ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު 1 ޑިސެމްބަރު 2028ގައި ހަމަވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފަ އެވެ.
ގާނޫނުއަސާސީގައި އޮންނަ ގޮތުން، މަޖިލީހުގެ ދައުރު ބަދަލުކުރާ އިސްލާހެއް ތަސްދީގުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ.
އެހެންވެ، މިދިޔަ މަހު 16ގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ނިންމެވީ އަންނަ 4 އޭޕްރީލްގައި މި ފެންނަ ނުފެންނަ ވޯޓު ނެގުމަށެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެސް އޮންނަ ދުވަހެވެ.
ރިފަރެންޑަމް ވޯޓެ ނެގުމާ ދެކޮޅަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ހަސަން މިއަދު ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކުރާ ދައުލަތުގެ މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަންކުރުން އެކުގައި ކުރިއަށް ގެންދިއުމުގެ ބަދަލުގައި އެކި ދުވަސްވަރަށް ދައުރު ހަމަވާ ގޮތަށް ގެނައީ ވެސް ގަސްތުގައި ކަމަށެވެ. އެހެން ނޫނީ އެއްފަހަރާ މުއައްސަސާތަކުގެ ކޮންޓްރޯލް ނެގުމުގެ ފުރުސަތު އޮވެދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި އޮތުމުން ދައުލަތުގެ ހަރަދު ކުޑަ ވާނެ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދުދެއްވާ ހަސަން ވިދާޅުވީ ހަރަދު ކުޑަ ކުވޭނެ އެހެން ބައިވަރު ގޮތައްތައް އެބަހުރި ކަމަށެވެ.
ހަސަން އިތުރަށް ވިދާޅުވީ މި ފެންނަނުފެންނަ ވޯޓު ޕީއެންސީއަށް ކާމިޔާބުވެއްޖެނަމަ، ދެން އިންތިހާބުކުރާ މެންބަރުންތަކަކަށްފަހު ރައްޔިތުންގެ މަޖިލީހަށް މެންބަރުން އައްޔަންކުރުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަށާއި ޖުޑިޝަރީއަށް ވެސް ސީދާ ރައީސް މެންބަރުން އައްޔަންކުރަން ފެށުމަކީ ވެސް ވެދާނެ ކަމެއް ކަމަށެވެ.
ހަސަންގެ ވާހަކައަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގައި ހަތަރު ދައުރު މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މާރިޔާ އަހުމަދު ދީދީ ވެސް ވިދާޅުވީ ހާއްސަ މަޖިލީޙުގައި ވެސް އަބަދުވެސް ވިސްނުން ގެންގުޅުނު ކަމަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވާ ދުވަހާ ދޭތެރޭގައި މުއްދަތެއް ހިމެނުން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެކުރިން ނިޒާމީ ވޯޓާ ގުޅޭ ރިފަރެންޑަމުގައި ވެސް ރައްޔިތުން ގާތަށް ސަރުކާރުންނާއި، ސިޔާސީ ފަރާތްތައް ވެސް ގޮސް ހޭލުންތެރިކުރުވުމަށް އެތައް މަސައްކަތެއް ކުރިކަމަށް މާރިޔާ ވިދާޅުވި އެވެ. އެގޮތުން ބަރުލަމާނީއާއ ރިޔާސީ ނިޒާމަކީ ކޮބައިކަމާއި ގޮތް ނިންމާނީ ކިހިނެއްކަމާ ގުޅޭ އެތައް މައުލޫމާތެއް ހިއްސާކުރިކަމަށް ވިދާޅުވި އެވެ.
ހަމައެއާއެކު ރައީސް މައުމޫން އަބްދުލްގައްޔޫމު އެ މަނިކުފާނުގެ ވެރިކަމުގެ ދިގު 30 އަހަރުގައިވެސް އިސްލާހީ އެޖެންޑާގެ ތެރެއިން ގާނޫނު އަސާސީ ބަދަލުކުރެއްވުމަށް މަސައްކަތްޕުޅުކުރެއްވިއިރު، ރައްޔިތުންނަށް އެކަމާ ބެހޭގޮތުން ބަހުސްކުރަން ފުރުސަތު ދެއްވި ކަމަށް ވިދާޅުވި އެވެ.
ދުނިޔޭގެ ގައުމުތަކުގައި ގާނޫނު އަސާސީތައް ބަދަލުކުރާއިރު އެކަމަކާ ބެހޭގޮތުން އިލްމުވެރިންނާއި، ވަކީލުންނާއި، ސިޔާސީ ފަރާތްތަކާއި، އާންމުން އެއްވެ ފުޅާދާއިރާއެއްގައި ބަހުސްކުރާކަމަށް މާރިޔާ ވިދާޅުވި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވިދާޅުވީ ދެ އިންތިހާބު އެއްކުރަނީ ހަރަދުކުޑަކުރަންކަމަށް މި ސަރުކާރުން ބުނުމަކީ މަލާމާތެއް ކަމަށެވެ. އަދި މިއީ ޑިމޮކްރަސީ ހަރުދަނާކުރަން ކުރާ ކަމެކޭ ބުނުމަކީ ވެސް "ހިނިއަންނަ" ޒާތުގެ ވާހަކައެއްކަމަށް އީވާ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުން ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށެވެ. އެގޮތުން މިހާރު ހުރި ލަފާކުރުންތަކަށް ބަލާއިރު އެ ފިޔަވަޅާ އެކު އަހަރަކު 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވެފައި ވެ އެވެ.
އެއާ އެކު، ދެ އިންތިހާބު އެއްކޮށްލުމުން ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަތިވާނެ ކަމަށް ޕީއެންސީން ގަބޫލުކުރެ އެވެ.
ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅު ހަރަކާތެއް ފެށުމަށް އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ އާއި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އެމްޑީޕީ އާއި ޑިމޮކްރެޓްސްގައި ވެސް އިސްކޮށް މަސައްކަތް ކުރެއްވި ހަސަން ލަތީފާއި ޖުމްހޫރީ ޕާޓީގެ އިސް ދެ މެމްބަރުންގެ ގޮތުގައި ތިއްބެވި ގާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިންގެ އިތުރުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އައިމަން ރަޝީދު އެވެ.
މި ވޯޓުގައި ރައްޔިތުންނާ ކުރިމަތިލާނީ ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހާ ގުޅޭ ސުވާލެކެވެ. އެއީ؛
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"
މި ވޯޓުގައި ރައްޔިތުންގެ ތާއިދު އޮތް ކަމަށް ފާސްވެއްޖެނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވާނީ އެކުއެކީގައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;