
އުމުރުން އެންމެ 12 އަހަރުގެ ދީމާ މިހެން ބުނީ، އޮލިމްޕިކް ކޮމިޓީގެ ސެކެއްޓްރީ ޖެނެރަލް އަހްމަދު މަރްޒޫގު ހޯސްޓްކުރެއްވި، "ޗެޓް ވިތް ޗެމްޕްސް" އިންސްޓަގްރާމް ލައިވްގައި ރޭ ވާހަކަ ދައްކަމުންނެވެ. ދީމާ ވަނީ، ދެހާސް ނަވާރަ ވަނަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ތިން ރަން މެޑަލް ހޯދާފައެވެ. އެއީ ސިންގަލްސް ރަން މެޑަލްގެ އިތުރުން ޑަބަލްސް އަދި ޓީމް އިވެންޓުންނެވެ. ރޭ ދީމާ ބުނީ، އުމުރަކީ ހަމަ އެކަނި ނަންބަރެއް ކަމަށާއި، ކާމިޔާބުވާނީ ގަދަ އަޅައި މަސައްކަތްކޮށްގެން ކަމަށެވެ.
ދީމާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި؛ ފޮޓޯ އޮލިމްޕިކް ކޮމިޓީ
ދީމާ ބުނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހޯދި ރަން މެޑަލް ދިފާއު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، މިހާރުއްސުރެ ދެގުނަ މަސައްކަތް ކުރަން ޖެހޭނެ ކަމަށް ދީމާ ބުންޏެވެ. ވަކިން ހާއްސަކޮށް މިހާރު އެންމެންގެ ވެސް އުއްމީދުތައް ޓީޓީ ޓީމާއި މެދު މަތިވާނެ ކަމަށާއި އެހެންކަމުން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ދީމާ ބުންޏެވެ. ދީމާއަކީ، ބައިނަލްއަގްވާމީ ތިން ރަން މެޑަލްއާ އެކު ރާއްޖޭގެ އެންމެ ކާމިޔާބު އެތްލީޓެވެ.