ސައީދު ކުރައްވާފައިވާ ޓްވީޓްތަކެއްގައި ވިދާޅުވެފައިވަނީ 2004 ވަނަ އަހަރުު ކުރިމަތިވި ސުނާމީ ކާރިސާއާއި ގުޅިގެން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަވަސްވެ ވަޑައިގަތީ ރައްޔިތުންގެ ސަލާމަތަށާއި، އިގްތިސާދުގެ ސަލާމަތަށާއި ސިޔާސީ ހައްޔަރީން ދޫކޮށް މަޝްވަރާ ކުރުމަށްކަމަށެވެ.
އިތުރަށް ވިދާޅުވެފައިވަނީ މިއަދު ދިވެހި ގައުމު ބިކަވެ ، ރައްޔިތުން ނުރައްކަލާއި ކުރިމަތިވެ ، އިގްތިސާދު ފުނޑި، އެތައްހާސް ދިވެހިންގެ ވަޒީފާ ގެއްލި ވިޔަފާރިތައް ބެންކްރަޕްޓް ވަމުންދާއިރު ރައީސް ސޯލިހް އިސްކުރައްވަނީ "ބޯހަރުކަމާއި ގޮތް ދޫނުކުރުން" ކަމަށެވެ.
މީގެ އިތުރުން ސައީދުގެ ޓްވީޓްގައި ބުނެފައިވަނީ ސުނާމީ ކާރިސާއަށްފަހު ރިސޯޓުތަކުގެ ކުލި ފަސްކޮށްދީ ދިވެހިންގެ ވަޒީފާތައް ސަލާމަތްކުރެވި މަޝްވަރާ އިސްކުރެވުނު ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި ރާއްޖޭގެ ތާރީހުގައި ކޮންމެ ވެރިއަކުވެސް އިސްކުރަނީ އެއްބައިވަންތަކަންކަމަށް ސައީދުގެ ޓްވީޓްގައި ވެއެވެ.
ރައީސް ޔާމީން ދޫކޮށްނުލައިގެން ރައީސް ސޯލިހަށް ސައީދު ފާޑު ވިދާޅުވަމުންދާތީ، ސަރުކާރަށް ތާއިދު ކުރާ މަޖިލިސް މެމްބަރަކު ވިދާޅުވީ ސުނާމީ ހާދިސާއަށް ފަހު ރައީސް މައުމޫނުގެ ފިޔަވަޅުތަކުގެ ވާހަކަ ސައީދު ވިދާޅުވާއިރު، އޭރު ހައްޔަރުކޮށްފައިވާ ސިޔާސީ މީހުންނަކީ ކުށެއް ސާބިތުވެގެން ހުކުމް ތަންފީޒު ކުރަން ޖަލަށް ލާފައިވާ ބައެއް ނޫން ކަން ސައީދަށް ނޭނގުމަކީ އޭނާ ކުފޫހަމަނުވާކަމުގެ ހެއްކެއް ކަމަށެވެ.
"ރައީސް މައުމޫނު ކުށްވެރިން ދޫކޮށްލި ވާހަކަ ދައްކާއިރު ސައިދަކަށް ނޭނގޭ އޭރު ހައްޔަރުކޮށްފައި ތިބި މީހުން ތިބި ގޮތެއް. އެނގޭ ނަމަ ސައީދު އެ ވާހަކަ އެ ދައްކަނީ ރައްޔިތުންނަށް އޮޅުވާލުމުގެ އިތުރަށް ސަރުކާރާ ރައްޔިތުން ޖެއްސުމަށް ދައްކާ ވާހަކައެއް އެއީ،" މެމްބަރު ވިދާޅުވި އެވެ.
މެމްބަރު އިތުރަށް ބުނީ ސުނާމީއަށް ފަހު ބަންދުގައި ތިބި މީހުން ދޫކޮށްލި އިރު އެ މީހުންނަކީ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި ބައެއް ކަމަށާއި އެ މީހުންގެ ކުށެއް އޭރު ސާބިތުނުވާ ކަމަށެވެ. އަދި ހައްޔަރުކޮށްފައިވާ 100 އަށްވުރެ ގިނަ ސިޔާސީ މީހުންނާ ނުލައި ސުނާމީގައި ލިބުނު ގެއްލުން ފޫބެއްދޭވަރުގެ ގާބިލްކަމެއް އޭރު ސަރުކާރުގައި ނެތް ކަމަށާއި އަނެއްކާ އެ މީހުންނަކީ ގައުމުގައި ނަގާ ކިޔަން ތިބި އިސް ސިޔާސީ މީހުން ކަމަށެވެ.
ފަށްފަށްކޮށްފައި ރައީސް މައުމޫނު ސުނާމީއަށް ފަހު އަމލު ކުރިގޮތުގެ ވާހަކަ ސައީދު ދައްކާއިރު އެ ދުވަހުގެ ހާލަތާއި މިއަދާ ނުބައްދަލު ކަމަށާއި ސައީދު ކަން ބޮވެގެން އުޅެނީ ރައްޔިތުންގެ މާލިއްޔަތުން ވައްކަން ކުރިކަން ޝަރީއަތަށް ސާބިތުވެގެން ޖަލަށް ލާފައިވާ ރައީސް ޔާމީން ދޫކޮށްނުލައިގެން ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.
މެމްބަރު އިތުރަށް ވިދާޅުވީ ރައީސް ޔާމީނާ، 2004 ގައި ދޫކޮށްލި ސިޔާސީ ހައްޔަރީންނާ އަޅާ ކިޔޭނެ އެއްވެސް ހަމައެއް ނެތް ކަމަށާއި އެހެން ކަމުން ސައީދު ކަން ބޮޑުވެ ސަރުކާރާއި ރައީސް ސޯލިހަށް ފާޑު ވިދާޅުވުމަކީ ސައީދުގެ ކުރިމަތީގައި އިންސާފުން ކިރާނެ ހަމައެއް ނެތްކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެ ވާހަކަތަކުން އެނގޭނެ ކަމަށެވެ.
އަނެއްކާ ސައީދު އެ ވާހަކަ ދައްކާ ސަރުކާރަށް ގޮވާލާ ގޮވާލުންތަކަކީ ސީދާ ރައީސް ޔާމީނުގެ ސިޔާސަތާ ދެކޮޅު ގޮވާލެއްވުމެއް ކަމަށާއި އެކަން އެނގި ހާމަވަނީ ހުކުމް ތަންފީޒު ކުރާ މީހުން ދޫކޮށްލުމަކީ ރައީސްކަމުގައި ހުންނަ މީހަކު ކުރާ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.