ނެގިނެގިފައި ޖެހެމުންދިޔަ މޭގައި އޮބިއަޅައި، މޫނުމަތީގެ އުދާސްކަން ސިއްރުކުރީމެވެ. ލޯތްބާއެކު ރާބިތުގެ ބޮލުގެ އިސްތަށިގަނޑުގައި ފިރުމާލީމެވެ. ޗޮކެއް ކަނޑާލާފައި ހިނިތުންވީމެވެ.
''ދަރިފުޅާއި އެންމެ ގާތުގައި ދަރިފުޅުގެ މަންމަ އަބަދުވެސް ވާނެ، ދަރިފުޅުގެ ހިތާއި، ނަފުސާއި ދަރިފުޅުގެ ހިޔާލްތަކުގައިވެސް އަބަދުވެސް އެންމެ ގާތުގައި ވާނީ ދަރިފުޅުގެ އަސްލު މަންމަ" މަޑުމަޑުން ބުނީމެވެ.
ކުއްލިޔަކަށް އަހަރެންގެ އަތުގައި ވަރަށް ބާރަށް ރާބިތު ހިފެހެއްޓި އެވެ. ކިތަންމެ ލޯބިން އަހަރެން ބުނި ނަމަވެސް، ރާބިތުގެ ބޮލުން އިޝާރާތްކުރީ އަހަރެން އެ ބުނި ބުނުމާއި އޭނާ ދެކޮޅުކަމެވެ.
ހަދާނެ ގޮތް ބޮޑުވި އެވެ. ރަޝްދާން ފެންނާކަށް ނެތެވެ. އަހަރެންގެ މޭގެ ތެޅުން ރާބިތުއަށް އިވިދާނެތީ ޖެހިލުންވި އެވެ. އޭނާގެ އިނގިލިތަކުގެ ނިޝާން އަހަރެންގެ އަތުން ފެންނާން ހުންނާނެހައި ބާރަށް އަތުގައި ހިފައި ބާރުކޮށްލި އެވެ.
"ނޫން، އަސްލު މަންމަ ދިރިއުޅެނީ މިގޭގައި.. މިތާގައި.. ސިޓިންގ ރޫމްގައި.. ބަދިގޭގައި.. ތި ކޮޓަރީގައި.. ފިނިފެންމާ ގަސްތަކުގެ ތެރޭގައި.. ރާބިތު ކައިރިއަށްވެސް އަސްލު މަންމަ އާދޭ'' ވަރަށް މަޑުމަޑުން ސިއްރު ސިއްރުން ރާބިތު އަހަރެންގެ ކަންފަތް ބުޑުގައި ބުނެލި އެވެ.
މައިބަދައިން ވާގި ދޫވިހެން ހީވުމުން އަހަރެން އަރި އަޅައިލި އެވެ. ނަމަވެސް މިފަދަ ވަގުތެއްގައި ބަލިކަށިވުމަކީ އަހަރެންގެ ތަބީއަތާއި އަރާރުންވާ ކަމެކެވެ. ނެއް ހިތްވަރުގައިވެސް ހިނިތުންވާން ޖެހުނު ސަބަބަކީ ރާބިތު އެވެ. ވަހުމެއް ކަމަށް ސިކުނޑިއަށް ވިސްނާއިދީފައި ރާބިތުގެ މޫނުގެ ދެ ފަރާތުން ހިފަހައްޓާލީމެވެ. އެއީ ހުވަފެނެއްކަމާއި ކުރުސިއާއި ޝަހާދަތް އަދި ފަލްގްނާސި ތިން ސޫރަތް އަލުން ކިޔާލައިގެން ނިދާލަން ބުނީމެވެ.
އަހަރެންގެ ފޯނުން ބަގަރާ ސޫރަތް ޖަހާލާފައި ރާބީތުގެ ދާދިގާތުގައި ބޭއްވީމެވެ.
އޭނާގެ ގައިމަތީ އޮތް ޑުއެޓް ރަގަޅުކޮށްލާފައި ނިކުތުމަށް އެނބުރެލި ވަގުތު އަނެއްކާވެސް އެއްލި އަތުން ވަރަށް ބާރަށް އަހަރެންގެ އަތުގައި ރާބިތު ހިފި އެވެ.
އޮށޯވެ އޮތް ދަރިފުޅު ތެދުވެ، އެނދުމަތީގައި އިށީނެވެ. އަހަރެންގެ އަތަކުން އޭނާ ދުލެއް ނުކުރެ އެވެ. ބަލަހައްޓައިގެން އިނީ ސީދާ އަހަރެންގެ ލޮލަށެވެ. ދޭތެރެއަކުން ކޮޓަރީގެ ދޮރާއި ދިމާއަށް ބަލައިލަ އެވެ.
ހިތާއި ދުލުންވެސް އެތަށް ދުއާއެއް ކުރެވުނު ވަގުތުކޮޅެކެވެ. ފަހަތް ބަލައިލާކަށްވެސް ނުކެރުނެވެ. އަތުގައި އޮތް ވާހަކަ ފޮތް ލެވުނު ތަނެއްވެސް ނޭގެ އެވެ. ސިކުނޑި ފުރިހަމައަށް މަސައްކަތެއް ނުކުރެ އެވެ. ގަތްފައިވާ ބިރުން އަހަރެންގެ ނިއްކުރިން ދާ ބޮކިތަށް ހިއްލާން ފަށައިފި އެވެ. އެކަމަކު އެތަނުން ނިކުމެވޭކަށްވެސް ނެތެވެ. ބޮނޑިވެ އޮލަޖެހެމުންދިޔަ ސިކުނޑީގެ އިހްސާސްތަށް އެއްފަރާތް ކުރެވޭތޯ މަސައްކަތް ފެށީމެވެ.
ރާބިތުގެ ނުތަނަވަސްކަމުގައި އަހަރެންނާއެކު މި 'އައު އާއިލާ'އަށް އޭނާއަށް އަދިވެސް ހަމަޖެހިނުލެވިގެން އުޅެނީކަމަށް ގަބޫކުރެވޭތޯ މަސައްކަތްކުރީމެވެ. ކޮންމެ ބަދަލަކަށް ފަރިތަވުމަށް އިންސާނެއްގެ ހިތާއި ސިކުނޑިއަށް ވަގުތު ބޭނުންވާނެ އެވެ.
އެތަށް ވާހަކައެއް ދައްކައިގެން ރާބިތު އަލުން ބޭއްވުނެވެ. ނިދެންދެން އޭނާގެ ގާތުގައި އަހަރެން އިނީމެވެ. ހިތާއި ސިކުނޑީގައި ދައުރުވަމުންދިޔަ އެތަށް ހާދިސާތަކެއް، އެހެން މީހަކާއި ހިއްސާކުރާނެ ހިތްވަރެއް ނެތެވެ. ގޭތެރެއިން ފެނި، ނުވަތަ އިހްސާސް ވެފައިވާ އެތަށް ކަމަކީ ވަހުމެއް ނޫންކަމަށް ގަބޫލުކުރަން މިރޭ މަޖުބޫރުވެއްޖެ އެވެ. އެކަމަކު މިކަންކަން އަހަރެންގެ ފިރިމީހާ ގަބޫލުކުރާނެތޯ ނޫންތޯ އެއީ ސުވާލެކެވެ! ނުވަތަ މިއީ އޭނާއަށް އާ ވާހަކައެއްތޯ މިކަން އޭނާއަށް ދިމާވޭތޯ ނޫންތޯވެސް އެއީ ސުވާލެކެވެ! އެހެންކަމަށް ވަންޏާއި އަހަރެންނާއި އެކަން ހިއްސާ ނުކުރަނީ ކީއްވެބާއެވެ؟
ގެވެހި ގިނަ ސިފަތަކެއް އަހަރެންގެ ކިބައިގައި ނެތަސް، ރަޝްދާން އެންމެ ބޭނުންވާނެ ގޮތަށް މުޅި ގޭތެރެއާއި ގޯތިތެރެ އަދި ބަދިގެއާއި ފާހާނާތަށްވެސް ސާފުކޮށް ތަރުތީބު ކުރުމަށް އަހަރެން ވަރަށް މަސައްކަތްކުރަމެވެ. އެއިން ކަމަކަށް ހިތްހަމަނުޖެހިގެން ދުވަހެއްގައިވެސް އެއްޗެއް ނުބުނެ އެވެ. ތަރުތީބު ބަދަލުކޮށްފައި ހުންނަނީ އަހަރެންގެ މަސައްކަތާއިމެދު މާބޮޑަށް ހިތްހަމަ ނުޖެހޭތީ ކަމަށް ބައެއް ފަހަރު ހިތައްވެސް އަރާ އެވެ.
ފެށުނީއްސުރެން، ފާހަގަކުރެވުނު ކުދިކުދި ކަންކަން އަހަރެން ނިންމައިގެން ހުރީ އެއީ ރަޝްދާން ނުވަތަ ރާބިތުގެ ކަމެއްކަމަށެވެ. އިވުނު އަޑުތަކަށްފަހު އަހަރެން ގަބޫލުކޮށްގެން ހުރި ހަގީގަތް ބަދަލުވެއްޖެ އެވެ. ގޭތެރެ ކިތަންމެ ތަރުތީބަސް، އަހަރެން ބަހަށްޓާ ތަންތަނުގެ ތަރުތީބު ބަދަލުވެފައި ހުންނަ ހުރުން އެއީ ރާބިތު ނުވަތަ ރަޝްދާންގެ ކަމެއް ނޫންކަން ޔަގީންވެއްޖެ އެވެ. ގޭސް އުނދުން ނިވާލެވުނު ތޯ ދެފަހަރު ނުވަތަ ތިންފަހަރުވެސް އަހަރެން ބަލަމެވެ. އެކަމަކު ބަދިގެއަށް ވަދެލާ ކިތަންމެ ފަހަރަކު އުނދުން ރޯވެފައި ހުއްޓައި ދެކެމެވެ. ހައިރާންވެ އަންތަރީސް ވެ އެވެ. އެކަމަކު އަހަރެންގެ ހަނދާން ބަލީކަމަށް ނިންމާފައި ހިތްހަމަޖައްސާލަނީ އެވެ.
އަލާމާރީގައި އިސްތިރިކޮށްފައި އަހަރެން ބަހައްޓާ ތަރުތީބު ބަދަލުކުރަނީ ރަޝްދާން ކަމަށް ހީވެފައި އޮތް އޮތުން ބަދަލުވެއްޖެ އެވެ. އަހަރެން އޮށޯންނަށް އަންނައިރު އެނދުގައި އަހަރެން އޮންނަ ފަޅީގައި ރޫ ޖެހިފައި އޮންނަނީވެސް އެތަނުގައި ރަޝްދާން އޮވެގެން ނޫންކަމަށް ހިތް ބުނެފި އެވެ.
ހާއްސަކޮށް ރަޝްދާންގެ އަމިއްލަ ތަކެއްޗާއި ރާބިތުގެ އަމިއްލަ ތަކެތި އަހަރެން ބަހަށްޓާ ތަރުތީބާއި ތަންތަން ހުންނަނީ ބަދަލުވެފަ އެވެ. ބަދިގޭގެ ތަކެތި އަހަންނަށް އެންމެ ހިތްގައިމު ގޮތަށް ކޮންމެ ދުވަހަކުވެސް ބަދަލު ކުރަމެވެ. އެ އާދަތަކަށް ކޮންމެވެސް ދުވަހަކުން އަހަރެންގެ ފިރިމީހާއާއި ދަރިފުޅު ހިތް ރުހޭނެކަން ޔަގީންކޮށްގެންނެވެ.
ހަމަސް، ހަތް މަސް ފާއިތުވީއިރުވެސް އަހަރެންގެ ރުހުން، ކުޑަމިނުން ބަދިގެއަށް އިހްތިޔާރު ނުކުރެވޭތީ އެކަމާއި ކިތަންމެ ދުވަހަކު ވިސްނީމެވެ.
ސުވާލު ކުރާން ނުކެރެނީ، އެ ގެއަކީ ވަކި މީހަކަށް ރަޝްދާން ހަދައިދީފައިވާ ގެއަކަށްވެފައި، އަހަންނަކީ އަދިވެސް މުޅިން އައު މެހެމާނެއްކަން އިހްސާސްވާ އެތަށް ކަމެއް ގޭތެރެއިން ފެނި އިހްސާސްވާތީ އެވެ.
ހަގީގަތް އެނގުނު އިރު އަހަރެން ބިރުން ފިތްކަނޑައިގެން ހިގައްޖެ އެވެ. އަހަންނާއި ރަޝްދާންގެ ނިދާ ކޮޓަރީންވެސް އަހަރުމެންގެ 'އަމިއްލަ ވަގުތުތަކުގައިވެސް' ތަފާތު ކަންކަން އެތައް ފަހަރަކު ފާހަގަވެފައި އެބަހުއްޓެވެ. އެއީ އަހަރެންގެ ހިޔާލް ނުވަތަ ވަހުމުކަމުގައި ނިންމާފައިވާނީ ރަޝްދާންގެ ހަގީގީ ލޯބި އަދިވެސް ހާސިލް ނުވަނީ ކަމަށް ހިތް ބުނާތީ އެވެ.
އަހަރެން އަތް ލާފައި ހުންނަ ކޮންމެ އެއްޗެއް ބަދަލުކޮށްފައި ހުންނަކަން އަބަދުވެސް ފާހަގަކުރަމެވެ. ހަޔާތު ރަޝްދާންއަށް ދިންފަދަ ފުރިހަމަ ދިރިއުޅުމެއް އަހަރެންގެ މަސައްކަތުން ދުވަހަކުވެސް ނުދެވޭނެ ކަމަށް ނިންމީމެވެ. އަހަރެންގެ ޝައްކު ބަލި ހުންނަނީކަމަށްވެސް އެތަށް ފަހަރަކު އަމިއްލަ ނަފުސާއިވެސް ބަހުސްކުރީމެވެ.
ދާދި ފަހުން ވަރަށް ރީތި ކަބަޑެއް އަހަރެން ގަތީމެވެ. އޭގެ މަތީގައި އަހަރުމެން ތިން މީހުންގެ ފޮޓޯ އަހަރެން ބެހެއްޓީމެވެ. ކޮންމެ ދުވަހެއްގެ ހެނދުނު ނިކުންނަ އިރު އަހަރެންގެ ފޮޓޯ ބަންޑުން ޖަހާފައި އޮންނަނީ ރާބިތުކަމަށް ހީވާހީވުން ބަދަލުވެއްޖެ އެވެ. އަހަރެން ހީކުރީ އަހަރެންގެ ފޮޓޯއާއެކު އެ ދެބަފައިންގެ ފޮޓޯ ބަހަށްޓަން ރާބިތުގެ ހިތްހަމަނުޖެހެނީ ކަމަށެވެ.
ރަޝްދާންއަށް މިކަން ބުނެދެވޭނެ ގޮތަކާއިމެދު ވަރަށް ވިސްނީމެވެ. މި ހިނގާ ކަންކަން އޭނާއަށްވެސް އެނގެން ޖެހޭކަމަށް އަހަރެން ގަބޫލުކުރީ އެވެ. އެހެންނޫނީ އަހަރެންގެ ސިކުނޑި ހަމައިން ނެއްޓި، މޮޔަވެދާނެ އެވެ. ފާހާނާގައި ފެންވަރާން ހުންނަ ވަގުތުތަކުގައިވެސް އެކި ކަހަލަ ގޯނާ ކުރުން އާންމުވެއްޖެ އެވެ. އަހަރެންގެ ގައިގެ އެތަން މިތަން ނޫފައި ގަތްފައި ހުއްޓައި ފެނުނަސް ރަޝްދާން ސުވާލު ނުކުރާތީ ހައިރާންވި އެވެ.
ގޭގައި އެކަނިވާ ކޮންމެ ވަގުތެއްގައި ސޯފާއިން ތެދުވާން ނުކެރޭ ހިސާބަށް ނުތަނަވަސްކަން ހިގައްޖެ އެވެ.
ފާއިތުވި ހަފްތާއެއްހައި ދުވަހު އަހަރެން ކުރި ބުރަ މަސައްކަތް ނިމިއްޖެ އެވެ. މިއީ އެކަމުގެ ނަތީޖާގެ ވަގުތެވެ. ސާފުބަހުން މި ހާދިސާތަށް ރަޝްދާންއާއި ހިއްސާކުރުމަކީ މާނައެއް އޮތްކަމެއް ނޫނެވެ. ހަޔާތުއާއި ގުޅޭގޮތުން މިފަދަ ވާހަކައެއް ދެއްކުމުގެ ކުރިން ހާސް ފަހަރު އަހަރެން ވިސްނާންޖެހެ އެވެ. މިއީ މިކަމަށް އަހަންނަށް ފެނުނު އެންމެ ރަގަޅު ގޮތެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;