ސީއެންއެމްއަށް މައުލޫމާތު ދެމުން ނަރޫދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ނިޒާރު ވިދާޅުވީ ވެލާ ރިސޯޓުން އެރަށް ދިން އެހީގެ ތަކެތި ބެހުމަށް ކައުންސިލުން ނިންމާ އެކަން ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ކޮންމެ ގެއަކަށް 10 މާސްކާއި އަންގިދޭން ނިންމާފައިވާނެ ކަމަށެވެ. އަދި އެހީގެ ގޮތުގައި ލިބުން ޕެނަޑޯލްތައް ބެހުމަށް ހަމަޖެހިފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މަޝްވަރާއާ ލަފާގެ މަތިންކަމަށެވެ. އަދި ޕިޕީއީ ފަދަ ތަކެތިވެސް ވަކި އުސޫލެއްގެ ތެރެއިން ދޫކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ޑެލިވަރީ ހިދުމަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މާސް އަންގި ދެނީ ދުވާލަކަށް ދެ އަންގީގެ ރޭޓުން ކަމަށެވެ. އަދި ޓާސްކް ފޯހާއި ކަމާ ގުޅޭ ފަރާތްތަކަށްވެސް އެތަކެތި ދޫކުރަނީ ވަކި އުސޫލެއްގެ ދަށުންކަމަށް ނިޒާރު ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް ބޭނުންވާ ތަކެތި ނަރުދޫގެ ރައްޔިތުންނަށް ބެހުމުގެ މަސައްކަތް ކުރަމުން އަންނައިރު އެތަކެތި އެރަށަށް ވެލާ ރިސޯޓުން ފޮނުވީ މިދިޔަ އަންގާރަ ދުވަހު އެވެ. އެގޮތުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 3000 މާސްކާއި އަނގި އަދި 2500 ގުޅަ ޕެނަޑޯލްގެ އިތުރުން 110 ޕީޕީއީ އެވެ.
ކޮވިޑް-19 ގައި ވެލާ ރިސޯޓުގެ އޯނަރުން ވަނީ ރާއްޖެއަށް އެހީތެރިވެފަ އެވެ. އެގޮތުން 10000 ޓެސްޓް ކިޓާއި ފަސް ވެންޓިލޭޓަރުގެ އިތުރުން ރާއްޖެއަށް 100000 ފޭސް މާސްކް އަދި 200 ރެސްޕިރޭޓާ އާއި 500 ޕީޕީއީ ކިޓް ހަދިޔާކޮށްފައިވެ އެވެ.