޑުން ގުދުރަތީ ރާގެއް އުފެދޭނެހައި ހިތްގައިމު ބައްދައިލުމަކުން ދެއަތުގެ ތެރޭގައި ދަރިފުޅު ބޮނޑިކޮށްލިއިރު ޝައްޔާންގެ ދެ ތުންފަތް ތުރުތުރު އަޅަން ފަށައިފި އެވެ.

ދެ ލޯ ރަތްވެ އެސްފިޔަތަށް ތެމިއްޖެ އެވެ. ޝައްޔާންގެ ލޮލުގެ ނަޒަރުން މުޅި ދުނިޔެ ފަނޑުވެއްޖެ އެވެ. އޭނާގެ ދަރިފުޅު ނޫން އެހެން އެއްވެސް މަންޒަރެއް އެ ދެލޮލުގައި މިވަގުތު ނުވެ އެވެ. 

"މަންމާ، ކިސްވާގެ ފޭކް ޕާޕާއަކީ.." އޭނާގެ ބޮޑު ސިއްރު މަންމައަށް ހާމަކޮށްދެވިއްޖެކަމުގެ ހިތްހަމަޖެހުން ކިސްވާގެ މޫނުމަތީން ސާފުކޮށް ފެނުނެވެ.

"މިހާރު ކެފޭއަށް ނުދާތީ، ފޭކްޕާޕާއާއި ދިމާވެސް ނުވޭ.. މަންމާ، އައި ލައިކް ހިމް އަ ލޮޓް!" ޝައްޔާންގެ ކަނދުރާގައި ދެ އަތް ވަށައިލާފައި ގައިގައި ހުރި ބާރެއްލަމުން ދެމީހުންގެ މޫނު ފިއްތާލީ، ގުދުރަތީ ބާރަކުން އެކަމަށް ކިސްވާއަށް ހިތްވަރުލިބިގެންކަން ޔަގީނެވެ. ލޯބި އެމަންޒަރަށް ބަލަން އަމާރާއަށް ހުރެވުނީ އާޝޯހްވެފަ އެވެ. ޝައްޔާންގެ އެވަގުތުގެ ހާލަތު ބުނެދެވޭނެ ލިޔުންތެރިޔަކު ވުޖޫދުގައި ނުވެ އެވެ. ދުނިޔޭގެ އެންމެ އަގުހުރި ޖަވާހިރު، އަތުގައި އުފުލާލި ފަދައިން ފަރުވާތެރިކަމާއެކު ދެއަތުގެ ތެރޭގައި ދަރިފުޅު ބޮނޑިކޮށްލަމުން މިފަހަރު ޝައްޔާން އަމާރާއަށް ބަލައިލީ، އާދަޔާހިލާފް ނަޒަރަކުންނެވެ. އެ ދެ ލޮލަށް ބަލާނެ ބާރެއް އަމާރާއަށް ނުލިބުނެވެ. އަވަސްއަވަހަށް ސަބާއަށް އިޝާރާތްކުރީ ގެއަށް ދިއަޔަސް އެންމެ ރަގަޅު ކަމަށެވެ. 

"ފޭކް ޕާޕާ...، ހައހއއ..!!!؟؟" ވައިރޯޅިއަށްވެސް ސިއްރުން ޝައްޔާން ސުވާލުކުރީ ކިސްވާއާއި އެވެ. ހޭވިފައިވާ އިސްތަށިތަށް ކަންފަތް ކައިރިއަށް ޖަހައިލަމުން ކިސްވާގެ ކޮލުގައި ޝައްޔާންގެ ތުންފަތް ނުހަނު މަޑުމަޑުން ބީއްސާލި އެވެ.

"މިވަގުތު، ތިޔަ ނަންވެސް ގަބޫލުކުރާނަން.." ތުރުތުރު އަޅަމުން ދިޔަ އަޑުން އަސަރާއެކު ޝައްޔާން ބުނެލި އެވެ.

އަމާރާގެ ހިތުގައި އޮބި އަޅާފައި ލޭ ފެލައިލިޔަސް އެވަރުގެ ރިހުމެއް ނުއުފެދޭނެ އެވެ. ފެންނަމުންދިޔަ މަންޒަރު އޭނާގެ ލޮލުގައި ކިތަންމެ ފަހަރަކު ކުރެހި އެވެ. ނަމަވެސް މި އަސަރެއް، މި އިހްސާސެއް އޭނާއަށް ވަޒަންކުރެވިފައެއް ނެތެވެ. ހަތް އަހަރު ފޮރުވައިގެން ގެންގުޅުނު ދެބަފައިން އެއްތަން އެކުރުވީ ގުދުރަތުގެ ނިޔާއިން، އަމާރާގެ ކުރިމަތީގަ އެވެ.  

"ޔޫ ލުކް ލައިކް މީ ވެން ޔޫ ސްމައިލް،" ތެދެކެވެ. ހިނިތުންވުމުގެ ކާބަން ކޮޕީއެއް ނެގިޔަސް، އެވަރު ފުރިހަމަ ނުވާނެކަން ކަށަވަރެވެ. ދެބަފައިންގެ ހިނިތުންވުމުގައި ތަފާތެއް ނެތެވެ. ކުޑަކުޑަ ކިސްވާއަށް އެކަން ޔަގީންވި އެވެ.

ފޮރުވަމުން، ސިއްރުކުރަމުން ދިޔަ ކަރުނައެއް ނުހިފެހެއްޓުނެވެ. ޝައްޔާންގެ އެސްފިޔަތަށް ފޫއަޅުވާލާފައި ކޯތާފަތް އެ ހުރަސްކުރީ ހޫނުކަރުނައިގެ ވަފުދެކެވެ. މުޅި މޫނު ރަތްވެ، ދެ ތުންފަތް ތުރުތުރުލާންފެށީ އޭނާއަށް ލަފްޒެއްވެސް ނުބުނެވޭ މިންވަރަށެވެ. ނަމަވެސް ދަރިފުޅުގެ ކުރިމަތީގައި ގިސްލުމުގެ އާހެއްގެ އަޑުވެސް ޝައްޔާން އިއްވާނުލާނެ އެވެ.

އަމާރާއާއި ދިމާއަށް ކުއްވެރި ނަޒަރަކުން ޝައްޔާން ބަލައިލިވަގުތު އޭނާގެ މައިބަދައިން ހީބިހި ނެގި އެވެ.

"މަންމާ، އެއްވެސް އެއްޗެއް ނުބުނެ ތިހުރީ ކީއްވެ؟" މައުސޫމް ދަރިފުޅު ސުވާލުކުރީ އޭނާގެ އުފަލުގައި މަންމަ ބައިވެރިވާކަމުގެ އިހްސާސެއް ނުކުރެވުނީތީ އެވެ. ކުއްލިޔަކަށް އަމާރާ ތެޅިގަތެވެ.

"އެއްވެސް ކަމެއް ނުވޭ ދަރިފުޅާ، މަންމަ ސަޕްރައިޒްވީ" މަޑުމަޑުން އަމާރާ ބުނެލި އެވެ.

ޝައްޔާންގެ ލޯތްބާއި އޯގާތެރިކަމުން ފުރިގެންވީ ހަރަކާތަކުން، ބިމުގައި ދަރިފުޅު ބަހަށްޓާލި އެވެ. 

"ސްވީޓްހާޓް، ގެއަށް ހިނގާ.. ފެންވަރައިގެން ނަމާދުކޮށްލާ..! އައި ނީޑް ޓު ޓޯކް ޓު ޔޯ މަންމާ، އޯކޭ؟"ނުހަނު މަޑުމަޑުން ލޯތްބާއެކު ޝައްޔާން ބުނެލި އެވެ. 

"އޯކޭ، ފޭކް ޕާޕާ..!" ކޮނޑުގައި އޮތް ދަބަސް ތަޅުވަމުން ތަޅުވަމުން ކިސްވާ ދުވެފައި އެދިޔައީ ލިފްޓަށް އަރާށެވެ. 

ކިސްވާ ލޯމަތީން ގެއްލެންދެން، ދެމީހުންވެސް ބަލަން ތިއްބެވެ. ދެމެދުގައިވަނީ ނުތަނަވަސްކަމުގެ އޮއެވަރެކެވެ.

"ފޭކް ޕާޕާ" ތަފާތު ގޮތަކަށް ހީލަމުން ޝައްޔާން ބުނެލި އެވެ. އަމިއްލަ ނަފުސަށް މީހަކު މަލާމާތްކުރިޔަސް އެފަދަ ރާގެއްގައި ބުނެނުލާނެ އެވެ. 

"އަހަރެންނަށް ހައްގުވާ މިންވަރަކީ އެއީ.." ރިހުމާއި ވޭނުން ފުރިގެންވީ ބުނެލުމެވެ. ޝައްޔާންއާއި ދިމާއަށް ބަލައިލާނެ ހިތްވަރެއްވެސް އަމާރާގެ ނެތެވެ. ޝައްޔާންގެ ބުނުމަށް، ދޭނެ ޖަވާބެއް ނެތެވެ. ދެބަފައިންގެ މާތްގުޅުމާއި ލޯބީގެ އިންތިހާ އަސަރުތަކަށްފަހު އަމާރާ ބުނާނެ އެކަށްޗެއް ހަގީގަތުގައިވެސް ނެތީ އެވެ. ހަތިޔާރު ބަހައްޓާފައި އަމާން ދިނުން ނޫން އިހްތިޔާރެއް އޭނާއަށް ނެތެވެ. ޝައްޔާންގެ ކޮންމެ ނިންމުމަކަށް މިއަދު އަމާރާ އެއްބަސްވާން މަޖުބޫރުކަމަށް އޭނާގެ ހިތް ބުނެލި އެވެ. އަމާރާއާއި ދާދިގާތަށް ޝައްޔާން ޖެހިލުމުން އޭނާ ނުތަނަވަސްވި އެވެ.

"އިތުރަށް އެންމެ ދޮގެއް ހަދަންވެސް ދެން މަޖުބޫރެއް ނުކުރެވޭނެ!" ދެފަރާތަށް ބޯ ހޫރުވާލާފައި ޝައްޔާން ބުނެލީ ކާމިޔާބު އޮތީ އޭނާއަށްކަން އަމާރާއަށް ސާބިތުކޮށްދިނުމަށެވެ. އިވުނު އަޑާއެކު ކަނދުރާ ސީދާކޮށްލާން އަމާރާއަށް މަޖުބޫރުވި އެވެ.

"އަހަރެންގެ މަންމައާއި ބައްޕައާއި އެ ދެ އާއިލާއާއި މުޅި ދުނިޔޭއަށް އަހަރެންގެ ހަގީގަތް ހާމަކުރާނަން.. ހުރިހާ މީޑިއާއަކުން މިއަދު އަހަރެންގެ ބޮޑު ސިއްރު ހާމަކުރުވާނަން..! އެކަމުގައި އަޅަންޖެހޭ އެންމެ ވިޔަވަޅެއް ހުއްޓުވޭނެ އެއްވެސް މީހަކު ނުހުންނާނެ.." ދެ ކަންފަތަށް ހޮނު ގުގުރިއެއް ޖެހިހެން ހީވުމުން ދެ ލޯ ބޮޑުކޮށްލާފައި އަނގަމަތީގައި އަމާރާ އަތް އެޅި އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;